ކުއްލިއަކަށް ހިޔާލަށް އައީ މީގެ ވިއްސަކަށް ނުވަތަ ފަންސަވީހަކަށް އަހަރުގެ ކުރީގެ ހަނދާންތަކެކެވެ. އިރު ދުނިޔެ މައްޗައް އަލިކުރަމުން އަންނަ ހިތްގައިމު ފަތިހުގެ ވަގުތު މާހައުލުން އިވޭ ހާލާއި ކާޅާއި ކޮވެލީގެ ގޮވުންތަކާއި އެކުވެ މަސްހުނިވެ އިވިގެންދާ އެއް އަޑަކީ މަގުތައް މަތީގައި އަންހެން ކަނބަލުން އެބައި މީހުންގެ އިލޮށިފަތި ތަކުން ފަތްތައަކާއި ކުނިތައް އެއްކުުރުމަށް ކާއްތާ އަޑެވެ. ރަށުތެރެ ސާފުކޮށް ބޭއްވުމަށް މިދެންނެވި އިލޮށިފަތިތައް ހިފައިގެން ހަފްތާގެ ވަކި ދުވަސްތަކެއް ކަނޑަ އަޅައިގެން ނިކުމެއެވެ. މިހާރު ވެސް މިއާދަ ބައެއް ރަށްރަށުގައި އެބައޮތެވެ.
ނަމަވެސް ޒަމާނަށް އައި ބަދަލާ އެކު މިހާރު މާލޭގެ ގެއެއްގެ ތެރެއިން އިލޮށިފައްޗެއް ފެންނަލެއް ވަރަށް ވެސް މަދެވެ. ހަމައެކަނި އެނދުމަތި ފޮޅާލުމަށް ބޭނުން ކުރާ އެއްޗެއްގެ މަގާމު މިއަދު ލިބިފައި ވިޔަސް އިލޮށިފައްޗަކީ އަޅުގަނޑުމެން ދިވެހިންގެ މާޒީގެ އެކުވެރިއެވެ. ގޭދޮށާއި ރަށުތެރެ ސާފްތާހިރުކޮށް ބާއްވަދިން މިތުރެކެވެ. ބަދިގެ ފުޅަލި ގާތްކޮށް މަޅިގަނޑު އަޅުވާފައި ހުރި ނަމަވެސް ބިތްފަޅާލާފައި ވަންނަ ބައޯކަލޯ ނުވަތަ ވަގު ބުޅާ ފަހާލަދޭ ހަތިޔާރެކެވެ. ދަރިންނަށް އުނގަންނައި ދިނުމަށް ވޮށުފިލާ އަޅާ ފިލާގަނޑުގައި ލިޔުމަށް ބޭނުން ކުރި ގަލަމަކީ ވެސް ހަމަ އިލޮށިފަތީގެ އާއިލީ މެންބަރުންގެ ތެރެއިން މެންބަރެއްގެ ބުރި ވަރެކެވެ. ކިޔަވަން ގެންގުޅޭ ޢައްމާފޮތައް ލާން ދަރިފުޅުގެ އަތައް ދެނީ ވެސް އިލޮށިކޮޅެކެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ވެސް ނުހަނު މުހިއްމު ރޯލެއް އިލޮށިފަތި ކުޅެދީފައި ވެއެވެ.
އަނެއްކާވެސް ހަނދާނެއް އާކޮށްލާނަމެވެ. ވަރަށް ގާތް ރައްޓެއްސަކު ހިއްސާކުރި އޭނާގެ ދިރިއުޅުމުގެ ވާހަކައެކެވެ. ތަރުބިއްޔަތުގެ ތެރެއިން ކަމެއް ނޫނެވެ. ނަމަވެސް އިލޮށިފަތީގެ ހާދިސާއެކެވެ.
ދުވަސްވަރަކީ ރަށްތަކަށް ޓީވީ ތައާރަފްވެގެން އައި ދުވަސްވަރެވެ. ރޭގަނޑު މަގުތަކުގައި މާބޮޑު އަލިކަމެއް ނުހުރެ އެވެ. ނަމަވެސް ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ޓީވީ އިން 8ގެ ހަބަރު ބެލުމަށް އެއް ގެއެއް ގެ ދޮށަށް ޖަމާވެތިބެ އެވެ. މިދެންނެވި އެކުވެރިޔާ އަކީ އޭރު 10ވަރަކަށް އަހަރުގެ ކުޑަކުއްޖެއް ނަމަވެސް އޭނާ ވެސް ފާރުބުރިއެއް ކައިރީގައި މަޑުކޮށްލައިގެން ހުރީ ޓިވީން ދައްކަމުން ދިޔަ ޕްރޮގްރާމަކަށް ގެއްލިފައެވެ. ކުއްލިއަކަށް ހިތާއި ސިކުނޑިއަށް އަދި ނަފްސަށް ބޮޑު ސިހުމެއް އައީ ފަހަތުން އައި އިލޮށިފަތީގެ ވަރުގަދަ ހަމަލާއަކުންނެވެ.
ފަސްއެނބުރި ބަލާލަން ފުރުސަތެއް ނުލިބި އުޅެނިކޮށް އެއް އަތުގައި ހިފާ ދަމަމުން އިލޮށިފަތިން ތަޅަމުން ގެއާއި ދިމާލަށް ދަމާފައި އެބަ ގެންދެ އެވެ. ހޮޅިބުރި ހުރި މަގަކަށް އެޅުމާ އެކު އިލޮށިފަތި ހިފައިގެން ހުރި އަންހެންމީހާ އެކުވެރިޔާގެ މޫނަށް ބަލާލައިފި އެވެ. ކަމަކު ދާކަށް ނެތެވެ. މިއޮތް ހުރިހާ އިރު ތަޅަމުން ގެއަށް މިގެންދެވެނީ އޭނާގެ ހަސަނެއް ނޫނެވެ. ސަކީނާގެ އަހްމަދެވެ. ވީދެރަޔާއި ގަތް ލަދުން އަހްމަދު މަގުމައްޗަށް ދޫކޮށްލާފައި ދިޔައިރު އެ ސޮރުގެ ފައިގެ ފަލަމަސް ގަނޑުން ދިލަ ނަގަ އެވެ. އެހެންކަމުން އިލޮށިފަތި ވެގެން ގޮސްފައި މިވަނީ ދަރިންނަށް އަދަބު ދޭ ހަތިޔާރަކަށްވެސް މެއެވެ.
އިލޮށިފައްޗާއި ފިހިގަނޑުގެ ޒަމާން ދެކިފައިވާ ދުވަސްވީ މީހުންގެ ހިޔާލަށް ބަލާލާއިރު އެމީހުންގެ ވިސްނުމުގައި މިހާރު ވެސް ރަނގަޅީ ހަމަ އިލޮށިފައްޗެވެ. އަތާއި އުނަގަނޑަށް ކަސްރަތު ލިއްބައިދޭ އެއްޗަކީ އިލޮށިފައްޗެވެ. ކަންނެތްކަން ފިލުވާލާ އެކުވެރިކަން އާލާކޮށް ދޭ އެއްޗެއްގެ ގޮތުގައި އިހުގެ ދިވެހިން އަދި ވެސް ބުނަނީ އިލޮށިފަތީގެ ނަމެވެ.