ads
އުމުރަށް ތިޔަ ނަމުގާ
އުމުރަށް ތިޔަ ނަމުގާ
13 ވަނަ ބައި
Advertisement

ސިކުނޑީ ފަޅައިގެން ދާންއުޅޭފަދަ އުންދަގޫ އިޙްސާސެއް ޔަނާލްއަށް ކުރެވުނެވެ. ބޮލުގެ އިސްތަށިތަކުގެތެރެއަށް އިނގިލިތައް ވައްދާލާފައި ގައިގައިހުރި ބާރެއްލާފައި އިސްތަށިތަކުގެ ބުޑަށް ވާންކޮށްލިއެވެ. ދެލޮލުން އޮހޮރިގަތީ ހިފެހެއްޓުމެއް ނެތް ހޫނު ކަރުނައެވެ. ކިތަންމެ ހިތްވަރުގަދަ މީހެއްގެ ގޮތުގައި އެހެން ލޯތަކަށް ޔަނާލް ފެނުނަސް، އަމިއްލަ ނަފުސަށް އެކަން ގަބޫލުކުރަން  ދެކޮޅުހަދަނީ އެސަބަބަށްޓަކައެވެ. ނިމާގެ ހަނދާންތަކުން ޔަނާލް ރޮއްވާލަނީ ހިތްދަތި ރުއިމަކުންނެވެ. 

ގާތުގައި އޮތް ބާލީސްނަގައި މޫނުމަތީގައި އަޅައި ވަރަށް ބާރަށް އޮއްބާލާފައި ޔަނާލް ރޯންފެށިއެވެ. 

ބާލީހުގެ ތެރެއިން އަޑުފުރޭނިގެން ކޮޓަރީގެ ހަތަރު ފާރުން ބޭރަށް އެއަޑު ނުނިކުންނާނެކަން ޔަގީންވާތީ ހިތްފުރެންދެން ރޯލިއެވެ. އެއީ ޔަނާލްގެ އާދައެވެ. އެކަނިވެރިކަން ތަހަންމަލްކުރުމަކީ ފަސޭހަކަމެއްނޫނެވެ. އެހެންމީހުންގެ ކުރިމަތީގައި ހިނިތުންވިޔަސް، ޔަނާލްގެ ހިތުގައިވަނީ އިންތިހާ ވޭނެކެވެ. 

"އަހަންނަށް މައާފުކުރޭ ނިމާ.. މައުސޫމުކަމާއި ހަމަހިމޭންކަމުގެ ފަހަތުގައި އެވަރުގެ އަނިޔާވެރިކަމެއް އޮތްކަން އެނގުނުނަމަ، އަހަރެންގެ ފުރާނަ ގުރުބާންކޮށްފައިވެސް ނިމާ ސަލާމަތްކުރީމުސް.. ކީއްވެ ނުބުނީ؟ ކީއްވެ ނުބުނީ؟  ތަހަންމަލްކުރަމުންދިޔަ އަނިޔާގެ ވާހަކަ ހިއްސާނުކުރީ ކީއްވެ؟" އަމިއްލަ ނަފުސު ކުށްވެރިކުރެވި ޔަނާލްވަނީ ވަރުބަލިވެފައެވެ.

ޝެނީންގެ މެސެޖްތަކުގައި ލިޔެފައިހުރި ވާހަކަތައް ގަބޫލުކުރަން މަޖުބޫރުވަނީ، މުސްތޮފާބެގެ ފަރާތުން ފެނިފައިވާ ކަންކަމަށް ބަލާފައެވެ. މެންދަމުގެ ވަގުތުގައި ކޮންމެ ރެއަކު ނިމާ ރޯއަޑު އިވުނަސް، އެއިގެ ހަގީގަތާއި ކުރިމަތި ނުލެވުނީތީ މިއަދު ޔަނާލްގެ އަމިއްލަ ނަފުސު ކުއްވެރި ކުރެވިއްޖެއެވެ. ޒަޚަމުވެފައިވާ ހިތަކަށް އިތުރު ވޭނެއް ތަހަންމަލްކުރުވުމަށް ޝެނީން މަސައްކަތްކުރީތީ ޔަނާލް ހިތްހަމަނުޖެހުނެވެ. ދެލޯ ފޮހެލާފައި ޔަނާލް ބަލައިލީ އެނދުމަތީގައި އޮތް ފޯނަށެވެ. ފޯނު ނެގުމަށްފަހު ކޮންމެވެސް މީހަކަށް މެސެޖްކޮށްލިއެވެ. 

***

ރޭ ހަތަރުދަމު ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައިވަނީ ފެންހެދިފައެވެ. ހިނގާބިނގާވެއުޅުމާއި، ދުއްވުމަކީވެސް ފަސޭހަކަމެއް ނޫނެވެ.  ދަރިޔަކު ސްކޫލަށް ގެންދިޔުމަށް،  ދުވަހެއްގައިވެސް ހިނގާފައި ޝަރީފު ގޮސްފައިނުވެއެވެ. ނަމަވެސް ރޭގެ ވިއްސާރައިގެ ސަބަބުން އެނޫން ގޮތެއް ނެތެވެ. ފަނަރަވަރަކަށް މިނެޓް ގަޑިވެސް ޖެހުނީއެވެ. ސައިކަލުގެ މެދާއިހަމައަށް މަގުމަތީގެ ފެންގަނޑު ބޮޑުވެފައި އޮވެދާނެކަމަށް ޝަރީފު ހިޔެއްނުކުރެއެވެ. އަޑިގަނޑެއްގައި ސައިކަލް ޕާކުކުރަންޖެހުނީ ސައިކަލު ބައިންދާލާނެ އެހެން އެއްވެސް ޖާގައެއް ނެތީމައެވެ. 

ގޭ ދޮރުމަތީން ފަހަރަކު ދަރިޔަކު އުރައިގެން ގެންގޮސް، ފެން ހިނދިހިސާބެއްގައި ބަހައްޓާފައި އަނެއް ދަރި ބަލައި ޝަރީފު އައިއިރު، ބެލްކަނީން އެމަންޒަރު ބަލަން ނިޝާނާހުރީ ހިނިއައިސްފައެވެ. އެތައް މަސްތަކެއް ފާއިތުވެގެންދިޔައީ ދެމަފިރިންގެ ގާތްކަމެއް ނެތިއެވެ. ނިދީގައި ނަމަވެސް ފިރިމީހާގެ އަތުތެރޭގައި ރޭގައި ހޭދަކުރެވުނު ވަގުތުތައް ނިޝާނާގެ މިޒާޖަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލެއް ގެނުވައިފިއެވެ. މުސްކާންގެ ވާހަކަ ޝަރީފް މަޝްވަރާކުރުމުން ނިޝާނާ ހިތްހަމަޖެހުނެވެ. އިތުރަށް އެވާހަކަ ދަންކަންވެސް ނިޝާނާ ބޭނުމެވެ. ދަރިންނަށް މައިވަންތަ ލޯތްބަކީ މުހިއްމުއެއްޗެއްކަން ނިޝާނާއަށް އެނގިއްޖެއެވެ.

ބައްޕައާއެކު ކިތަންމެ ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލަން ލިބުނަސް، ކުދިންގެ މޫނުމަތީން ފެންނަ، އުފާވެރިކަމަށް އިންކާރުކުރުމަށް ނިޝާނާވެސް ފަސްޖެހެއެވެ. ދުވާލުހަތަރުދަމު އެކުދިންގެ ކުރިމަތީގައި ނިޝާނާ އުޅުނަސް، އެފަދަ ހިނިތުންވުމެއް ދަރިއެއްގެ މޫނުން  ނުފެނެއެވެ. 

*** 

ސިޓިންގރޫމްގެ ސޯފާގައި އިށީންދެ، ޓީވީ ހުޅުވާލަން ރިމޯޓް ނެގުމާއެކު އިވުނީ ޝަރީފުގެ ފޯން ރިންގުވާއަޑެވެ. އަވަހަށް ދާންވެގެން ޝަރީފު އެދިޔައީ ފޯނުވެސް ބާއްވާފައެވެ. މުސްކާންގެ ކޯލަކަށް ވެދާނެކަމަށް ހީކޮށް، އެދިމާއަށް ނިޝާނާއަށް ދެވުވުނީ ތަންކޮޅެއް ބާރަށެވެ. 

ފޯނުގައި އޮތް ނަމަކީ ވިސްނާލަން ޖެހޭފަދަ ނަމެކެވެ. ސޭވްކޮށްފައިވާނީ "ހޭޓް" ގެ ނަމުގައެވެ. ނުނަގަން ހުރެފައިވެސް ކަންފަތުގައި ޖައްސާލިއެވެ. 

"ހައި ޑާރލިންގ.. އަހަންނަށް އިނގޭ، އަހަރެންގެ ކޯލްތައް އިގްނޯރކޮށްލައިގެން ޝަރީއަށް ނުހުރެވޭނެކަން.. އެކަމަކު ތިހެން ހަދާކަށް ނުވާނެއްނުން.. އަހަރެންގެ ކޮން ކުށެއް އޮވެގެން ދުރުކޮށްލަނީ؟  ކުއްލިޔަކަށް ތިހެން ހެދީމާއި މިހިތް ކުދިކުދިވާނެކަން ނޭގޭތަ؟ އައި ލަވް ޔޫ ސޯ މަޗް.. ޝަރީއާއި ނުލައި އަހަންނަކަށް ނޫޅެވޭނެ" ވަރަށް ޖަޒްބާތުގައި ޝެނީން ވާހަކަދެއްކިއެވެ. ނިޝާނާގެ ދެލޮލުން އަލިފާންކަނި ބުރާހެން ހީވެއެވެ. ދަތްކުނޑިވިކާލާފައިވަނީ ކޯ ކަށިގަނޑު ބިންދައިގެން ދާހައި ބާރަށެވެ. 

ހިތައް އައިހައި އެއްޗެއް ގޮވައިލަން ބޭނުންވިއެވެ. ނަމަވެސް ޚިޔާލް ބަދަލުވީ ދެވަނަ ވިސްނުމެއް މާ ބުއްދިވެރިކަމަށް ނިޝާނާއަށް ވިސްނުނީތީއެވެ. ޝެނީން ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ނިޝާނާ އަޑުއެހިއެވެ. ފޯނު ކަނޑާލީ އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައެވެ. 

****

ފެންމާގަނޑުން އޮހޮރިގެންއަންނަ ކޮންމެ ފެންތިއްކެއް ޔަނާލްގެ ހަށިގަނޑުގައި ބީހިލާފައި ފައިދަށުން ދެމިގަނެގެން އެދަނީއެވެ. ދެވަނަ ފަހަރަށް އެފެންތިކި، ޔަނާލްއާއި ބައްދަލު ނުކުރާނެކަން އޭނާއަށް ޔަގީނެވެ. ހަޔާތުގެ ކޮންމެ މަންޒަރަކީ އެފަދަ ނިމުމަކަށް ނުވެ ހިނގައިދާނެއެވެ. އަނދިރިކަމަށްފަހު އަލިކަން ފާޅުވާކަމަށްވަންޏާއި އެ އަލިކަމަށް އުއްމީދު ކުރެވޭނެއެވެ.

ޝެނީންއާއި ޔަނާލްގެ ދެމެދުގައި އުފެދުނު ނުތަނަވަސްކަން އޭނާއަށް ވަރަށް ބޮޑު ބޮލުރިހުމަކަށް ވެއްޖެއެވެ. ޝަރީފުއާއި ވާހަކަދައްކައިލެވިގެން ނޫނީ ހިތައް ހަމަޖެހުމެއް ނެތްކަން، ޔަނާލްއަށް ވިސްނުނެވެ. ހެނދުނު ބައްދަލްކޮށްލުމަށް ބޭނުންކަމަށްބުނެ، ޔަނާލް ފޮނުވި މެސެޖަށް، ރޭގައި ޝަރީފު ޖަވާބު ނުދިނީ އެގަޑީގައި ނިދާފައި އޮންނާނެތީކަން ޔަނާލްއަށް އެގެއެވެ. 

މިއަދުގެ އިރު ފެނުން ތޮޅެލުމާއެކު ކުރެވުނު އެންމެ ބޮޑު އުއްމީދަކީވެސް ބޮލުގައި ރިހުން ލުއިކުރުމަށް ޝަރީފުއާއި ވާހަކަދައްކައި، ސިއްރެއް ނޯންނާނެފަދައިން ކަންކަން ހައްލުކުރުމެވެ.

***

"އަހަރެން ހީކުރީ، ހޭޓްކުރާ މީހުންނަށްވުރެން ލޯބިވާ މީހުން މާގިނަކަމަށް.. އެކަމަކު މިހާރު އެނގިއްޖެ، މަށަށް ހީވެފައި އޮންނަނީ ރަގަޅަކަށް ނޫންކަން" ނިޝާނާގެ ރާގުގައި ހިމޭންކަން އެކުލެވުނުކަން ޝަރީފު ފާހަގަކުރިއެވެ. ފުރިޖުން ފެންފުޅިއެއްނަގާފައި ފެން ކޯވަރެއް އަނގަޔަށް އަޅާލިއެވެ.

"އަހަންނަކަށް ނުވިސްނޭ ނިޝާނާ ބުނަން ތިއުޅޭ އެއްޗެއް.. އެކަމަކު ހަޅޭއްލެވުމުގެ ބަދަލުގައި މަޑުމައިތިރިކަން އިޚްތިޔާރުކުރީތީ، ﷲއަށް ޙަމްދުކުރަން.." ފުރިޖު ލައްޕާލަމުން ނިޝާނާއާއި ދިމާއަށް އެނބުރުނެވެ.

އަނބިމީހާގެ މޫނަށް، ބަލާލަން ލިބުނު ފުރުސަތުގައި ޝަރީފު އެކަން ކުރިއެވެ. ވަރަށް ފުރިހަމައަށެވެ. ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތުގައި ނިޝާނާގެ އެސްފިޔަތައް ތިރިކޮށްލުމުންވެސް ޝަރީފުގެ ނަޒަރު ބަދަލެއް ނުވިއެވެ. އެންމެފަހުން، އެފަދަ ބެލުމަކުން އަނބިމީހާއަށް ބަލައިލެވުނު ދުވަހެއް ޝަރީފު ހަނދާނެއް ނެތެވެ. 

"ބޮލުން ގޮށް ފިލުވާލާފައި، ތިހެން ތާޒާކޮށް އިނީމާއި ނިޝާނާ އަދިވެސް ވަރަށް ރީތި" ބުނަން އުނދަގޫވިޔަސް، ޝަރީފު ބުނެލިއެވެ. ނިޝާނާގެ މޫނުމަތީގެ ކުލަ ބަދަލުވެގެންދިޔައީ އޭނާ ލަދުގަތީމައެވެ. ތަޢުރީފަކީ ކޮންމެ އިންސާނަކުވެސް ހިތްއެދޭ އުފަލެކެވެ. 

"ލޯބިދޭނެ މީހުން ހޯދައިގެން ތިއުޅެނީ އަހަންނަށް ލޯބިދޭން ނޭގޭތީދޯ؟" އިސްޖަހާލަމުން ނިޝާނާ ބުނެލިއެވެ. އެހެންޏާއި ހުންނަ ރުޅިގަނޑުގެ ސިފައެއް މިއަދަކު ނުފެނެއެވެ. 

"ލޯބިދޭން ނުވަތަ ލޯބި ހޯދަން ނިޝާނާ ބޭނުންވި ދުވަހެއް ބުނެބަލަ! އަހަރެން ބޭނުންވެގެން ލޯބިދޭން، ފުރުސަތެއް ދިން ދުވަހެއްވެސް ބުނެބަލަ! އޭގެ ފަހުގައި އެހެން ވާހަކަތައް ދައްކަމާ!" ޝަރީފުގެ އަޑުގައި އެހުރި އަސަރުތައް ތަރުޖަމާކުރުން ނިޝާނާއަށް ފަސޭހައެއް ނުވިއެވެ. 

ބުނާނެ އެއްޗެއް ދޫމައްޗަކަށް ނައެވެ. ތެދެކެވެ. ފިރިމީހާއާއި އަނގައިންބުނެލުމަށް ނިޝާނާގެ މިޒާޖުވަނީ ދުޝްމިންވެފައެވެ. ލޯތްބަކީ ހަމައެކަނި ނިޝާނާއަށް ލިބެންޖެހޭ އެއްޗެއްގެ ގޮތުގައި އޭނާވަނީ ކަނޑައަޅާފައެވެ. އިޙްތިރާމަކީ ފިރިއަކަށް ޙައްގުމިންވަރެއް ނޫންކަމަށް ނިޝާނާވަނީ ނިންމާފައެވެ. 

"ކުށް އޮންނާނީ އަހަރެންގެ! ޝަރީފު ތިއީ ހުދު ކިރުފޮދެއް!" ބުނެލި ޢިބާރަތަކީ އާންމު  ބުނުމެކެވެ. ނަމަވެސް ތަފާތުވެގެންދިޔައީ، ނިޝާނާގެ ހަރަކާތްތަކާއި އޭނާގެ އަޑާއި ރާގެވެ. ލޮލުގެ ކަޅި އެއްފަރާތަކަށް ހުއްޓާލާފައި ބުނެލި ގޮތްވެސް ޝަރީފުއަށް ވަރަށް ކަމުދިޔައެވެ.  

"އަހަރެންގެ ކުށް އަހަރެން ގަބޫލުނުކޮށްފައި ކޮބާ؟ ކުށެއްގެ ވާހަކަ ދައްކާނެ މާޙައުލެއް އަހަރުމެންގެ ދެމެދުގައި އޮތްތަ؟ އެފުރުސަތު ދުވަހަކުވެސް އަހަންނަށް ލިބުނުތަ؟ އަހަރެންގެ އަނބިމީހާއަށް އެދި އަހަރެން ކިހައި އާދޭހެއް ކުރިންތަ؟" ނިޝާނާއާއި ގާތަށް ގޮނޑި ދަމާލާފައި ޝަރީފު ހަމަޖެހިލިއެވެ. 

***

ޝެނީން ވިސްނަމުންދިޔައީ ފޯނު ނަގާފައިވެސް ޝަރީފު އެއްޗެއް ނުބުނެ ފޯނު ބޭއްވީތީއެވެ. މަސް ނިމެން ގާތްވެފައިވުމާއެކު، އުޅޭ ތަނުގެ ކުލި ދެއްކޭނެގޮތެއް ހޯދުމަކީ ޝެނީންއަށް އޮތް ގޮންޖެހުމެކެވެ. ޝަރީފު ދުރުދުރުން އުޅޭކަން އިޙްސާސްވުމުން ޔަނާލްއަށް ޓާގެޓްކުރީވެސް އެސަބަބަށްޓަކައެވެ. ނަމަވެސް ހީކުރި ވަރަށް ވުރެންވެސް ޔަނާލްއަކީ، ނިމާއަށް ވަފާތެރި މީހެއްކަން ގަބޫލުކުރަން ޖެހިއްޖެއެވެ. ފުރާނަ ސަލާމަތުން ދުނިޔޭގައި ހުރިކަން ނުވަތަ ނޫންކަން ނޭގޭ މީހަކަށްޓަކައި ޔަނާލް ކަހަލަ ހިތްގައިމު ފިރިހެނަކު އެ މިންވަރަށް ތެދުވެރިވެދާނެކަމަށް ޝެނީންއަށް ޝައްކުކުރެވުނީއެވެ.  ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ރަގަޅު ވިސްނުމެއް އާދޭތޯއެވެ. ކުލީގެ އިތުރުން ޝެނީންގެ އެހެނިހެން ޚަރަދުތައް ހޯދާނެ ގޮތެއްވެސް ފަހިކުރަންޖެހެއެވެ.

***

ހެނދުނު ނުވައެއް ނުޖަހަނީސް، ޝަރީފު ހުރީ ލިލީގާޑްން ގައެވެ. މުސްކާންއަށް ވަޢުދެއްވެފައި އެވަޢުދު ނުފުއްދައި ހުރުމަކީ ޝަރީފުއަށް ކުރެވޭނެ ކަމެއްނޫނެވެ. 

"ޝަރީފުބެ ހިނގާ މުސްކާންއާއެކު ސައިބޯން.. ވަރަށް ބަނޑުހައިވެއްޖެ މިއަދު.. ބައްޕަ ސައިބޯން ބުނީމައިވެސް ބުނިން، މިއަދަކީ ޝަރީފުބެއަށް ޚާއްޞަ ދުވަހެކޭ.. އެހެން ހުރިހައި ދުވަހެއް ބައްޕައަށް ދޯ" ވަރަށް ލޯބި ހިނިތުންވުމަކާއެކު މުސްކާން ބުނެލިއެވެ. ގާތް ދެ ރައްޓެހިންފަދައިން މޭޒުކައިރީގައި އިށީނެވެ. 

"މިއަދު މިސައިގައި ބައިވެރިވާން މާމައާއި ކާފައާއި ބައްޕައަށްވެސް ހުއްދައެއް ނުލިބުނު.. އެހެންވީމައި މާމައާއި ކާފަ، ތަންކޮޅެއް ކުރީން އެކަން ނިންމާލައިފިން.. ޔަނާލްވެސް މީޓިންގއެއް އޮތީމައި ތަންކޮޅެއް ކުރިން މިއަދު ގޮސްފި.. ޝަރީފުބެއަކީ މުސްކާންގެ ރައްޓެއްސެކޭ ކިޔާފައި ވަރަށް ދިމާކޮށްފައި އޮފީހަށް އެ ދިޔައީ.. ރަގަޅަށް ސައިބޯތި އިނގޭ.. މާމަވެސް މިދަނީ ކާފަގޮވައިގެން ކުޑަކޮށް ބާޒާރުކޮށްލަން" މުރުޝިދާގެ ވާހަކަތަކަށް ހިނިތުންވުމުން ޝަރީފު ޖަވާބުދިނެވެ.  

"ހަގީގަތުގައި ނިމާއާއި ބެހޭގޮތުން މާގިނަ ވާކައެއް ބައްޕަ، ހިއްސާއެއްނުކުރޭ.. އަބަދުވެސް ދައްކާނީ ނިމާގެ ރީތި ވާހަކައާއި މައުސޫމުކަމުގެ ވާހަކަ.. އެކަމަކު އެއްދުވަހަކު ދެކެވުނު ވާހަކައެއްގެ ތެރެއިން ބުނި، ނިމާއަށް އޭނާގެ ބައްޕަ، މިބުނީ ދަރިފުޅުގެ ކާފަ ވަރަށް އަނިޔާކުރާވާހަކަ.. ކާފަ އުޅޭވަގުތުތަކުގައި ގޭތެރެއަށް ނިކުމެއުޅޭނީވެސް ކޮންމެހެން ކަމެއް ކުރަންޖެހިއްޔާއޭ ބުނީ.. އަސްލު ޝަރީފުބެ އެންމެ ހައިރާންވީ، ސްކޫލަށް ދިއުމުގެ ހުއްދައެއް ނިމާއަކަށް ނޯންނަކަމަށް ބުނީމައި.. އެކަހެރިކޮށް ރަށުތެރޭގައި ހުންނަ ގެއެއްގައި އެމީހުން އުޅެނީ.. އެ ސަރަހައްދުގެ ގެތައް ދޫކޮށް ގިނަ މީހުން އޭރުވެސް އެހެން ސަރަހައްދުތަކުގައި އާބަދުވެގެން ދާންފެށިވާހަކައެއް ދެއްކި.. އެއްވަރުގެ ކުއްޖަކާވެސް އަނގައިން ބުނެލާނެ ހުއްދައެއް ނޯންނައްޏާ، ރައްޓެއްސަކުވެސް ނުހުންނާނެ ދޯ.. އެހެންވެކަންނޭގެ އެހެންވީ؟" އިސްޖަހާލަމުން ޝަރީފު ބުނެލިއެވެ. ޝައުގުވެރިކަމާއެކު ބަލަހައްޓައިގެން މުސްކާން އިނީ އެސްފިޔަޖަހާލަންވެސް ބޭނުން ނުވެފައެވެ.

"އެހެންވީމައި މަންމައަކީ ތަޢުލީމުންވެސް އެއްކިބާކޮށްފައިހުރި ކުއްޖެއް" ދެރަވެލާފައި މުސްކާން ބުނެލިއެވެ. 

"އެވަރަށް ކާފަ އަނިޔާކުރާ މަންޒަރު ފެންނަ ބަޔަކުވެސް އުޅޭނެ.. ހުއްޓުވަން އެކަކުވެސް ނޫޅޭތަ؟ ކީއްވެތަ ޝަރީފުބޭ؟ މަންމައަކީ އަންހެނަކަށް ވާތީތަ؟" މުސްކާންގެ އަޑުގައި ރިހުންއެކުލެވިފައިވެއެވެ.

"ދަރިފުޅާ..! މިދައްކަނީ މީގެ އަހަރުތަކެއް ކުރީގެ ވާހަކަ.. ދަރިފުޅު އުފަންވެސް ނުވާއިރުގެ ވާހަކަ.. އޭރުގެ ހާލަތު ހުންނާނެގޮތް  މިހާރު ވިސްނާލަބަލަ.. ތިމަންނާއާއި ބެހޭކަމެއްނޫނޭ ބުނެފައި ހަމަ އެކަކުވެސް އަޅާނުލާނެ.. ގަސްތުގައި މީހަކަށް އަނިޔާލިބޭކަން އެނގިހުރެވެސް ގިނަ ފަހަރު އަޅާނުލާނެ" ޝަރީފުއަށްވެސް އުނދަގޫތަކެއް ވެފައިވާކަން މުސްކާންއަށް ފާހަގަކުރެވުނެވެ. 

"މަންމަ ދުނިޔޭގައި އެބަހުރިހެން ހީވޭތަ؟ އެކަން ޔަގީންކުރަން ހެދޭނެ ގޮތެއް ޝަރީފުބެއަށް ވިސްނޭތަ؟ ބައްޕަބުނި، ޝަރީފުބެ ކުރިން އުޅުނީ ޕޮލިސްގައޭ.. އެހެންވީމައި ތަޖުރިބާ ހުންނާނެދޯ" މުސްކާންގެ ހިތްވަރަށް ޝަރީފް ފަޚްރުވެރިވިއެވެ.

މުސްކާންގެ ޖުމުލައާއެކު ޝަރީފުއަށް ބަލައިލެވުނީ ތަފާތު ނަޒަރަކުންނެވެ. މުސްކާންގެ އުއްމީދު އާވެގެން ދިޔައީ، ޝަރީފުގެ މޫނުމަތީން ފާޅުވި އުޖާލާކަމުގެ ސަބަބުންނެވެ.

"ވަޢުދުވޭ މުސްކާންއަށް އެހީވާނަންކަމަށް.." އަތް ދިއްކޮށްލަމުން މުސްކާން އެދުނެވެ. އުއްމީދުގެ ހުޅުކޮޅު ދިއްލިގެންދިޔައީ ލޯބި ހިނިތުންވުމަކާއެކުއެވެ.

***

އޮފީހުގެ ރަސްމީ މަސައްކަތް ނިންމާފައި ޝަރީފު ނިކުތީ ޔަނާލް ގޮވައިގެންނެވެ. އެންމެ ހަމަހިމޭން ރެސްޓޯރަންޓްތަކުގެ ތެރެއިން، ޔަނާލްއަށް އެންމެ ހިތްގައިމު މަންޒިލަކުން މޭޒެއް އިޚްތިޔާރުކޮށް ދެއެކުވެރިން އިށީންދެ، ކެއުމަށް އޯޑަރުކުރިފަހުންވެސް ބައިގަޑީރު ވީއެވެ. 

"އަހަރެން ތަކުރާރުކޮށް ބުނަން ބޭނުމީ، ތި ދިރިއުޅުމުގައި ހުރި މައްސަލަތައް ބުއްދީގެ ބޭނުންކޮށްގެން ޝަރީފް ހައްލުކުރާށޭ.. މިދޭތެރެއިން އަހަރެން ޝެނީންއާއި ތަންކޮޅެއް ގިނައިން ވާހަކަދެއްކިން.. އެކަމަކު ޝައްކު ކުރަންޖެހޭނެ އެއްވެސް ސަބަބެއް އޭގައި ނޯންނާނެކަމުގެ ޔަގީންކަން މިދެނީ.." ޔަނާލްގެ ވާހަކަ މެދުކަނޑާލީ ޝަރީފު އެއްޗެކޭ ބުނެތޯއެވެ. ނަމަވެސް ހިނިތުންވުމެއް ފިޔަވައި އިތުރު އިޝާރާތެއް ނުލިބުމުން ޔަނާލް ކުރިއަށް ގެންދިޔައެވެ. 

"އަހަރެން ޝަރީގެ ކިބައިން މަޢާފަށް އެދެން ބޭނުމީ، ޝަރީގެ ހުއްދައެއްނެތި ޝެނީންއާއި ވާހަކަދެކެވުނީތީ.. ނިމާއާއި ހަމައަށް ވާސިލްވުމަށް، ޝެނީންއަކީ ހަމައެކަނި އަހަންނަށް ލިބުނު އުއްމީދު.. އެކަމަކު މިހާރު ބިރުގަނޭ، ޝެނީންގެ އެހީ ހޯދަންވެސް.." ޔަނާލްގެ ލޮލުން ފެންނަމުންދިޔަ އަސަރުތައް ދެނެގަންނާން ޝަރީފު ނުކުޅެދުނެވެ.

ޝެނީންއާއި ޝަރީފުގެ ދެމެދުގައި ކަންހިނގާދިޔަގޮތާއި ޔަނާލްއާއި މުސްކާންގެ ވާހަކައިން ޝަރީފުއަށް އެނގުނު ކަންކަމުގެ ވާހަކަވެސް ފޮރުވުމެއްނެތި ދެއެކުވެރިންގެ ދެމެދުގައި ހިއްސާކުރެވުނެވެ. ޖެހިލުންވުމެއް ނެތި، ދެމީހުންގެ ވާހަކަ ދިގުވެގެންދިޔައެވެ.

"އަހަރެންގެ ހިތުގައި ވިންދެއް ހުއްޓައިވެސް، އުއްމީދު ކަނޑާނުލާނަން.. އަހަންނަށް މިކަން އެނގުނުއިރު ނިމާގެ ބައްޕަ ދުނިޔޭގައި ނެތްކަން އެއީވެސް އަހަރެންގެ ނަސީބުކަމަށްވެދާނެ.. އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް ވަލުޖަނަވާރަކަށްވުރެން ނުބައި މީހެއް .. މަޖުބޫރު ހާލަތުގައިވި އޭނާގެ އުފަންދަރި، ކޮންމެ ރެއަކު ކައި އެ ހުސްކުރީ، އަޅެ ހިތެއްވެސް ނުހައްދަވާތީތަ؟" މޭޒުމަތީގައި ތަންކޮޅެއް ބާރަށް ގޮއްމުށުން ޖަހާލަމުން ޔަނާލް ބުނެލިއެވެ. ހިތްދަތިކަމުން ޔަނާލްގެ ދެލޯ ފުރިއްޖެއެވެ. ބުނާނެ އެއްޗެއް ނޭގި ހަރަކާތް ހުއްޓިފައި ޝަރީފުއަށް އިނދެވުނެވެ. 

"ނިމާއަށް އޭނާގެ މަންމަ ދެކިލުމުގެ ނަސީބު ލިބިފައެއް ނެތް.. އެ ޖަނަވާރުގެ ވަކިތަކުގެ ތެރޭގައި އެ ކެތްކުރީ، އަހަރެންގެ މުސްކާން ވިހަންދެން.. ހޮސްޕިޓަލުގައި އޮވެފައި ނިމާ ފިލައިގެން އެދިޔައީވެސް އެ އަނިޔާއަށް އިތުރަށް ކެތް ނުކުރާންވެގެން.. އަމިއްލަ ފުރާޅުގެ ދަށުން ނިކުތުމުގެ އެންމެ ފުރުސަތެއް ނިމާއަށް އެލިބުނީ.. އެފުރުސަތުގައި އޭނާ އަހަރުމެން ދޫކޮށް އެދިޔައީ، އަހަރެންގެ ލޯތްބަށްވެސް އިތުބާރެއް ނެތީމައި.. އަހަރެން ކިހިނެއް ނިމާ ހޯދާނީ؟ ބުނެދީބަލަ ޝަރީ!" އާދޭހާއެކު  ޔަނާލްގެ ދެއަތް އުފުލާލިއެވެ. 

- ނުނިމޭ -

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް