ދެ ހަރަމްފުޅުގެ ކަންކަން ބަލަހައްޓާ އިދާރާއިން ތައާރަފުކުރި މި "ގައިޑެންސް ރޮބޮޓް" ތަކަކީ ދީނީ ސުވާލުތަކަށް ޖަވާބުދީ، މަގުދައްކައިދިނުމަށް އެހީތެރިވެދޭ ޒަމާނީ ވަސީލަތެކެވެ.
މި ރޮބޮޓްތަކުގައި އެކުލެވޭ އޭއައި ނިޒާމު މެދުވެރިކޮށް، ދުނިޔޭގެ 11 ބަހަކުން އުމްރާވެރިން ކުރާ ސުވާލުތައް ދެނެގަނެ، އިތުބާރު ހުރި އިސްލާމީ އިލްމުވެރިންގެ ފަތުވާތަކުގެ އަލީގައި އަޑުންނާއި ސްކްރީނުން ލިޔެގެން ވަގުތުން ސާފު ޖަވާބު ދެ އެވެ. މީގެ އިތުރުން އިތުރަށް އޮޅުންފިލުވަން ބޭނުންވާ މައްސަލަތަކުގައި، ރޮބޮޓްގެ ސްކްރީން މެދުވެރިކޮށް ބޮޑެތި މުފްތީންނާއި އިލްމުވެރިންނާ ވަގުތުން ވީޑިއޯ ކޯލުން ގުޅުވައިދިނުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފަ އެވެ.
ހަރަމްފުޅުގެ ބޮޑު ސަރަހައްދުގައި މަގު އޮޅިދާނެ މީހުންނަށާއި އުމުރުން ދުވަސްވީ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ތަވާފުކުރާ ސަރަހައްދަށާއި، ސައުޔުކުރާ ތަނަށާއި، ޒަމްޒަމް ފެން ލިބޭ ސަރަހައްދުތަކަށް ރޮބޮޓް އަމިއްލައަށް ދަތުރުކޮށް މަގުދައްކައިދޭނެ އެވެ. ހަމައެއާއެކު، ހަރަމްފުޅުގެ މަޝްހޫރު އިމާމުންގެ ގުރުއާނުގެ ތިލާވަތްތަކާއި، އަޅުކަމުގެ ތެރޭގައި ކިޔަންޖެހޭ ސުންނަތް ދުއާތައް އަޑުއަހާލުމުގެ ފުރުސަތު ވެސް މި ރޮބޮޓްތައް މެދުވެރިކޮށް ލިބިގެންދެ އެވެ.
ރާއްޖެއަކީ ކޮންމެ އަހަރަކު ވެސް ގިނަ އަދަދެއްގެ މީހުން އުމްރާއަށާއި ހައްޖަށް ދާ ގައުމަކަށް ވާއިރު، ބަސް ނޭނގުމުގެ ސަބަބުންނާއި މަގު އޮޅުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މި ޓެކްނޮލޮޖީގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ އެވެ. އިނގިރޭސި އަދި އަރަބި ބަހުން ފަސޭހައިން މުއާމަލާތްކޮށްގެން ދީނީ މައުލޫމާތުތައް ސާފުކޮށްލުމުގެ ފުރުސަތު ދިވެހި އުމްރާވެރިންނަށް ވެސް މިހާރު ވަނީ ތަނަވަސްވެ ފައެވެ.
ހަރަމްފުޅުގައި ޒަމްޒަމް ފެން ބަހާ އޮޓޮމެޓިކް ރޮބޮޓްތަކާއި، އުމުރުން ދުވަސްވީ މީހުން އުފުލާ އިލެކްޓްރިކް ގާޑިޔާތަކާއެކު، މިއަދު މި ވަނީ ހަރަމްފުޅުގެ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ބަދަލުވެފަ އެވެ. މިފަދަ ސްމާޓް އީޖާދުތަކުގެ ސަބަބުން މުޅި ދުނިޔެއިން ޒިޔާރަތްކުރާ އެތައް މިލިއަން އަޅުވެރިންނަށް އަމާން އަދި ފަސޭހަ މާހައުލެއްގައި އަޅުކަން އަދާކުރުމުގެ މަގު ވަނީ ފަހިވެފަ އެވެ.