ads
މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ޝާޒް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސަލާން ކުރައްވަނީ. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި ބޭކާރު ވާހަކައެއް ނުދައްކާނަން، ދާއިރާއަށް ކަންކަން ކޮށްދޭނަން: ޝާޒް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބޭކާރު ވާހަކައެއް ނުދައްކަވާނެކަމަށާއި ދާއިރާގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކަންކަން ކޮށްދެއްވާނެ ކަމަށް ގުރައިދޫ ދާއިރާގެ މެންބަރުކަމުގެ ހުވާ މިއަދު ކުރެއްވި އިބްރާހިމް ޝާޒް ވިދާޅުުވެއްޖެ އެވެ.

މެންބަރުކަމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި ޝާޒް ވިދާޅުވީ މަޖިލީހުގައި އެބޭފުޅާއަށް ލިބިވަޑައިގަންނަވާނީ ކުރު މުއްދަތެއް ކަމަށާއި އެހެން ކަމުން މި މުއްދަތުގެ ތެރޭގައި މަޖިލީހުގައި ބޭކާރު ވާހަކަ ދައްކާނެ ޖާގައެއް ނެތް ކަމަށެވެ. 

މީގެ އިތުރުން ދާއިރާގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރަން ޖެހޭ ކަންކަމުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށްވެސް ޝާޒް ވިދާޅުވި އެވެ. 

"އެކަން ކުރަން އަޅުގަނޑު އަޒުމް ކަނޑައަޅައިގެން މިތަނަށް ވަދެ މިއަދު މި ހުވާ ކުރީ،" - ޝާޒް

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުވެ މިއަދު މެންބަރުކަމުގެ ހުވާ ކުރެވުމަކީ ސިޔާސީ ހަޔާތްޕުޅުގައި އެހާ ބޮޑު ދުވަހެއްގެ ގޮތުގައި ފާހަގަ ނުކުރައްވާކަމަށާއި ނަމަވެސް މިއީ އެމްޑީޕީގެ ސިޔާސީ ހަޔާތުގައި މިއަދަކީ ރަން އަކުރުން ލިޔެވޭނެ ދުވަހެއް ކަމަށްވެސް ޝާޒް ވިދާޅުުވި އެވެ.

ޝާޒް މިހެން ވިދާޅުވެފައި މިވަނީ ގުރައިދޫ ދާއިރާގެ ގޮނޑިއަކީ އެމްޑީޕީއަށް އަދި ދުވަހަކުވެސް ކާމިޔާބު ވެފައިނުވާ ގޮނޑިއެއް ކަމަށް ވާތީ އެވެ. ޝާޒް ވިދާޅުވީ މިއީ ދާއިރާގެ ރައްޔިތުންނަށް އަދި ހާއްސަކޮށް އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ޝާޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންފަ އެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުު އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ޝާޒް ކާމިޔާބު ކުރައްވާފައިވަނީ 1،346 ވޯޓުންނެވެ. ޝާޒްއާއި ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ކުރިން މިދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހިމް ރިޒާގެ ކޮއްކޮ ހުސެއިން ރިޒާއަށް ލިބިވަޑައިގެންނެވީ 1،226 ވޯޓެވެ. އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓެވެ. 

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 2،755 މީހުންނެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވާފައިވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަ ވުމުންނެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް