ސްޓެލްކޯއިން ބުނީ ދިއްދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާ އެކު، ރަށުގެ ގިނަ ސަރަހައްދުތަކެއްގައި ދީނީ ނަސޭހަތާއި އިޖުތިމާއީ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަށްޓަކައި ގިނަ ޝިއާރުތަކެއް ހިމެނޭ ކުދި ބިލްބޯޑުތަކެއް ހަރުކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ރަށްރަށުގައި ކުރިއަށް ގެންދާ އިޖުތިމާއީ އެކި މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
ބައެއް ރަށްރަށުގައި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކުރެވުނު މަސައްކަތްތަކުގައި ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އއ. ހިމަންދޫގައި މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ވަނީ އެ ރަށު މިސްކިތުގެ ހަރިންމަ ތެރޭގައި އަތުރާފައިވާ ގާތަށް ދޮވެ ސާފުކޮށްދީފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ހޭލުންތެރިކުރަން ދިއްދޫގެ އެކި ސަރަހައްދުތަކުގައި ސްޓެލްކޯގެ ފަރާތުން ވަނީ ބިލްބޯޑުތަކެއް ހަރުކޮށްފައި - ފޮޓޯ:ސްޓެލްކޯ
ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ކުނބުރުދޫ މިސްކިތުގެ ވަށާފާރު ދޮވެ ސާފުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނީގެ މުވައްޒަފުން ކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނި ގޮތުގައި އެ ކުންފުނީގެ ފަރާތުން ރަށުގެ ކައުންސިލަށް ހަދިޔާ ކޮށްފައިވާ އޭސީ ހަރުކޮށްދީފައިވާ ކަމަށާއި މިސްކިތުގައި މައްސަލަ ޖެހިފައިވާ ލައިޓްތައް ރަނގަޅު ކުރުމުގެ މަސައްކަތްވެސް ކޮށްދީފައިވާ ކަމުގައެވެ. އެ މަސައްކަތްތަކުގެ އިތުރުން ކުނބުރުދޫ އިންޖީނުގޭގެ މުވައްޒަފުންގެ ހެޔޮ އެދުންތަކާ އެކު، އެ ރަށު މިސްކިތަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އިޖުތިމާއީ ގޮތުން ކުރެވޭ މިފަދަ ކަންކަމުގައި އެ ކުންފުނީގެ މުވައްޒަފުން ދަނީ ނަމޫނާ ދައްކަމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯއިން ބުނީ ރައްޔިތުންގެ ލާބައަށް ކުރެވޭ މިފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް އަބަދުވެސް ލިބޭ އުފަލެއް ކަމަށެވެ.