ads
ރައީސް ސޯލިހް މޮރިޝަޝް ބޮދުވަޒީރާ ބައްދަލުކުރެއްވުން
ރާއްޖެ އާއި މޮރިޝަސްގެ އިމުގެ މައްސަލާގައި ސްޓޭންޑް ބަދަލެއް ނުވޭ: ސަރުކާރު
ވޯޅަވަހީގެ މިލްކުވެރިކަމުގެ މައްސަލާގައި، ދިވެހި ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަމަށާއި އެކަން މޮރިޝަސް ސަރުކާރަށްވެސް އަންގާފައިވާކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.
Advertisement

ފޯޅަވަހީގެ މައްސަލާގައި އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނަކަށް ރައްދުދީ ދިވެހި ސަރުކާރުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ޗާގޯސް އައިލެންޑްސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަޝްގެ މައްޗަށް ކަމަށް އދ. ގެ އާއްމު މަޖިލީހުން ކަނޑައެޅި ގަރާރަކީ ރާއްޖެ އާއި ޗާގޯސް ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާއި އެއްވެސް ގޮތަކުން ގުޅުންހުރި ގަރާރެއް ނޫން ކަމަށެވެ.

ސަރުކާރުން ބުނީ އެ ނިންމުމުގެ ސަބަބުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ހިނގާ އިމުގެ މައްސަލާގައި ރާއްޖެއިން ނެގި ސްޓޭން ބަދަލު ނުވާނެކަމަށާއި އެކަން މޮރިޝަސް ސަރުކާރަށް ވެސް އަންގާފައި ވާނެކަމަށެވެ.

ނަމަވެސް ޗާގޯސްގެ މައްސަލާގައި އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ މީގެ ކުރިން މޮރިޝަސްއާ ދެކޮޅަށް ވޯޓުދިން ނަމަވެސް އަލުން މައްސަލަ ހުށަހެޅިއްޖެނަމަ ރާއްޖެއިން މޮރިޝަސްއަށް ތާއީދު ކުރާނެކަން މޮރިޝަޝް ސަރުކާރަށް އަންގާފައިވާނެކަމަށްވެސް ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެއެވެ" - ސަރުކާރު

ސަރުކާތުން ބުނީ ޗާގޯސްގެ ސިޔާދަތީބާރުގެ މައްސަލާގައި މޮރިޝަޝްއަށް ތާއީދު ކުރުމަށް ނިންމީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން ކަމަށެވެ.

ޗާގޯސް މައްސަލާގައި މޮރިޝަސް އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވީ ނަމަވެސް 2019 ވަނަ އަހަރު އ.ދ.ގެ ޢާއްމު މަޖިލީހުން އެޤަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެޤަރާރާ ދެކޮޅަށް ލީ ވޯޓެއް ނންކަމަށާއި  އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫންކަމަށް ސަރުކާރުގެ ބަޔާނުގައި ވެއެވެ.

ސަރުކާރުން ބުނީ އެގަރާރާ ދެކޮޅަށް ރާއްޖެއިން ލީ ވޯޓަކީ ޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށެވެ.

"މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައް ވެސް ދިވެހި ސަރުކާރުން ދޮގުކުރަމެވެ. ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހެއެވެ. ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫނެވެ" - ސަރުކާރު

ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެކަމަށްވެސް ސަރުކާރުން ބުނުއެވެ.

މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ހައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމީ ވަޒީރުންގެ މަޖީލީހުގައި އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހުކަމަށްވެސް ސަރުކާރުން ބުނެއެވެ.

"ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައެއް ނުވެއެވެ" - ސަރުކާރު

ސަރުކާރުން ބުނީ އިދިކޮޅުގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ހައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއްކަމަށެވެ.

"މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީއެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ލާފައެވެ" - ސަރުކާރު

ސަރުކާރުން ބުނީ އިޓްލޮސްގައި ކުރިއަށްދާ މައްސަލާގެ އިބްތިދާއީ މަރުޙަލާގައި ޕްރިލިމިނަރީ އޮބްޖެކްޝަންސްގެ ގޮތުގައި ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުމާ ގުޅޭ މައްސަލައެއް ކުރިއަށް ދަނިކޮށް އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެޓްރައިބިއުނަލަށް ލިބިގެންނުވާކަމަށް ރާއްޖެއިން ވަކާލާތުކޮށްފައިވާނެކަމަށެވެ.

ނަމަވެސް، އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމެވީ ޗާގޯސް އާކިޕެލާގޯގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައި.ސީ.ޖޭ އިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިއާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެޓްރައިބިއުނަލަށް ލިބިގެންވާކަމަށްކަމަށާއި އިޓްލޮސްގެ މިނިންމުމާއި ގުޅިގެން، އެޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާއުކޮށްފައި ކަމަށްވެސް ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް