ކުޑަ އީދު ބައިބަލާ މުބާރާތް ޓީނޭޖުން ކާމިޔާބު ކުރީ ފައިނަލްގައި ހުޅުމާލޭއާ ވާދަކޮށެވެ. މި މެޗު ޓީނޭޖުން ކާމިޔާބު ކުރީ ހުށިޔާރު ކަމާއެކު ސީދާ ދެ ގޭމުން މޮޅުވެގެންނެވެ.
މި ފަހަރުގެ ބައިބަލާ ޗެމްޕިއަންކަމާއެކު ޓީނޭޖަށް ބައިބަލާގެ ހަތަރުވަނަ ތަށި ލިބުނީއެވެ. އެ ޓީމުންވަނީ މީގެ ކުރިން 2001 ވަނަ އަހަރާއި، 2004 ވަނަ އަހަރާ އަދި 2017 ވަނަ އަހަރު ބައިބަލާ މުބާރާތް ކާމިޔާބުކޮށްފައެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހުޅުމާލެއާ ވާދަކޮށް ޓީނޭޖުން ހޯދިނަމަވެސް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ މިސްޓަ ބައިބަލާގެ މަގާމް ހޯދީ ހުޅުމާލޭ ޓީމުގެ ކުޅުންތެރިއެކެވެ. މުބާރާތުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީނޭޖުގެ އަހްމަދު މުހައްމަދެވެ. ފެއާ ޕްލޭ ޓީމަކީ މަސްއޮޑި ޓައިޓަންސްއެވެ.
މިއަހަރުގެ ބައިބަލާ ޗެލެންޖްގައި ޖުމުލަ 34 ޓީމަކުން ހާހަކަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވިއެވެ. މުބާރާތް އޮތީ ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. މިއީ ހުޅުމާލޭގައި މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ.