ads
ފަސް ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކުރުމަށް ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ
ފަސް ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓް ގާއިމުކުރުމަށް ފެނަކަ އާ ހަވާލުކޮށްފި
ފަސް ރަށެއްގައި 25 ޓަނުގެ އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރުމަށް ފިޝަރީޒް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އާ ހަވާލުކޮށްފިއެވެ.
Advertisement

ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ރާއްޖޭގެ އެކި ހިސާބުތަކުގައި އައިސް ޕްލާންޓް ގާއިމުކުރުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ރާއްޖޭގެ އިތުރު ފަސް ރަށެއްގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެ މިނިސްޓްރީ އާއި ފެނަކަ އާ ދެމެދު މިއަދު ސޮއިކޮށް، ފަސް އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ އާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޔާމީނެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.

މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އައިސް ޕްލާންޓް ގާއިމު ކުރާ ފަސް ރަށަކީ ހއ. ދިއްދޫ، ގދ. ރަތަފަންދޫ، އއ. ރަސްދޫ، ދ. މީދޫ އަދި ލ. މާމެންދޫއެވެ. މި މަޝްރޫއުގެ ދަށުން މި ފަސް ރަށުގައި 25 މެޓްރިކް ޓަނުގެ އައިސް އުފެއްދޭ އައިސްޕްލާންޓާއި 50 މެޓްރިކް ޓަނުގެ އައިސް ރައްކާކުރެވޭނެ އައިސް ސްޓޯރޭޖް ގާއިމު ކުރެވިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު، ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މިއަދު ސޮއިކުރި ފަސް އައިސް ޕްލާންޓަކީ ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގެ ގާއިމު ކުރާ ފަސް އައިސް ޕްލާންޓް ކަމަށެވެ. މި ފަސް އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކުރީ މި އައިސް ޕްލާންޓްތައް މި ރަށްތަކުގައި ގާއިމު ކޮށްދޭނެ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތިން ބީލަމަށް ހުޅުވާލުމުން އެކަށީގެންވާ ބީލަމެއް ނުލިބި މަސައްކަތް ފެށުން ލަސްވެގެން ދިއުމާ ގުޅިގެން ސައުދީ ފަންޑާ ދިވެހި ސަރުކާރާ މަޝްވަރާ ކޮށްގެން ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ ފެނަކަ އާ މި މަސައްކަތް ހަވާލުކުރާގޮތަށް ނިންމައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނަކަ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަށް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި މި ފަސް އައިސްޕްލާންޓް ގާއިމުކޮށް ހިދުމަތް ދިނުމަށް ކަމުގައެވެ. ކަނޑައެޅިފައިވާ މުއްދަތުގައި ފެނަކައިން މި ކަން ކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.

your imageފަސް ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެނަކަ އާ ހަވާލުކުރުމަށް ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ފިޝަރީޒް މިނިސްޓްރީ

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ސަރުކާރުން ގާއިމުކޮށްފައިވާ އައިސް ޕްލާންޓްތައް ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދަނީ ފެނަކަ އާ ހަވާލުކޮށްގެން ކަމަށާއި މިގޮތަށް ހަމަޖައްސާފައިވަނީ އައިސް ޕްލާންޓް ހިންގުމުގެ އެންމެ ބޮޑު ހަރަދަކީ ކަރަންޓަށް ހިނގާ ހަރަދު ކަމުގައިވެފައި އެންމެ އަގުހެޔޮކޮށް ކަރަންޓު ހިދުމަތް ފޯރުކޮށްދެވޭނީ ފެނަކައަށް ކަމަށްވާތީ ކަމަށެވެ. ރަށްރަށުގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓްތައް އެންމެ ރަނގަޅަށް ބެލެހެއްޓުމުގެ ވަސީލަތްތައް އޮތް ކުންފުންޏަކީ ފެނަކަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މި ފަސް ރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމަށް ސައުދީ ފަންޑުން ވެދެއްވި އެހީއަށް ޓަކައި ސައުދީ ފަންޑަށް ޝުކުރު އަދާކުރައްވާފައެވެ. ފެނަކައިން އެ މިނިސްޓްރީއަށް ދޭ އެހީތެރިކަމާއި އެއްބާރުލުމަށް ޓަކައި ފެނަކައަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ފިޝަރީޒް މިނިސްޓަރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގެންދަނީ ގަދައަޅައި މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ވެފައިވާ ވައުދުގެ ދަށުން މިހާރުވެސް ބައެއް ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކޮށް ނިމި އަދި ބައެއް ރަށްރަށުގައި އައިސް ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ފަސް ރަށުގައި އައިސް ޕްލާންޓް ގާއިމު ކުރެވުމުން އައިސް ޕްލާންޓް ގާއިމުކުރުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުރިހަމަވާނެ ކަމުގައެވެ.

ފިޝަރީޒް މިނިސްޓްރީގައި ކުރިއަށް ދިޔަ އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ގާއިމުކުރުމަށް އެއްބަސްވެފައިވާ ފަސް އައިސް ޕްލާންޓުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ގާއިމު ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ރަށްތަކުގެ މަސްވެރިންނަށާއި ރައްޔިތުންނަށް އަރުވާ ކަމަށެވެ. ސައީދު ވިދާޅުވެފައިވަނީ މިހާރުވެސް ފެނަކަ އާ ހަވާލުކޮށްފައިވާ އައިސް ޕްލާންޓްތަކުން ބޮޑު މައްސަލައެއް ދިމާނުވެ މަސްވެރިންނަށް އައިސް ލިބެމުންދާ ކަމަށެވެ. އަލަށް ގާއިމު ކުރެވިގެންދާ މި ފަސް އައިސް ޕްލާންޓުގެ މަސައްކަތް ކުރުމުގެ ފުރުސަތު ފެނަކައަށް ދެއްވިކަމަށް ޓަކައި ސައީދު ވަނީ ފިޝަރީޒް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް