ޑރ. އިބްރާހީމް އުމަރު މަނިކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވައި އެ ދާއިރާއަށް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ހިދުމަތްތެރިއެކެވެ. އޭނާ އެމްބީބީއެސް ފާސް ނެންގެވީ، ޖަރުމަނުވިލާތުގެ ޔުނިވަސިޓީ އޮފް ލެއިޕްޒިގްއިންނެވެ. އެނަސްތީޒިއޮލޮޖީގެ ރޮނގުން ސްޕެޝަލައިޒްވެ ވަޑައިގަތީ އެތާނގެ ހެލީގެ ޔުނިވަސިތޭތްސްކްލިނިކަމްއިންނެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރުގެ ގޮތުގައި މާލޭ ސެންޓްރަލް ހޮސްޕިޓަލުގައި އޭނާ ހިދުމަތް ކުރެއްވިއެވެ. އޭގެ ތެރޭގައި އެނަސްތީޒިއޮލޮޖީ ޑިޕާޓްމަންޓަށް ޒަމާނީ ކުރިއެރުން ގެންނެވުމާއި ހޮސްޕިޓަލަށް ބޭނުންވާ ފަހުގެ އާލާތްތައް ހޯއްދެވުމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.
ސިއްހީ ދާއިރާގެ އިތުރުން، ޑރ. އިބްރާހީމް އުމަރު މަނިކު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައެވެ. އަދި ތަފާތު ސިނާއަތު ރާއްޖެއަށް އަލަށް ތައާރަފުކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މިގޮތުން، 1989 ވަނަ އަހަރު މާލޭ އެރޭޓެޑް ވޯޓަ ކޮމްޕެނީ އުފައްދަވައި، ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިންތައް އުފައްދާ ޕްލާންޓެއް މުޅިން އަލަށް ރާއްޖެއަށް ތައާރަފުކޮށްދެއްވިއެވެ.
މީގެ އިތުރުން، 1987 ވަނަ އަހަރު މާލެއަތޮޅު ދެކުނުގައި ޕާމްޓްރީ ރިސޯޓްސްގެ ރިސޯޓެއްގެ ގޮތުގައި ވެލިގަނޑު ހުރާ ތަރައްގީކުރެއްވިއެވެ. އެ އާއެކު، ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި އެންމެ ފުރަތަމަ ރާއްޖެއަށް ބައިނަލްއަގުވާމީ ޗެއިންތައް ގެންނެވުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުގެ ތެރޭގައިވެސް ޑރ. މަނިކު ހިމެނެއެވެ.
އަލްމަރުހޫމް ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި މި ސްކޮލާޝިޕް ހުޅުވާލަނީ ރާއްޖޭން ބޭރުގައި ސިއްހީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް އެދޭ ދިވެހި ދަރިވަރުންނަށެވެ. ސްކޮލާޝިޕަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަކުރާނީ އިނގިރޭސިވިލާތުގެ މެޑިކަލް ޔުނިވާސިޓީތަކުގެ ތެރެއިން ކޮންމެވެސް އެއް ޔުނިވާސިޓީއެއްގައެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަށް މިވަގުތު އެންމެ ބޭނުންތެރި، އެންމެ މުހިންމު ދާއިރާތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވެގެން ރާއްޖެ އައިސް ދިވެހީންނަށް ހިދުމަތް ކުރުމަށް ފުރުސަތު ތަނަވަސްކޮށްދިނުމެވެ. މި ސްކޮލާޝިޕުގެ ހުށައެޅުމާއި އިތުރު މައުލޫމާތު ޔުނިވާސަލް ފައުންޑޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ސްކޮލާޝިޕަށް ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާނެ އެންމެ ފަހުގެ ތާރީހަކީ 30 ޖޫން 2023 އެވެ.
ޑރ. އިބްރާހީމް އުމަރު މަނިކުގެ ހަނދާނުގައި ދޭ ސްކޮލާޝިޕަށް ހޮވުމުގައި ބަލާނެ މިންގަނޑުތައް
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ތައުލީމް ހާސިލުކުރަން އެދޭ ދާއިރާއަކީ ސިއްހީ ދާއިރާ ކަމުގައިވުން
- ތައުލީމް ހާސިލުކުރަން އެދޭ ލެވެލް އަކީ ޕޯސްޓް ގްރެޖުއޭޓް ކަމުގައިވުން
- ތައުލީމް ހާސިލުކުރަން އެދޭ ޔުނިވާސިޓީއަކީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކަށްވުން
- ޔުނިވާސިޓީއަށް ވަނުމުގެ ޖާގަ ލިބިފައިވާކަން އަންގައިދޭ ލިޔުން އޮތުން
- އިނގިރޭސިވިލާތުގައި ތައުލީމް ހާސިލުކުރާ ދަރިވަރުންގެ ވިސާއަށް ޝަރުތު ހަމަވާ ފަރާތަކަށްވުން
- އެމްބީބީއެސް ފުރިހަމަކޮށްފައިވާ ފަރާތަކަށްވުން
- އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ރާއްޖޭގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން
- ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އިސްކަންދެވޭނީ ރާއްޖޭގައި މިވަގުތު ތަމްރީނުވެފައިވާ ޑޮކްޓަރުން އެންމެ މަދު ދާއިރާތަކުން ސްޕެޝަލައިޒް ވާން އެދޭ ދަރިވަރުންނަށް
- ދަރިވަރުން ހޮވުމަށް ބާއްވާ އިންޓަވިއުއިން ފާސްވެފައިވުން
- އެއްބަސްވުމާ އެއްގޮތަށް ކޯސް ފުރިހަމަ ކުރުމަށް ފަހު ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެއްބަސްވުން
ޔުނިވަސަލް އެންޓަޕްރައިޒަސްގެ ތާރީހުގައި ފާއިތުވެދިޔަ 40 އަހަރުގެ ތެރޭގައި ދިވެހިރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކޮށްފައިވާ ގިނަގުނަ މަސައްކަތްތައް މިހާރު ރަސްމީ ގޮތެއްގައި ކުރިއަށް ގެންދަނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. މިގޮތުން ޔުނިވާސަލް ފައުންޑޭޝަނުން ވަނީ 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ކިޔަވާކުދިންނަށް ޖުމްލަ 204 ސްކޮލާޝިޕް ދީފައެވެ. އޭގެތެރެއިން 51 ސްކޮލާޝިޕަކީ ސިއްހީ ދާއިރާއިން ދީފައިވާ ސްކޮލާޝިޕްތަކެވެ.
ސަރުކާރާއި އަމިއްލަ ޖަމުއިއްޔާ ޖަމާއަތްތަކުން ރާއްޖޭގެ ތަރައްގީއަށާއި އިޖުތިމާއީ ކަން ކަމަށާއި އެކިއެކި އެހީގެ ޕްރޮގްރާމް ރާވާ ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ޔުނިވާސަލް ފައުންޑޭޝަންގެ އެހީތެރިކަން ފޯރުކޮށްދެއެވެ. ދިވެހި ރައްޔިތުންނަށް ބޭނުންތެރި ތަފާތު ފުރުސަތުތައް ފަހިކޮށް ދިނުމަށާއި އަދި ދިވެހީންނަށް އިންސާނީ ތަރައްގީ އާއި ކުރިއެރުން ގެނެސްދިނުމަށްޓަކައި ޔުނިވާސަލް ފައުންޑޭޝަނުން އަބަދުވެސް މަސައްކަތްކުރާނެއެވެ.
ޔުނިވާސަލް ފައުންޑޭޝަންގެ މައިގަނޑު އަމާޒަކީ ދިވެހި ރައްޔިތުންގެ ސިއްހީ ހާލަތާއި ތައުލީމާއި އިޖުތިމާއީ އަދި އިންސާނީ ތަރައްގީއަށް ބޭނުންވާ އެންމެހައި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހި މި މުޖުތަމައަކީ އަޅުގަނޑުމެންގެ އަހުންނާއި އުހުތުންނަށް ފާގަތި ދިރިއުޅުމެއް އުޅެވޭ ފަދަ ހިތްގައިމު މާހައުލަކަށް ހަދައިދިނުމަކީ ވެސް އަމާޒެއް ކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.