ޑރ. އަފްރާޝީމްގެ ގާތިލު ހުމާމް، އޭނާ މަރަން ކުރި ހުކުމް އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ މަހު ފަހުކޮޅު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. އެހެންނަމަވެސް މި މައްސަލަ ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޑރ. އަފްރާޝީމް އަލީއަށް ހަމަލަދީ މަރާލިކަމުގެ ކުށް، ސާބިތުވެ، ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެ މައްސަލަ ހަމަ އެ އަހަރު ހުމާމުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗެއްގެ އިއްތިފާގުންވަނީ ހުމާމް މެރުމަށް ކުރި ހުކުމަށް ތާއީދުކޮށްފައެވެ. ދެން އެ މައްސަލަ ދިޔައީ ސުޕްރީމް ކޯޓަށެވެ.
ގަސްތު މަރުގެ މައްސަލައެއް ކަމުން، އަދި ހުކުމަކީ ކުށް ސާބިތުވި ހުމާމް މެރުންކަމުން، އެ ހުކުމަކީ ނިހާއީ ހުކުމެއް ކަމުގައި ކަނޑައެޅުމަށް ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެ މައްސަލަ އުއްތަމަ ފަނޑިޔާރުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ނިންމާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ.
އޭރުއްސުރެ ހުމާމް ހުރީ ޖަލުގައެވެ. އެހެން ހުރުމަށް ފަހު، މިހާރު އަލުން މައްސަލަ ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހުމާމްގެ ފަރާތުން ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކައެވެ.
ހުމާމް މެރުމަށް ހުކުމްކޮށްފައިވަނީ ޑރ. އަފްރާޝީމް އަލީއަށް ހަމަލާ ދިނުމަށް ރާވައި، 01 އޮކްޓޯބަރ 2012 ދުވަހުގެ 23:30 އާއި 02 އޮކްޓޯބަރ 2012 ދުވަހުގެ 02:00 އާ ދެމެދުގެ ވަގުތެއްގައި، ހުމާމުއާ އިތުރު ބަޔަކާއެކު، އަމީނީ މަގުގައި ހުންނަ ޑރ. އަފްރާޝީމް އޭރު ދިރިއުޅުއްވި ގެ ހ. ފުންވިލުގެއަށްގޮސް ޑރ. އަފްރާޝީމަށް ތޫނު އެއްޗަކުން ހަމަލަދީ ރަހުމް ކުޑަ ގޮތަކަށް މަރާލާފައިވާ މައްސަލައާ ގުޅިގެންނެވެ.
އަފްރާޝީމްގެ މަރުގެ މައްސަލައަކީ އެހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު އެއް ތަހުގީގެވެ. އެ މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ބާވަތުގެ ހެއްކާއި ގަރީނާ ހޯދާފައެވެ. އަދި 500 އަށްވުރެ ގިނަ ގަޑިއިރުގެ ވީޑިއޯ ފުޓޭޖް އެއްކޮށް ފުލުހުން ދިރާސާ ކޮށްފައިވެއެވެ. އަދި 100 އަށްވުރެ ގިނަ މީހުންނާއި ސުވާލުކޮށް މައުލޫމާތު ހޯދާފައި ވެއެވެ.
އޭގެ އިތުރުން 13000 ވުރެ ގިނަ ފޯނުކޯލް އެ މައްސަލައިގައި ފުލުހުން އެނަލައިޒް ކޮށްފައިވެއެވެ. އަދި ކުށުގެ ވެށިން މާއްދީ ހެކިނަގައި އެތަކެތި ތަހުލީލުކޮށް، ޝަރީއަތަށް ހުށަހެޅުމަށް އެތައް މަސައްކަތެއް ފުލުހުން ކުރިއެވެ. އެ މައްސަލައިގެ ތަހުގީގުގައި އެމެރިކާގެ އެފް. ބީ. އައިގެ ދެ ތަޖުރިބާކާރުންގެ އެހީތެރިކަން ފުލުހުން ހޯދާފައިވެއެވެ.
ހުމާމް މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރީ ސަރުކާރުން ނިންމާފައިވާ ނިންމުން އަލުން މުރާޖާކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ވަނީ ކުރިން ހުށަހަޅުއްވާފައެވެ.