ދުނިޔޭގެ އެންމެ ބޮޑު ބްރޯޑްކާސްޓިންގް ޔޫނިއަން ކަމަށްވާ އޭޝިޔާ-ޕެސިފިކް ބްރޯޑްކާސްޓިންގް ޔޫނިއަން (އޭބީޔޫ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގުޅިގެން މިހާރު ކުރިއަށް ރާވާ އިންތިޒާމުކޮށްގެން ބާއްވާ މި ސަމިޓް ކުރިއަށް ދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މި އަހަރުގެ އޭބީޔޫ ސަމިޓްގެ ޝިއާރަކީ "ފްރޮމް އެޓޯލްސް ޓު އާލްޕްސް އެންޑް އެރިޑް ލޭންޑްސް: ކޮމިއުނިކޭޝަން ދަ ކްލައިމެޓް ޗޭންޖް ޗެލެންޖް" އެވެ. މި ގޮތުން ސަމިޓުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ކާރިސާތަކުން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގައި މީޑިއާގެ ދައުރަށެވެ.
މީގެ އިތުރުން ކްލައިމެޓް ސައިންސްގެ އެންމެ ފަހުގެ ހޯދުންތަކާއި ބްރޯޑްކާސްޓަރުންނަށް މި މައުލޫމާތު ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ މައުލޫމާތާއި ވަށައިގެންވާ ތަފާތު މައްސަލަތަކާ ބެހޭ ގޮތުންވެސް މި ސަމިޓުގައި ވާހަކަ ދެކެވޭނެއެވެ.
ދިރާގުން މަސައްކަތް ކުރަމުން ދަނީ ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަންދީގެން ބާއްވާ މަސައްކަތްތަކަށާއި އެކި ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ. ދިރާގުން ބުނެފައިވަނީ މިއީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒު ކަމަށެވެ.