އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރަކީ ކުންފުނީގެ ތާރީހުގައި އިޖުތިމާއީ ޒިންމާގެ ދަށުން މުޖުތަމައުގެ ލާބައަށް އެންމެ ބޮޑު އެހީތެރިކަން ފޯރުކޮށްދެވުނު އަހަރު ކަމަށެވެ. އެގޮތުން ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރަށްތަކުގައި ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖުމްލަ 420 ހަރަކާތެއް ހިންގާ، މުޖުތަމައުގެ ލާބައަށް ޖުމްލަ 43.23 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ މާލެ ސަރަހައްދުގެ ރައްޔިތުން ޕިކްނިކް ދިއުމަށް ތަރައްގީ ކުރެވުނު ކ. ކުޑަގިރިއަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން 13 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެއީ އެ ކުންފުނީގެ ތާރީހުގައި އިޖުތިމާއީ ޒިންމާގެ ދަށުން އެއް މަޝްރޫއަކަށް ހޭދަކުރެވުނު އެންމެ ބޮޑު އަދަދު ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ އެކި ވިޔަފާރިތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް ދަނީ އެކުލަވާލާ، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން ކަމުގައެވެ. ވިޔަފާރިތަކަށް ގެންނަން ޖެހޭ ބަދަލުތައް ދިރާސާކޮށް، ވިޔަފާރި ކުރިއަރުވައި ކުންފުނީގެ މަގުސަދުތައް ހާސިލުކުރުމަށް ހިކުމަތްތެރިކަމާ އެކު ފިޔަވަޅުތައް އަޅައި، އެ ފިޔަވަޅުތަކުގެ ނަތީޖާ ހާސިލުކުރެވިފައިވާކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
އީޖާދީ ތަރައްގީއަށް ހިތްވަރު ދިނުމާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެ ކުންފުނީގެ ކަންކަން އިސްލާހު ކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނީގެ އެންމެހާ ވިޔަފާރިތައް ކުރިއަރުވާ ކުންފުނީގެ ހިއްސާދާރުންނާއި މުޖުތަމައަށް ނަފާ ލިބޭ ގޮތަށް މަސައްކަތް ކުރިއަށް ގެންދާނެކަމުގެ އިތުބާރާއި ޔަގީންކަންދޭ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;