އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނީ ވޭތުވެދިޔަ އަހަރު އެ ކުންފުނިން ހާސިލުކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ހައިސިއްޔަތުން އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާ އެކު ތަންފީޒުކޮށް ނިންމާލެވިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ތަރައްގީގެ އާ 65 މަޝްރޫއަކާ އެ ކުންފުނިން ހަވާލުވެ، 42 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ނިންމާފައިވާ ކަމުގައެވެ.
ނިމިގެންދިޔަ އަހަރަކީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އެ ކުންފުނިން އިންގިލާބީ ހެޔޮ ބަދަލެއް ގެނެވުނު އަހަރެެއް ކަމަށް އެމްޓީސީސީން ބުނެއެވެ. އެމްޓީސީސީން ބުނީ ރާއްޖޭގެ ރަށްތައް ފެރީގެ ނިޒާމަކުން، އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން 'ރާއްޖެ ޓްރާންސްޕޯޓް ލިންކް' ފެރީގެ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ޒޯން އެކެއްގެ ހއ.، ހދ. އަދި ށ. އަތޮޅަށް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހިދުމަތް ފަށާފައި ކަމަށެވެ.
އެމްޓީސީސީން ބުނެފައިވަނީ ރާއްޖޭގެ އާންމު ބަހުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އާންމު ބަހުގެ ހިދުމަތް 'ރާއްޖެ ޓްރާންސްޕޯޓް ލިންކް' ވިއުގައިގެ ދަށަށް ބަދަލުކޮށް، މުޅިން އާ ބަސް އަދި ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކާ އެކު ރާއްޖޭގެ ތާރީހުގައި މިހާތަނަށް ދެކިފައި ނުވާ ފަދަ ތަރައްގީ އާންމު ދަތުރުފަތުރުގެ ސިނާއަތަށް ވަނީ ގެނެވިފައި ކަމަށް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ މާލެ ތެރޭގައި ބަހުގެ ދަތުރުތައް ފެށުމަށް ހާއްސަ ބަސްތަކެއް ގެނެސް، މާލޭގެ ތިން ރޫޓެއްގައި ބަހުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގެ ދަށަށް ރާއްޖޭގެ އާންމު ބަހުގެ ހިދުމަތް ބަދަލުވެގެން އައިއިރު އައްޑޫ ސިޓީ، ފުވައްމުލަށް ސިޓީ، ލ. ގަން/ފޮނަދޫގެ އިތުރުން ލ. އިސްދޫ/ކަލައިދޫގައި ހުއްޓިފައި އޮތް ބަހުގެ ހިދުމަތް އަލުން ފަށައި މިދިޔަ އަހަރުގެ ތެރޭގައި ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.