ads
ކަސްޓަމްސް ބިލްޑިންގް: މިދިޔަ އެޕްރީލް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 16 އިންސައްތަ ވަނީ ދަށްވެފައި - ފޮޓޯ:އަވަސް
އެކްސްޕޯޓް އިތުރުވި ނަމަވެސް އެޕްރީލް މަހު ލިބުނު އާމްދަނީ 16% ދަށްވެއްޖެ
މިދިޔަ އެޕްރީލް މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ މިންވަރު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 16 އިންސައްތަ ދަށްވެއްޖެއެވެ.

ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،

  • 2022 ވަނަ އަހަރުގެ އެޕްރީލް މަހު 186 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވޭ
  • މިދިޔަ މަހު އެކްސްޕޯޓް ކޮށްފައިވަނީ 193 މިލިއަން ރުފިޔާގެ މުދާ
  • މިއީ ހަތަރު އިންސައްތައިގެ އިތުރުވުމެއް

އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވިއިރު، 2022 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، ފާއިތުވެދިޔަ މަހު އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ ދަށްވެފައެވެ.

  • 2022 ވަނަ އަހަރުގެ އެޕްރީލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ
  • މިދިޔަ މަހު 4.5 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
  • މިއީ ހަތަރު އިންސައްތައިގެ ދަށްވުމެއް

ނިމިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 2022 ވަނަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، 16 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރުގެ އެޕްރީލް މަހު 361 މިލިއަން ރުފިޔާ ލިބިފައިވާއިރު، މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 305 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލެވެ. ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ގޭހުގެ ގޮތުގައި 838 މިލިއަން ރުފިޔާގެ ތެޔޮ މިދިޔަ މަހު އެތެރެކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ކާބޯތަކެއްޗެވެ. އެޕްރީލް މަހު ރާއްޖެއަށް 816 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެއެވެ.

މިދިޔަ މަހު ރާއްޖޭން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ގަނޑުކުރި ކަޅުބިލަމަހެވެ. އެގޮތުން، 100 މިލިއަން ރުފިޔާގެ ކަޅުބިލަމަސް ވަނީ ބޭރުކޮށްފައެވެ.

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):

  • އިންޑިއާ - 757 މިލިއަން ރުފިޔާ (17 އިންސައްތަ)
  • އޮމާން - 707 މިލިއަން ރުފިޔާ (16 އިންސައްތަ)
  • ޔޫއޭއީ - 573 މިލިއަން ރުފިޔާ (13 އިންސައްތަ)
  • ޗައިނާ - 520 މިލިއަން ރުފިޔާ (11 އިންސައްތަ)
  • ސިންގަޕޫރު - 467 މިލިއަން ރުފިޔާ (10 އިންސައްތަ)

މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:

  • ތައިލެންޑް (45 އިންސައްތަ)
  • އިނގިރޭސި ވިލާތް (18 އިންސައްތަ)
  • ޖަރުމަނު ވިލާތް (11 އިންސައްތަ)
  • މޮރިޝަސް (6 އިންސައްތަ)
  • އިންޑިއާ (5 އިންސައްތަ)

މި އަހަރުގެ އެޕްރީލް މަހު 20،058 ޑިކްލަރޭޝަން ޕްރޮސެސްކޮށްފައިވެއެވެ. ނިމިދިޔަ އަހަރުގެ އެޕްރީލް މަހު ޕްރޮސެސްކޮށްފައިވަނީ 18،861 ޑިކްލަރޭޝަނެވެ. މިދިޔަ މަހު ރާއްޖޭން ބޭރުން އައި ތިން އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަަނަ އަހަރުގެ އެޕްރީލް މަހު ހަ އުޅަނދަކަށް ކްލިއަރެންސްދީފައިވެއެވެ. ނިމިދިޔަ މަހު ރާއްޖޭން ބޭރަށް ފުރުމަށް އެއް އުޅަނދަކަށް ކްލިއަރެންސް ދީފައިވާއިރު، 2022 ވަނަ އަހަރުގެ އެޕްރީލް މަހު ތިން އުޅަނދަކަށް ކްލިއަރެންސް ދީފައިވެއެވެ.

މިދިޔަ އެޕްރީލް މަހު ރޯޔަލްޓީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް