އެރިތުރިއާގެ ސިފައިން އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހު އެ ދެ ބޯޓު އެރިތުރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައުމަށް ކުރި ދަތުރުގައި އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވާއިރު، ބޯޓުތަކުގައި ތިބީ ހަތަރު ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިންނެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މައުލޫމާތު ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުން ގެންދާކަމަށާއު ރާއްޖޭން ބޭރުގައި ގާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން އެގައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މައުލޫމާތު ހޯދުމަށާއި އެބޯޓުތަކުގައި ތިބި ކަމަށް މަޢްލޫމާތުލިބިފައިވާ ދިވެހި ފަޅުވެރިންގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
މީގެއިތުރުން އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.