ads
މަސްވެރިން މަސްވެރިކަމުގައި: މަސްދޯނިތަކުގައި ލޮނުފެން ފިނިކުރާ ނިޒާމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރުމަށް އެހީ ދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:އަވަސް
މަސް ދޯނީގައި ފެން ފިނިކުރާ ނިޒާމާއި ސޯލާ ހަރުކުރަން އެދެން ހުޅުވާލައިފި
މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަށް ދޯނީގައި ލޮނުފެން ފިނިކުރާ ނިޒާމާއި ސޯލާ ޕަވާ ސިސްޓަމް ހަރުކުރުމަށް އެހީ ދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

ސަރުކާރުގެ ނޫ އިގުތިސޯދު ސިޔާސަތުގެ ދަށުން މަސްވެރިން ބާނާ މަސް ތާޒާކަން މަތީ ގިނަ ވަގުތު ބެހެއްޓޭނެ އިންތިޒާމު ފަހިކޮށްދިނުމުގެ ގޮތުންނާއި މަސްވެރިކަމުގެ ފަހި މޫސުމުގައި އައިސް ނުލިބުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށް އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހި މިދިޔަ ނޮވެމްބަރު މަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފުރަތަމަ ފިޔަވަހީގެ ދަށުން ލިބުނު އެޕްލިކޭޝަންތައް އެވޯޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން މަސްވެރި އުޅަނދުތަކުގެ ވަތުގައި ލޮނުފެން ފިނިކުރާ ނިޒާމު (އާރުއެސްޑަބްލިއު ސިސްޓަމް) ގާއިމުކުރުމަށާއި އިއާދަކުރަނިވި ހަކަތަ އުޅަނދުތަކުގައި ބޭނުން ކުރުމަށް ސޯލާ ޕަވާ ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ފައިނޭންސިން ފޯރުކޮށްދޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރޮޖެކްޓުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • ރަޖިސްޓަ ކުރެވިފައިވާ އުޅަނދަކަށް ވުމާއި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތުން
  • އުޅަނދު މިހާރުވެސް ބޭނުންކުރެވެނީ މަސްވެރިކަން ކުރުމަށް ކަމުގައިވުން
  • 50 ފޫޓަށް ވުރެ ދިގު އުޅަނދަކަށްވުމާއި އަދި މަދުވެގެން 15 ޓަނުގެ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އުޅަނދުގައި ހުރުން 
  • ސިސްޓަމް ގާއިމުކުރުމަށް ބޭނުންވާ ޖާގަ އުޅަނދުގައި ހުރުން
  • އެސްޑީއެފްސީން ކަނޑައަޅާފައިވާ ފައިނޭންސިން ސްކީމާއި އެއްގޮތަށް އަނބުރާ ފައިސާ ދެއްކުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމުގައިވުން

އެ މިނިސްޓްރީން ބުނީ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް، އެފަރާތެއްގެ އުޅަނދަކަށް ބޭނުންވާ ސިސްޓަމް، އެސްޑީއެފްސީ ވެބްސައިޓުގައި ލިސްޓުކޮށްފައިވާ ސަޕްލަޔަރުންގެ ލިސްޓުން އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ފައިނޭންސިން ފެސިލިޓީގެ އަގު ކަނޑައެޅޭނީ ހިޔާރު ކުރާ ސިސްޓަމަށް ބިނާކޮށް ކަމަށާއި ސިސްޓަމް ހަރުކޮށްދިނުމާއި ސިސްޓަމް ހިންގުމާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމުގެ މަސައްކަތް މި ޕްރޮޖެކްޓުގެ ތެރެއިން ކުރިއަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮޖެކްޓުގެ ފައިނޭންސިން ހަމަޖެހިފައިވަނީ އެސްޑީއެފްސީން 'އާރުއެސްޑަބްލިއު' ނަމުގައި ހުޅުވާފައިވާ އިސްލާމިކް ފައިނޭންސިން ސްކީމެއް މެދުވެރިކޮށް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް