ads
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
ބޮމުގެ ހަމަލާއާ ބެހޭ މައުލޫމާތު ރައީސްއަށް ނުލިބޭ: ތަރުޖަމާނު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ބޮން ގޮއްވާލަން އުޅުނުކަމުގެ މައުލޫމާތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ލިބުނުކަމަށް ބުނާ ބުނުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ދޮގުކުރައްވައިފި އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާ އެ ސައިކަލުގައި ބޮމެއް ހަރުކޮށްގެން ރައީސް ނަޝީދު ނިކުންނަވާ ގަޑީ އެ ބޮން ގޮއްވާލަން އުޅޭ ކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވާކަމުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ލިބިފައިވާ ކަމަށެވެ. 

މީގެ އިތުރުން މެރީ ބްރައުން ސަރަހައްދުގައާއި ޔާގޫތުގޭ ސަރަހައްދުގައި ބޮމެއް ގޮއްވާލާ ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނުކަމުގެ މައުލޫމާތުވެސް ރައީސް ސޯލިހަށް ލިބުނުކަން 241 ކޮމިޓީއަށް އިނގޭކަމަށް ހަސަން ވިދާޅުވި އެވެ.  

ހަސަންގެ ވާހަކަތަކަށް ބާރު ދެއްވާ ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ، އެއީ ތެދު ވާހަކަ ތަކެއްކަން ތަހުގީގުން މިހާރު ޔަގީންވެފައިވާ ކަމަށެވެ.

"އަޅުގަނޑަށް އިއްޒަތްތެރި މެންބަރަށް ޔަގީންކޮށް ދެވިދާނެ. މޭރީ ބްރައުން ރެސްޓޯރެންޓް ކައިރީގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމާއި އަދި ޔާގޫތުގޭ ދޮށުގައި ބޮމެއް ބަހައްޓާ އަޅުގަނޑު މަރާލަން އުޅުނުކަމުގެ މައުލޫމާތު އަދި ކެނެރީގޭ ދޮށުގައި ބޮމެއް ބަހައްޓާ އެކަން ކުރަން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް އޮތީ ސާފުކޮށް އިނގިފައިކަން މިތަނުގައި ހުރި ތަހުގީގުތަކުންނާއި އަދި އިތުރު ތަހުގީގުތަކުން ވާނީ ވަރަށް ރަނގަޅަށް އިނގިފައި،" - ނަޝީދު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ބޮންގޮއްވަން އުޅުމާގުޅޭ ވަކި ސްޕެސިފިކް ހަމަލާއަކާ ބެހޭގޮތުން ރައީސްއަށް މައުލޫމާތެއް ކުރިން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ވަކި ސްޕެސިފިކް ހަމަލާއަކާ ބެހޭގޮތުން ރައީސް އަށް މައުލޫމާތެއް ލިބިފައެއް ނުވޭ، އެކަމުގެ ތަފްސީލް 241 ކޮމެޓީއަށް އޭރުވަނީ އިދާރާތަކުން ހިއްސާކޮށްފައި" - މިއުވާން

މިއުވާން ވިދާޅުވީ ބޮމުގެ ހަމަލާއާ ގުޅޭގޮތުން މިހާރު ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަކަށް ދައްކާ ސިޔާސީ ވާހަކައެއް ކަމަށެވެ.

މިއުވާން ވިދާޅުވީ މަޖިލީހުގައި ދައްކާ ވާހަކަތަކަށް އިމްތިޔާޒް ލިބޭތީ، ހަގީގަތާ ހިލާފު ދޮގު ވާހަކަ ފަތުރައިގެން ނެތް ތާއީދު އަލުން ހޯދުމަށް އުޅޭއުޅުން ބަލައި ނުގަންނަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް