ކުޑަ ކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަ ކުއްޖާއާ ޖިންސީ އަމަލެއް ހިންގިކަމަށް ދައުލަތުން ދައުވާ ކުރި މި މައްސަލަ، ދެކުނުގެ ރަށެއްގެ މެޖިސްޓްރޭޓް ބޭރުކޮށްލީ، ތުހުމަތު ކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމުގައި އިޖުރާއީ ގޮތުން ހަދާފައިވާ ގޯހެއް އޮތް ކަމަށް ބުނެއެވެ.
މި ހާދިސާއަކީ، 2021 ވަނަ އަހަރު، އެކި ފަހަރު މަތިން އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކާ، އެ ކުއްޖާގެ ދޮން ބައްޕަ ބެހުނު މައްސަލައެކެވެ.
މި މައްސަލައިގެ ޝަރީއަތުގައި ފުލުހުންނާއި ޑޮކްޓަރުން އަދި ޖެންޑާ މިނިސްޓްރީގެ ކަމާބެހޭ އޮފިޝަލުން ހެކިބަސްދީފައިވަނިކޮށް މައްސަލަ ބަލާ ގާޒީ މައްސަލަ ބޭރުކޮށްލީ، ބަންދު މުއްދަތު އިތުރު ކުރުމުގައި އިޖުރާއީ ގޮތުން ގޯހެއް ހަދާފައި އޮތް ކަމަށް ބުނެއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ހެކި ބަސް ދެމުން ފުލުހުންނާއި އަދި ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސް ވޯކަރު، ކުއްޖާބެލި ޑޮކްޓަރުވަނީ ކުއްޖާގެ ހާލަތު ވަރަށް ތަފްސީލްކޮށް ކިޔައިދީފައެވެ. މައްސަލައިގެ ޝަރީއަތުގައި ކުއްޖާގެ މަންމަވެސް ހެކިބަސް ދިނެއެވެ. އެކަމަކު ކުއްޖާގެ މަންމަ ހެކިބަސް ދެމުންވަނީ އޭނާގެ އުފަން ދަރިއާ ބެހުނު އޭނާގެ ފިރިމީހާ ދިފާއުކޮށްފައެވެ.
މިކަން ފާހަގަވެ، އިތުރު އަޑު އެހުމެއް ބޭއްވުމުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ އެފަދަ އިޖުރާއީ ކުޑަކުޑަ ކަމަކުން މައްސަލައިގެ މައުލޫއަށް އަސަރު ނުކުރާނެ ކަމަށެވެ. ދިފާއުން އެކަމުގައި ބުނެފައިވަނީ އެ ފަރާތަށް އެކަން ފާހަގަވެސް ވެފައި ނެތް ކަމަށެވެ. އެހެންނަމަވެސް ގާޒީ އިސްވެ އެކަން ފާހަގަ ކުރުމުން އެ ނުކުތާގައި ދިފާއުންވެސް ހިފިއެވެ.
މި މައްސަލަ ސާބިތުވި ނަމަ ކުއްޖާއާ ބެހުނު ދޮން ބައްޕައަށް 15 އަހަރާއި 18 އަހަރާ ދެމެދުގެ ހުކުމެއް އަންނާނެއެވެ. އެކަމަކު، މައްސަލަ ބެލި ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައިވެސް ހުންނެވި ގާޒީ ނިންމެވީ މި މައްސަލަ ބޭރުކޮށްލާށެވެ.
މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، މި މައްސަލައަކީ މައުލޫއި ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ބަންދުކޮށްފައި ހުރި ދޮން ބައްޕަ ވަގުތުން މިނިވަންކޮށް، ދޫކޮށްލުމަށް ކަރެކްޝަންސްގެ މައްޗަށް މައްސަލަ ބެލި ގާޒީވަނީ އަމުރުކޮށްފައެވެ.
މައްސަލައިގައި ހިމެނޭ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމުގެ މި ރިޕޯޓުގައި ކުއްޖާގެ ވަނަވަރު އެނގިދާނެ އެއްވެސް މައުލޫމާތެއް ހިމަނާފައިނުވާނެއެވެ. މައްސަލައިގައި ހިމެނޭ ކުއްޖާގެ ދޮން ބައްޕަގެ ނަންވެސް ރިޕޯޓްގައި ހިމަނާފައި ނުވަނީ ކުއްޖާގެ މަސްލަހަތު ހިމާޔަތް ކުރުމަށެވެ.