ads
ސަރުކާރު ކޯލިޝަން ލީޑަރުންނާއި އެކު ރައީސް ސޯލިހު އަދި ނާއިބު ރައީސް ފައިސަލް ނަސީމް: ފޮޓޯ / މިހާރު
ޗާގޯސް މައްސަލާގައި ރައީސް ކޯލިޝަން އެއްބަސްވުމާ ހިލާފް: ގާސިމް
މޮރިޝަޝްއާއި ރާއްޖޭގެ ކަނޑުގެ މައްސަލާގައި ޗާގޯސް އާއި ރާއްޖޭގެ ކަނޑު ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައި ވަނީ މިސަރުކާރު ހިންގާ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކަމަށް، ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާ ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަން އެކުލަވާލިއިރު މައިގަނޑު ކަންތައްތަކެއްގެ މައްޗަށް ލީޑަރުން އެއްބަސްވެފައިވާނެ ކަމަށެވެ.

އެގޮތުން ކޯލިޝަން އެއްބަސްވުމުގައި، ރާއްޖޭގެ އޮންނަން ޖެހޭނީ އިސްލާމް ދީންކަމައި ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަން ވަރަށް ސާފުކޮށް ލިޔެފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެެއިން އެއްވެސް ކަމަކާ ގުޅޭކަމެއް ނިންމާނަމަ ކޯލިޝަން ލީޑަރުންނާ މަޝްވަރާ ކުރެވި އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށްވެސް ކޯލިޝަން އެއްބަސްވުމުގައި ބަޔާންކޮށްފައި ވާނެކަމަށް ގާސިމް ވިދާޅުވިއެވެ.

ނަމަވެސް ޗާގޯސް މައްސަލާގައި ސަރުކާރުން ވަކި ސްޓޭންޑެއްގައި ވަޑައިގެންނެވީ ކޯލިޝަން ލީޑަރުންނާ އެއްވެސް މަޝްވަރާ ކުރުމެއް ނެތިކަމަށާއި ޗާގޯސް މައްސަލައަކީ އިސްލާމް ދީންކަމަށާއި ރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަމާ ގުޅިފައިވާ މައްސަލައެއް ކަމަށް ދެކެވަޑައިގަންނަވާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިމައްސަލާގައި ރައީސް ކޯލިޝަންގެ ލީޑަރުންނާ މަޝްވަރާ ނުކުރެއްވުމަކީ ކޯލިޝަން އެއްބަސްވުމާ ހިލާފަށް ކުރެއްވި ކަމެއްކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ނިންމީ މިދިޔަ އޭޕްރީލް މަހުގެ 28 ވީ ހުކުރު ދުވަހު އެވެ.

މިމައްސަލާގައި އިޓްލޮސް އިން ނިންމީ ފުށު އަރާބައި އިކުއި ޑިސްޓެންސްގެ އުސޫލުގެ ދަށުން ބަހާލާށެވެ. މި އުސޫލް އެޕްލައިކުރުމުގައި ހިޔާލު ތަފާތުވުން އުފެދުނީ ޗާގޯސްގެ ބްލެންހެމް ރީފުން ފެށިގެން މޮރިޝަސް އިން މިން އަޅަން ބުނާތީ އެވެ.

ރާއްޖޭން ބުނެފައިވަނީ އެއީ މޮރިޝަސްގެ އައްސޭރި ފަށުގެ ބައެއް ނޫން ކަމަށެވެ އަދި މޮރިޝަސްގެ ދައުވާ ދޮގުކުރަން ރާއްޖޭއިން ވަނީ ސެޓެލައިޓް ފޮޓޯތަކާއި ސައިންޓިފިކް އެކި ހެކިތައް ޓްރެބިއުނަލަށް ހުށަހަޅައިފަ އެވެ. ރާއްޖެއިން ބުނީ އެފަރަކީ ހަމައެލަނި ހިކި ދިޔަވަތުގައި ފެންނަ ފަރެއްކަމަށާއި އެހެންކަމުން މޮރިޝަސްގެ ދައުވާ ދޮގުކަމަށެވެ.

އެހެންކަމުން ފަރަކީ އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ބޭސް ޕޮއިންޓަކަށް ބެލިދާނެތޯ ބެލުމަށް ފަހު އިޓްލޮސް އިން ނިންމީ މޮރިޝަސްގެ ހުށަހެޅުން ބަލައިނުގަނެވޭނެ ކަމަށާއި ބްލެންހެމް ފަރުގެ އެއްވެސް ޕޮއިންޓެއް އިކުއި ޑިސްޓެންސް ލައިން ކުރެހުމުގައި ނުބެލުމަށް ވަނީ ނިންމާފައެވެ.

އިޓްލޮސްގެ މިނިންމުމާއި އެކު ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ ގާތްގަނޑަކަށް 4،600 އަކަކިލޯމީޓަރުގެ ސަރަހައްދެއް ލިބިފައެވެ. މޮރިޝަސް އިން ދައުވާކުރަމުން ގެންދިޔައީ މިއީ ޗާގޯސްއާއި އިންވެގެން އޮންނަ މޮރިޝަސްގެ ބައެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް