ads
އަލީ އާދަމް
ވަރިވާން ކޯޓަށް ދިޔަ އަންހެނަަކަށް ގުޅި ގާޒީ ސަސްޕެންޑްކޮށްފި
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މައްސަލައިގައި ހދ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކޮށްފިއެވެ.

ވަރިވާން ކޯޓަށް ދިޔަ އަންހެން މީހާއަށް ގުޅައި މެސެޖުކޮށް ހެދިކަމަށް ތުހުމަތުކޮށް، ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް ސަސްޕެންޑްކުރިކަން ހާމަކުރީ ޖޭއެސްސީން މިރޭއެވެ.

ޖޭއެސްސީން އަލީ އާދަމް ސަސްޕެންޑްކުރިކަން ހާމަކުރިއިރު، އެ ހަބަރު އެންމެ ފުރަތަމަ ގެނެސްފައިވާނީ ސީއެންއެމުންނެވެ.

ސީއެންއެމުން އެ ހަބަރު ގެނެސްދިނުމަށް ފަހު، ރާއްޖޭގެ މީޑިއާގައި އެ ހަބަރު އާއްމުވެ އެންމެ ފަހުން ޖޭއެސްސީން އަލީ އާދަމާ މެދު ފިޔަވަޅު އެޅީއެވެ. ޖޭއެސްސީން އަލީ އާދަމް ސަސްޕެންޑްކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށްއެދި ހުށަހެޅި މައްސަލައެއްގައި ހިމެނޭ އަންހެނަކަށް އަލީ އާދަމް ގުޅައި މެސެޖުކޮށް، މައްސަލަ ނިންމަންވީ ކިހިނެތްތޯ އަހައި އަދި އެ ނޫންވެސް ދެމަފިރިންގެ ޒާތީ ދިރިއުޅުމާ ގުޅޭ ވާހަކަތައް ޝަރީއަތުގެ ބޭރުންވަނީ އޮޅުން ފިލުވަން މަސައްކަތްކޮށްފައެވެ.

ޖޭއެސްސީން އަލީ އާދަމް މިރޭ ސަސްޕެންޑްކުރިއިރު، އަލީ އާދަމްގެ މިފަދަ އެހެން މައްސަލައެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. 

މީގެ އިތުރުން ޖަމިއްޔާއެއް އުފައްދައި އެ ޖަމިއްޔާގެ ހަރަކާތްތައް ރާވާ ހިންގުމުގައި އަމަލީގޮތުން ބައިވެރިވާކަމަށް ބުނާ މައްސަލައަކާއި، ތަފްރީގުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި، މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެފަދަ ހިޔާލުތައް ފާޅުކުރާ މައްސަލައެއް މި ގާޒީއާ ގުޅޭ ގޮތުން ކުރިން ޖޭއެސްސީން ބަލައި ފިޔަވަޅުވެސް އެޅިއެވެ.

ވަރިވާން ހުށަހެޅި އަންހެނަކަށް ގާޒީ ގުޅި މައްސަލައިގައި އެ އަންހެން މީހާގެ ފިރިމީހާ ގާޒީއަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައެއްވެސް ކޯޓުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ބައެއް ރިޕޯޓްތައްވަނީ ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް