
ޕީސީބީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އައްޔަން ކުރައްވާފައިވަނީ ހއ. ކެލާ، ކޮކާގެ، މުހައްމަދު އާޒާދު އެވެ.
އީސީގެ މެންބަރުކަމަށް ރައީސް ސޯލިހު އައްޔަން ކުރެއްވުމަށް ނިންމާފައިވަނީ އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އެވެ. މިހާރުވެސް އީސީގެ މެމްބަރު ކަމުގައި ހުންނެވި ނަޝާތުގެ ދައުރުގެ މުއްދަތު ހަމަވާއިރު މިއީ ނަޝާތު ދެވަނަ ދައުރަކަށް އައްޔަން ކުރެއްވުމަށް މިހާރު މިވަނީ ފޮނުވަފައެވެ.
އާޒާދަށާއި ނަޝާތަށް ރުހުން ދިނުމާއިމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވީ މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
ޕީސީބީގެ މެންބަރުކަމަށް އާޒާދަށް ރުހުން ހޯދުމަށް ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ބުނެފައިވަނީ ޕީސީބީގެ މެންބަރުކަމަށް އާޒާދު އައްޔަންކޮށް އޭނާގެ ވަނަވަރާއި އައިޑީ ކާޑުގެ ކޮޕީ ސިޓީއާއިއެކު ހުށަހަޅާފައިވާ ކަަމަށެވެ.
އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރަން ނިންމާފައިވަނީ މިވަގުތު އެމަގާމުގައި ހުންނެވި އއ. ފެރިދޫ، ހާލި، އަލީ ނަޝާތުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ. ރައީސް ދެވަނަ ފަހަރަށްވެސް މަގާމަށް އައްޔަން ކުރައްވަން ބޭނުންފުޅުވީ ނަޝާތު އެވެ.
އީސީގެ މެންބަރުކަމަށް ކުރިމަތި ލެއްވި އެހެން ބޭފުޅުންގެ ނަންފުޅުތައްވެސް މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
ޕީސީބީގެ މެންބަރުކަމަށް ރައީސް އައްޔަން ކުރާ މެންބަރުންނާއި މެދު އާންމުންގެ ޝަކުވާއެއްވާނަމަ އެކަން ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ފަހިކޮށްދެ އެވެ. ކޮމިޓީން މިފަދަ މައްސަލަތައް ބެލުމަށްފަހު ރައްޔިތުންގެ ހިޔާލު ހޯދުމަށް މީގެ ކުރިންވެސް ހުޅުވާލި އެވެ.
މިދިޔަ މަހުގެ ތެރޭގައި ރައީސް ސޯލިހު ވަނީ ޕީސީބީގެ މެންބަރުކަމަށް ޝިރުވީން އައްޔަން ކުރެއްވުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފަ އެވެ.