ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދިނުމުގެ ހައްގު އެ ވަޒީރަކަށް ލިބިގެންވެ އެވެ.
ކަން މިހެން އޮތްއިރު ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ނިންމި ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ހެއްޔެވެ؟
ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ކުރިއަށް ގެންދިޔަ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ބައެއް ވަޒީރުންވަނީ ލިޔުމުން ޖަވާބު ނުދީ އަނގަބަހުން ޖަވާބުދާރީވެފަ އެވެ. އެއީ ގާނޫނު އަސާސީން ވަކި ގޮތަކަށް ޖަވާބުދާރީވުމަށް މަޖުބޫރު ނުކުރާތީ އެވެ.
އެހެންކަމުން ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީވުމުން މައްސަލައަކަށް ވެގެން ނުވާނެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ޖަވާބުދާރީ ވާނެ ގޮތަކީ ވަޒީރުގެ އިހުތިޔާރުގައިވާ ކަމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ އިދިކޮޅު މެންބަރުންގެ ވާހަކަތައް ބުރަވެވަޑައިގެން މިމައްސަލާގައި ސްޕްރީމް ކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދަން ފެންނަކަމަށް ނިންމާފަ އެވެ. އަދި ލަފާ ހޯދަން އެދޭނީ މަޖިލީހުން ފާސްވުމުންކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާާޅުވެފަ އެވެ.
މި މައްސަލައިގައި ރިއްފަތު ލިޔުމުން ޖަވާބުދާރީވުމުން އިދިކޮޅު މެންބަރުން ވަނީ އާންމު ކޮމިޓީން ބަންޑާރަ ނައިބު ހާޒިރުވެ ޖަވާބުދާރީވާނެ ކަމަށް ބުނެފައި އޮއްވާ މަޖިލީހަށް ވަޑައިނުގަތުމުން އެއީ މައްސަލައެއް ކަމަށް ބުނެފަ އެވެ.
ސަރުކާރަށް ތާއިދު ކުރާ މެންބަރުން ވަނީ އަނގަބަހުނާއި ލިޔުމުން ޖަވާބުދާރީ ވުމަކީ ވަޒީރަށް ލިބިގެންވާ ހައްގެއްކަމަށާއި ބޭނުންފުޅުވާ ގޮތެއް އިހްތިޔާރު ކުރުމަކީވެސް ވަޒީރަށް ލިބިގެންވާ ހައްގެއްކަމަށް ބުނެފަ އެވެ.
ސަރުކާރަށް ތާއިދު ކުރައްވާ މެންބަރުން ނަންގަވާފައިވަނީ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) ގައިވާ ދިފާއު އެވެ.
އެމްޑީޕީގެ މެންބަރުން ވަނީ މިއީ ސްޕްރީމް ކޯޓުގެ ލަފަޔެއް ހޯދަން ޖެހޭ ކަމެއް ނޫންކަން ފާހަގަކޮށްފަ އެވެ. އަދި ވަޒީރަށް ލިބިގެންވާ ހައްގެއް ބޭނުން ކުރުމާއި ނުކުރުމަކީވެސް އިހުތިޔާރުގައިވާ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.
ރައީސް ނަޝީދު ވަނީ މަޖިލީހުގެ ގަވައިދާ ހިލާފަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުއްޓުވާފައިކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތައް މީގެކުރިން މަޖިލީހުގައި ނިންމިއިރު، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަޖިލީހުން ނިންމީ ޖަމީލު ރާއްޖޭގައިވެސް ވަޑައިގެން ނޫޅުއްވަނީސް އެވެ.
އެހެން ކަމުން މިއަދުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުގެންދެވެންވީ ހަމައެއް ނުފެނެއެވެ.