
އާސިމް އަބްދުއްރަހީމް ކިޔާ މީހަކަށް ދޫކޮށްފައިވާ ޗެކްތަކެއްގެ މައްސަލައިގައި ސިވިލް ކޯޓުން ލިލީގެ މައްޗަށް ބޮޑު ހުކުމެއް ކުރީ މިއަދުއެވެ.
މިއީ ލިލީން ކުރާ ވިޔަފާތިއަށް އިންވެސްޓް ކުރުމަށް އެ ކުންފުންޏަށް މ. އެއްމުލިމާގެ، އާސިމް އަބްދުއްރަހީމް ދިން ފައިސާތަކެއް އެއްބަސްވި ގޮތަށް ލިލީން ފައިސާ ދައްކަމުން ނުދާ މައްސަލަ އަކާއި ފައިސާގެ ގެރެންޓީގެ ގޮތުގައި ދީފައިވާ ޗެކްތަކަށް ބެންކުން ފައިސާ ދޫނުކުރުމަށް "ސްޓޮޕް އޯޑާ" އަންގާ އަދި ލިލީން ދިން ޗެކްތަކުގެ ތެރެއިން އެއް ޗެކުގެ މުއްދަތު ހަމަވެފައިވާތީ އެ ކުންފުންޏާއި ދެކޮޅަށް އާސިމް ހުށައެޅި މައްސަލަ އެކެވެ.
މި މައްސަލައިގެ ހުކުމް މިއަދު އިއްވީ ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުއެވެ. ހުކުމުގައި ބުނެފައިވަނީ ލިލީން އާސިމަށް ދީފައިވާ ޗެކްތަކުގެ ޖުމްލަ ކަމުގައިވާ 9،315،700 ރުފިޔާ އަކީ އެ ކުންފުނިން އާސިމަށް ދޭން ޖެހޭ ފައިސާ ކަމަށް މަދަނީ މިންގަނޑުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެން ކަމުން އެ ފައިސާ ޖޫން މަހުގެ 15 ގެ ކުރީން ސިވިލް ކޯޓަށް ދައްކާ ދަރަނި ހަލާސް ކުރުމަށް ވަނީ އަންގާފައެވެ.