ads
ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި-
މާޗު، އޭޕްރީލް، މޭ ވެސް ނިމުނީ، ޔާމީން މިނިވަނެއް ނުވި
ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ޖަލަށްލާން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް މިދިޔަ ޑިސެމްބަރު މަހު އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުން މާޗު ހިސާބުގައި މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވި އިރު ހީވީ ހަމަ އަސްލުވެސް އެހެން އެކަން ވާނެހެނެވެ.

ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހްމަދު މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ވިދާޅުވީ، އިސްތިއުނާފީ މަރުހަލާއަކީ މާ ދިގުދެމިގެންދާ މަރުހަލާއެއް ނޫންކަމަށެވެ. އަދި މި އަހަރުގެ މާޗު މަސްތެރޭ އެމަނިކުފާނު މިނިވަންވެ ވަޑައިގަންނަވާނެ ކަމަށް ކުރިން ޖަސްޓިސް މިނިސްޓަރުކަންވެސް ކުރެއްވި އަދި ރައީސް ޔާމީންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލް ވިދާޅުވިއެވެ.

މާރިޗު މަސް ނިމުނީއެވެ. އޭޕްރީލް، މޭ ވެސް ނިމި ޖޫން މަސް ފެށުނީއެވެ. ޖޫން މަސް ފެށުނު އިރު ހުކުމް ތަންފީޒު ކުރަމުން ގެންދާ ޖަލު ހުކުމުގެ މައްސަލައިގެ އަޑު އެހުންތައްވެސް އަދި ކޯޓުގައި ނުފެށެއެވެ. ފެށޭނެ އިރެއްވެސް އަދި ނޭނގެއެވެ. ޑރ. ޖަމީލްގެ ވާހަކަ ދިމައެއް ނުވިއެވެ. ރިޔާސީ އިންތިހާބާ ދެމެދު މިއޮތް ވަގުތުކޮޅު ތެރޭގައި ރައީސް ޔާމީން މިނިވަންވާނެތޯ އެއީ ނޭނގުމެއްގެ ތެރޭގައި އޮތް ކަމެކެވެ.

ޔާމީންގެ އިސް ވަކީލުގެ ގޮތުގައި ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ޑރ. ޖަމީލް ދައްކަވާ ވާހަކަތައް ދިމާ ނުވުމަކީ އާ ކަމެއް ނޫނެވެ. ރައީސް ޔާމީންގެ ދިފާއުގައި މިހާރު ކޯޓުތަކުގައި ވަކާލާތު ކުރައްވަމުން ގެންދަވާއިރު، ކުރިން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް އެމަނިކުފާނު އިއުތިރާފުވުމާ އެކު، ރައީސްގެ ނަމުން މުހާތަބު ކުރުން ވެސް އެކަށީގެން ނުވާ ކަމަށެވެ.

"ރައީސެއްގެ މަގާމުގައި ހުންނެވި ކަމުގައި ވިޔަސް ގެއަށް ފުރަތަމަ [ހަލާލު ނޫން] ފައިސާ ވަދެވިގެން ވެސް ނުވާނެ. ފައިސާ ވަން ފުރަތަމަ ދުވަހަކީ އެމަނިކުފާނު މަގާމުން ދުރުވާން ޖެހޭނެ ދުވަސް. ފައިސާ ވަން ހިސާބުން ފެށިގެން އެނގިގެން ދިޔައޭ އެއީ ގޯސް އަމަލެއްކަން. ރާއްޖޭގެ އެއްވެސް ރައީސަކު، އެއްވެސް މުއައްސަސާއަކުން ވެސް އަބްދުﷲ ޔާމީނަށް ރައީސުލްޖުމްހޫރިއްޔާއެއްގެ ލަގަބުން މުޚާތަބުކުރުން ވެސް ސައްހައެއް ނުވާނެ" - ޑރ. ޖަމީލް 

ރިޔާސީ އިންތިހާބާ ދެމެދު މިހާރު ކުޑަ ވަގުތުކޮޅަކަށް ވެފައިވާއިރު، ރައީސް ޔާމީނާ ގުޅޭ ޖިނާއީ ދެ މައްސަލައެއްގެ މިހާރުވެސް ދަށު ކޯޓުގައި ހިނގަމުން އެބަދެއެވެ. ފުއްގިރި ހިޔާނާތާ ގުޅޭ މިމައްސަލަތައް އަދި ހަމަ ކިރިޔާ ކޯޓުގައި ރަނގަޅަށް ފަށައިގަތީއެވެ.

އަނެއްކޮޅުން މިހާރު ހުކުމް ތަންފީޒު ކުރަމުންދާ މައްސަލަ ފެށޭނެ ދުވަހެއްވެސް ނޭގެއެވެ. އެ މައްސަލަ އަވަސްވޭތޯ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހައިކޯޓަށް ދެއެވެ. އެކަމަކު ބެލެވޭ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ މުއްދަތު ޖުލައި މަހު ފަހުކޮޅު އޮންނައިރު އެ މުއްދަތުގައިވެސް ޔާމީން ގިނަ ވަގުތު އުޅުއްވަން ޖެހޭނީ ކޯޓުތަކުގައެވެ. 

ކްރިމިނަލް ކޯޓުގައި ދެ މައްސަލައެއް ޔާމީނާ ދެކޮޅަށް ހިގަމުންދާއިރު، ހައިކޯޓުގައި ޔާމީން އިސްތިއުނާފު ކޮށްފައި އޮތް މައްސަލަ އެބައޮތެވެ. ކެމްޕޭނުގެ އެންމެ މުހިއްމު ވަގުތު ހޭދަ ކުރައްވަން ޖެހޭނީ މުޅިންހެން ކޯޓުގައި ކަމަށް މިއަދު ގަބޫލު ކުރަން ޖެހޭ ސަބަބަކީ ޑރ. ޖަމީލް ޖެއްސެވި ހިސާބު ކުޑަކޮށްވެސް ދިމާ ނުވުމެވެ. ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދޮރު އެ މަނިކުފާނަށް މި ވަގުތަށްވަނީ ބަންދުވެފައިކަމީ ޕީޕީއެމުން ގަބޫލް ކުރަން ބޭނުން ނުވިޔަސް ހަގީގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް