ads
ހައްޖަށާއި އުމްރާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބީއެމްއެލުން ވަނީ ހަމަޖައްސާފައި - ފޮޓޯ:ބީއެމްއެލް
ހައްޖަށް ފުރާ މީހުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ ގޮތް ބީއެމްއެލުން ހަމަޖައްސައިފި
ރާއްޖޭން ހައްޖަށާއި އުމްރާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ގަނެވޭނެ ފަސޭހަ އިންތިޒާމްތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ ހައްޖަށާއި އުމްރާއަށް ފުރާ ދިވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އެ ފަދަ ފަރާތްތަކަށް ޑޮލަރު ދޫކުރުމަށް އެ ބޭންކުގެ ފަރާތުން ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ހަފުތާގެ ހުރިހާ ދުވަހަކު ޑޮލަރު ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ.

ހައްޖަށާއި އުމްރާއަށް ފުރާ ފަރާތްތަކަށް ބީއެމްއެލުން ޑޮލަރު ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ގަޑިތައް:   

  • އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް: މެންދުރު 12:00 އިން ފެށިގެން 2:00 އަށް (މާލެ ސަރަހައްދުގެ ހުރިހާ ބްރާންޗަކުން)
  • ހޮނިހިރު ދުވަސް: ހެނދުނު 09:00 އިން ފެށިގެން މެންދުރު 1:00 އަށް (އިސްލާމިކް ބްރާންޗް އަދި މެއިން ބްރާންޗުން)

ބީއެމްއެލުން ބުނެފައިވަނީ ކޮންމެ މީހަކަށް ދޫކުރުމަށް ނިންމާފައިވަނީ 500 ޑޮލަރު ކަމަށެވެ. މި ހިދުމަތް ހޯދުމަށް ކިއުބީ މެދުވެރިކޮށް ޓޯކަން ނެގޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް މި އަހަރު ލިބިފައިވަނީ 1،000 ކޯޓާއެވެ. އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށް މި އަހަރުވެސް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި ހައްޖުވެރިން ތިބި ހިސާބުތައް ބަލައި ބަސްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމުގައެވެ.

ބަސްތަކުގެ އިތުރުން މީހުން އިތުރުވާނެ ކަމަށް ބަލާ އެއާޕޯޓަށް ދިއުމަށް ފެރީ ހަމަޖައްސާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނީ ބަސްތަކާއި ފެރީތަކުގައި ޖާގަ އޮތް މިންވަރަކުން އާއިލާގެ މެންބަރުންނަށް އެއާޕޯޓަށް ދެވޭނެ ކަމަށެވެ. އެމްއޭސީއެލް އާއި އެހެނިހެން ކުންފުނިތަކާ ގުޅިގެން ހައްޖުވެރިންނަށް ފަސޭހަވާނެ އިންތިޒާމްތައް އެއާޕޯޓުގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް