ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް،
- ދައުލަތަށް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ވަނީ ލިބިފައި
- ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 10.4 ބިލިއަން ރުފިޔާ
- މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.3 ބިލިއަން ރުފިޔާގެ އިތުރުވުމެއް
ދައުލަތަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކޮށްފައިވަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީންނެވެ. މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޓެކްސްގެ ގޮތުގައި 9.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
- ޓީޖީއެސްޓީގެ ގޮތުގައި 3.9 ބިލިއަން ރުފިޔާ ލިބިފައިވޭ
- ބީޕީޓީގެ ގޮތުގައި 2 ބިލިއަން ރުފިޔާ ލިބުނު
- ޖީއެސްޓީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބުނު
- އިމްޕޯޓް ޑިއުޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވޭ
- ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 968 މިލިއަން ރުފިޔާ ލިބިފައިވޭ
ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސް ނޫން ދާއިރާތަކުން އާމްދަނީގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
- ފީ އަދި ޗާޖުތަކުން 1.1 ބިލިއަން ރުފިޔާ ލިބިފައިވޭ
- އިންޓަރެސްޓް، ޕްރޮފިޓް އަދި ޑިވިޑެންޑްގެ ގޮތުގައި 803 މިލިއަން ރުފިޔާ ލިބުނު
ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ބަޖެޓުގައި ޓީޖީއެސްޓީ އާއި ޖީއެސްޓީން ދައުލަތަށް 13.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަހަރު ނިމޭއިރު ދައުލަތަށް 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، ޓެކްސް އާމްދަނީގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.