މިއަދު ހަވީރު ގަމުގައި ބޭއްވި ހާއްސަ ރަސްމީއްޔާތުގައި އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ސޯލިހާއި އިންޑިއާގެ މިނިސްޓަރު އޮފް ސްޓޭޓް ފޮ އެކްސްޓާނަލް އެފެއާޒް ވީ. މުރަލީދަރަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. މި ރަސްމީއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާ އެކު އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓަސް ޕްރައިވެޓް ޕްރޮޖެކްޓްސް ކުންފުންޏާއެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ މާޗު މަހުގެ ފަސްވަނަ ދުވަހުއެވެ. ރެނާޓަސް ކުންފުނިން މިހާރު ވަނީ މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރައީސް ސޯލިހު ފައްޓަވައި ދެއްވުން - ފޮޓޯ:ރައީސް އޮފީސް
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު:
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. އެ މިނިސްޓްރީން ދެކޭ ގޮތުގައި މިއީ މުޅި ދުނިޔެ އާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށްދޭނެ އުންމީދީ މަޝްރޫއެކެވެ.