ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފައްޔާޒު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގަން އެއާޕޯޓު ރަނގަޅު ފެންވަރަކަށް ހެދިފައި ނެތުން ކަމަށެވެ. ފަތުރުވެރިކަން ފުޅާވެ އިންވެސްޓަރުންގެ އިތުބާރު އައްޑޫއަށް ލިބެން އޮތީ އެއާޕޯޓު ތަރައްގީ ކުރެވިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ މި ސަރުކާރުން ގަން އެއާޕޯޓު ތަރައްގީ ކުރާނެ ފައިސާ ހަމަޖައްސައި އެއާޕޯޓުގެ މަސައްކަތް ފެށިގެން ދިއުމަކީ އައްޑޫއަށް އިންވެސްޓް ކުރާ ފަރާތްތަކަށް ލިބިގެންދާނެ އިތުރު ޔަގީންކަމެއް ކަމަށެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ޓޫރިޒަމަށް އިންވެސްޓް ކުރާ ފަރާތްތަކުގެ އަތުން އެއްވެސް ތަފާތު ކުރުމެއް ނެތި ނަގަމުން ދިޔަ ޓެކްސްތަކަށް ހެޔޮ ބަދަލެއް ގެނައީ މި ސަރުކާރުން ކަމުގައެވެ. އެގޮތުން ގެނައި އެންމެ މުހިންމު ބަދަލަކީ ރީޖަނަލް ޓޫރިޒަމްގެ ތަރައްގީއަށް އަގުތަކަށް ގެނައި ބަދަލު ކަން ފާހަގަކުރައްވާ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އައްޑޫއިން އަކަ މީޓަރަކަށް އަށް ޑޮލަރު ދައްކަމުން އައި އައުން އެ ބަދަލާ އެކު ދެ ޑޮލަރަށް ތިރިވެފައިވާ ކަމަށެވެ. އެ ކަމުގެ ބޭނުމަކީ އައްޑޫގެ ތަރައްގީއަށް އިންވެސްޓް ކުރަން ތިބި ފަރާތްތަކަށް ހިތްވަރު ދިނުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވެފައިވަނީ އައްޑޫއަށް އިސްކަން ދެނީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު ހިއްސާއެއް އައްޑޫ ސިޓީގައި އޮތުމުން ކަމަށެވެ. އެގޮތުން އައްޑޫއަށް އަންނަ ކޮންމެ ތަރައްގީއަކީ ދެކުނަށާއި މުޅި ރާއްޖެއަށް އަންނަ ތަރައްގީއެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީ ދެކުނުގެ އަތޮޅުތަކަށް އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެސްދީ، މުޅި ރާއްޖޭގެ ތަރައްގީގައި އައްޑޫ ސިޓީގެ ދައުރު ފުޅާކޮށްދިނުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫއެއް ކަމަށް އިކޮނޮމިކް މިިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ. އެ މިނިސްޓްރީން ދެކޭ ގޮތުގައި މިއީ މުޅި ދުނިޔެ އާ ދެކުނުގެ އަތޮޅުތަކާ ގުޅުވާލަދޭ ނާރެހެއްގެ ގޮތުގައި ގަން އިންޓަނޭޝަލް އެއާޕޯޓް ތަރައްގީކޮށްދޭނެ އުންމީދީ މަޝްރޫއެކެވެ.