ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. -- ފޮޓޯ: ރައީސް އޮފީސް
ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ މައްސަލަ ޖޫން މަހުގެ ހަވަނަ ދުވަހު އެޖެންޑާ ކުރައްވާނެ ކަމަށެވެ. 

ނަމަވެސް މިއަދު ރައީސް ނަޝީދު މަޖިލީހުގެ މެންބަރުންނަށް ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައިވަނީ 6 ޖޫން، 2023 ގެ ޖަލްސާއަށް ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރާނެ ވާހަކަ ކުރިން ދެންނެވި ނަމަވެސް މިހާރު ފަސްކުރަން ނިންމަވާފައިވާ ކަމަށެވެ. 

އެ ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ މަޖިލީހުގެ ދަފްތަރުގައި ސިޔާސީ ޕާޓީތަކަށާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެންބަރުންގެ ނިސްބަތަށް އައިސްފައިވާ ބަދަލާއި ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން މެންބަރުން ހިމެނި ވަޑައިގަންނަވާ ނިސްބަތް އަދި ފާސްކުރެވިފައި ނުވާ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނި ވަޑައިގަންނަވާ ނިސްބަތް ފާސްކުރެވިފައި ނުވާތީ ފޮރިން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި މެންބަރުން ވާހަކަފުޅު ދައްކަވާނެ ވަގުތުތައް އަދި ކަނޑަ އެޅިފައި ނުވާ ކަމަށެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފަސްކުރަން ނިންމާފައިވަނީ މެންބަރުން ވާހަކަފުޅު ދައްކަވާނެ ވަގުތުތައް ކަނޑަ އެޅިފައި ނުވާތީ ކަމަށްވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.  

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއިމެދު ބަހުސް ކުރާނެ ވަގުތު ކަނޑައަޅާ ނިމުމުން އެ މައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް ފަހުން އަންގަވާނެ ކަމަށެވެ. 

މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން އުފެއްދި އިއްތިހާދުންނެވެ.  

މިނިސްޓަރު ޝާހިދާއި ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައި ވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް 50 މެންބަރުންގެ ސޮޔާއިއެކު އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަޔާއި އެއްކޮޅަށް ވޯޓު ދިނުމަށްވެސް އެމްޑީޕީން ވަނީ ތްރީ ލައިން ވިޕެއް ނެރެފަ އެވެ. އީވާގެ މައްސަލަ ތައާވަލްކުރަން ނިންމާފައިވަނީ މިމަހުގެ 11 ވަނަ ދުވަހަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް