ads
ފެނަކައިގެ މުވައްޒަފުންތަކަކާ އެ ކޯޕަރޭޝަނުގެ އެމްޑީ ސައީދު ބައްދަލުކުރައްވަނީ: އަދުގެ މެނޭޖްމަންޓުން އެއްވެސް މުވައްޒަފަކަށް ބިރު ނުދައްކާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައި - ފޮޓޯ:ފެނަކަ
މެނޭޖްމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާނެ: ފެނަކަ
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ މިހާރުގެ މެނޭޖްމަންޓުން އެއްވެސް މުވައްޒަފަކަށް ބިރެއް ނުދައްކާ ކަމަށާއި ބިރު ނުވެސް ދައްކާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއް ނޫސްތަކުން އެ ކޯޕަރޭޝަނުގެ ނަން ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ހިޔާލީ ވާހަކަތައް އުފައްދައި ޝާއިއު ކުރަމުން ދަނީ އެ ކޯޕަރޭޝަނަކީ ރާއްޖޭގެ އުތުރުން ދެކުނަށް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މަގުބޫލު ބްރޭންޑަކަށް ވުމުން އެކަމުގެ ފައިދާ ނަގައި ނޫސް ކިޔުންތެރިން އިތުރުކުރުމުގެ ހީލަތްތެރި އުކުޅެއްގެ ގޮތުގައި ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ފެނަކައިން ބުނެފައިވަނީ އެފަދަ ކަންކަން ކުރާ ފަރާތްތަކުން، އެ ފަރާތްތަކާއި މުޖުތަމައަށް ފައިދާހުރި ބޭނުންތެރި މަސައްކަތްތަކެއް ކުރުމަށް، ލިބިފައިވާ ވަގުތާއި ވަސީލަތްތައް ބޭނުން ކުރުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ވަނީ، ކޯޕަރޭޝަނުގެ އެންމެ ބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމުގައި ބަލައިގަނެ، މުވައްޒަފުންނަށް ބިރުފިލައި ތިބެ ހާސްކަމެއް ނެތި ވަޒީފާ އަދާކުރެވޭނެ ފަހި މާހައުލެއް ގާއިމުކޮށްދީ، އަނެކުންގެ މިނިވަންކަމާއި ހައްގުތަކަށް އަރައިނުގަނެ އަމިއްލައަށް ލިބިފައިވާ ހައްގުތައް ފުރިހަމައަށް ބޭނުން ކުރުމުގެ ފުރުސަތު ތަނަވަސްކޮށް ހުޅުވައިދީ ކަށަވަރު ކޮށްދީފައި ކަމަށް ފެނަކައިން ބުނެއެވެ.

"އަދި އެއްވެސް ހާލެއްގައި އެ ހައްގުތަކަށް ހުރަސް އަޅައި، މުވައްޒަފުންނަށް ބިރު ދެއްކުމަކީ ކުންފުނީގެ އަދުގެ މެނޭޖްމަންޓް ދަންނަ، ނުވަތަ ބޭނުން ކުރާ ފަލްސަފާއެއް ނޫންކަން މި ފުރުސަތުގައި ވެސް ހުރިހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަން. ހަމަ އެހެންމެ، ކުންފުނީގެ ވަކިވަކި މުވައްޒަފުން ފާޅު ކުރާ ހިޔާލާއި ޝުއޫރާއި ބުނާ ބުނުމަކީ، ކުންފުނީގެ މެނޭޖްމަންޓުގެ ބަސް ނުވަތަ ކުންފުނިން ދެކޭގޮތް ނޫންކަން ފާހަގަ ކުރަން،" ފެނަކައިން ބުނެފައިވެއެވެ.

ފެނަކައިން ބުނި ގޮތުގައި އެއްވެސް އަސްލެއް އަސާސެއް ނެތި، އެ ކޯޕަރޭޝަނުގެ މެނޭޖްމަންޓާއި ކުންފުނީގެ އަގު ވައްޓާލައި ނަން ކިލަނބު ކުރުމަށް ކުރާ ނާކާމިޔާބު މަސައްކަތް ހުއްޓާލުމަށް، އެފަދަ އެންމެހައި ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކުރާ ކަމުގައެވެ. 

ފެނަކައިގެ ނަން ބޭނުން ކޮށްގެން ފައިދާ ހޯއްދެވުމަށް ވިސްނަވާނަމަ، ރިވެތި އަހުލާގާއި ސުލޫކުގެ ތެރެއިން އެކަމަށް މަގު ހޯދުމަށް އެދޭ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް