
އާބަންކޯއިން ބުނީ 'އާބަން އައިލް' ގައި އަޅާ ސިޓީ ހޮޓާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ވަނީ މި މަހުގެ 18 ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް ކަމަށެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހާއްސަކޮށްފައިވަނީ "ސީ އެކެއް، ދޭއް، ތިނެއް އަދި ހަތަރު ނަމްބަރު" ބިމުގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
'އާބަން އައިލް' އަކީ ހުޅުމާލޭގެ އެންމެ އުތުރުން އޮންނަ ފަތުރުވެރިކަމަށް ހާއްސަ ކުރެވިފައިވާ ރަށަކަށް ވާއިރު، ގާތްގަނޑަކަށް 23 ހެކްޓަރުގެ އެ ރަށުގައި ފަތުރުވެރިންނަށް ހާއްސަ ތަފާތު ގިނަ އެކޮމަޑޭޝަން ފެސިލިޓީތައް ހިމެނޭނެކަމަށް އާބަންކޯއިން ބުނެއެވެ. އާބަންކޯއިން ބުނެފައިވަނީ ޗުއްޓީ ހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށާއި ކުރު މުއްދަތަކަށް ނުވަތަ ޓްރާންސިޓްކޮށް މަޑުކުރާ ފަތުރުވެރިންނަށާއި ވިޔަފާރި ބޭނުންތަކުގައި އަންނަ ފަތުރުވެރިންގެ އިތުރުން ޑިޖިޓަލް ނޮމެޑްސް ފަދަ ދިގު މުއްދަތަކަށް މަޑުކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ފަދަ އެކޮމަޑޭޝަންތައް 'އާބަން އައިލް' ގައި ހިމެނޭނެ ކަމަށެވެ.
'އާބަން އައިލް' މަޝްރޫއުގެ ދަށުން ތަރައްގީ ކުރުމަށް ނިންމާފައިވަނީ:
- މެދު ފަންތީގެ 10 ފަންގިފިލާގެ ތިން ހޮޓާ - 19،103 އަކަމީޓަރުގެ ސަރަހައްދެއް
- މަތީ ފަންތީގެ 10 ފަންގިފިލާގެ ތިން ހޮޓާ - 50،681 އަކަމީޓަރުގެ ސަރަހައްދެއް
- 8-10 ފަންގިފިލާގެ ހަތަރު ސިޓީ ހޮޓާ - 2،850 އަކަމީޓަރުގެ ސަރަހައްދެއް
- ހަ ފަންގިފިލާގެ 21 ގެސްޓްހައުސް - 9،224 އަކަމީޓަރުގެ ސަރަހައްދެއް
- ތިން ފަންގިފިލާގެ 11 ލަގްޒަރީ ވިލާ - 5،083 އަކަމީޓަރުގެ ސަރަހައްދެއް
- އަށެއް - ބާރަ ފަންގިފިލާއަށް، ސާވިސްޑް އެޕާޓްމަންޓް ހަދަން 10 ބިން - 7،006 އަކަމީޓަރުގެ ސަރަހައްދެއް
- ވިޔަފާރިތައް ތަރައްގީކުރަން ނުވަ ބިން - 9،474 އަކަމީޓަރުގެ ސަރަހައްދެއް
މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި މި ޕްރޮޖެކްޓާ އެކު، ފަތުރުވެރިކަމުގެ ސިނާއަތަށާއި ރިއަލް އެސްޓޭޓު ސިނާއަތުގައި ހިމެނޭ ދިވެހި ވިޔަފާރިތަކަށް ކުރިއެރުން ލިބުމުގެ އިތުރުން މާލެ ސަރަހައްދުގައި އޮޕަރޭޓުކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަލަށް ވިޔަފާރީގެ މައިދާނަށް ވަންނަ ފަރާތްތަކަށްވެސް ފަހި ފުރުސަތު ތަކެއް ލިބިގެންދާނެ ކަމުގައެވެ. ހަމަ އެ އާއެކު، ހުޅުމާލޭގެ ގެސްޓު ހައުސްތަކަށްވެސް 'އާބަން އައިލް' އަށް އަންނަ ކޮމާޝަލް، އެފްއެންބީ އަދި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ފެސިލިޓީތަކުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުނެއެވެ.