ads
މަސްވެރިން ފެލިވަރަށް މަސްކިރުވަނީ: މި އަހަރުގެ މިހާތަނަށް 38،239 ޓަނުގެ މަސް ގަނެ، މަސްވެރިންނަށް 636.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މިފްކޯއިން ވަނީ ހާމަކޮށްފައި - ފޮޓޯ:މިހާރު
އަހަރުގެ މިހާތަނަށް މިފްކޯއިން 38،239 މެޓްރިކް ޓަނުގެ މަސް ކިރައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މި އަހަރުގެ މިހާތަނަށް 38،239 މެޓްރިކް ޓަނުގެ މަސް ކިރައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 38،239 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ. އަހަރުގެ މިހާތަނަށް މަސްވެރިންނަށް 636.9 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކޮށްފައިވެއެވެ.

މިފްކޯއިން ބުނެފައިވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖުމްލަ 28،273 މެޓްރިކް ޓަނުގެ މަސް އެ ކުންފުންޏަށް ކިރުވާފައިވާ ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި މިފްކޯއިން 457 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު އެންމެ ގިނައިން މަސްކިރުވާފައިވަނީ،

  • ގއ. ކޫއްޑޫ - 29،229 މެޓްރިކް ޓަނުގެ މަސް (491.4 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވޭ)
  • ޅ. ފެލިވަރު - 4،676 މެޓްރިކް ޓަނުގެ މަސް (72.3 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވޭ)
  • އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް - 4،335 މެޓްރިކް ޓަނުގެ މަސް (73.1 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވޭ)

މިފްކޯއިން އަންނަނީ އެ ކުންފުނިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޅ. ފެލިވަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިހާރު ހުރި ކެޕޭސިޓީގެ ދަތިތައް ހައްލުކޮށް، މަސް ގަތުމާ ގުޅުންހުރި ހުރިހާ ކަމެއް އެއް ތަނަކުން ފަސޭހައިން ލިބޭނެ ތަނަކަށް ފެލިވަރު ހެދުމަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މަސްކިރުވުމުގައި ހުރި ދަތިތައް ހައްލު ކުރުމަށް މަސްކިރޭނެ އިތުރު ބޯޓުތަކެއް ގެނައުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހަތަރު ބޯޓެއް ގަނެފައިވާއިރު، އޭގެތެރެއިން އެއް ބޯޓު ވަނީ ރާއްޖެއަށް ގެނެސްފައެެވެ.

އެޕްރީލް މަހު ގެނައި 'ޖަޒީރާ 103' އަށް ނިމިދިޔަ މަހު މަސް ކިރަން ފަށާފައިވާއިރު، އެ ބޯޓަކީ ދުވާލެއްގެ މައްޗަށް 120 މެޓްރިކް ޓަނުގެ މަސް ކިރުވުމުގެ ކެޕޭސިޓީ ހުރި ބޯޓެއް ކަމަށް މިފްކޯއިން ބުނެއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ ބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް