
ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިއަދު ހައިކޯޓުގައި ފެށުނީ މެންދުރު ފަހުއެވެ. މި ޝަރީއަތް ފެށިގެން ދޮޅު ގަޑިއެއްހާއިރު ފަހުން ޝަރީއަތް މެދު ކަނޑާލީ އަސުރު ނަމާދު ވަގުތަށެވެ.
އަސުރު ނަމާދު ވަގުތަށް ޝަރީއަތް މެދު ކަނޑާލައި ފަނޑިޔާރުންގެ ޓީމު ކޯޓު ރޫމު ދޫކޮށް ނުކުމެވަޑައިގެންނެވުމާއެކު، ޔާމީން އިންނެވި ގޮނޑިން ތެދުވެ ވަޑައިގެން ދައުލަތުގެ ވަކީލުން ތިއްބެވި ތަނަށް ވަޑައިގެން ވަކީލުންނާ ދިމާލަށް ނުރުހުންވެ ވާހަކަ ދެއްކެވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ދައުލަތުގެ ވަކީލުންނާ ދިމާލަށް ނުރުހުންވެ ހުއްނަވައި ޔާމީން ވަނީ ތިޔައީ ކިޔަވައިގެން ތިބި ކުދިން ކަމަށާއި ތިޔަކަލަ ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުލަތުގެ ވަކީލުންގެ ވާހަކަތަކުން "ސެންސް މޭކެއް ނުކުރޭ" ކަމަށް ޔާމީން އެތާ ހުންނަވައި ވިދާޅުވި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި ވާހަކަތަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވީ ޔާމީން ސަމާސާއެއް ކުރެއްވީ ކަމަށެވެ.
މި ފަދަ ކަންކަމަކީ މީގެ ކުރިން އާއްމުކޮށް ދައުލަތުގެ ވަކީލުންނަށް ދިމާވެފައިވާ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސަކު ނުރުހުންވެ، އެ ގޮތަށް ވަކީލުންނާ ދިމާލަށް ޝަރީއަތުގެ ބޭރުން، ކޯޓު ރޫމު ތެރޭގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.
މިއަދުގެ ޝަރީއަތް ލައިވްކޮށް ދެއްކި ނަމަވެސް ޔާމީން ދައުލަތުގެ ވަކީލުންގެ ކައިރިއަށް ވަޑައިގެން ރައްދު ދެއްވި ވަގުތު ލައިވް ކަނޑާލާފައި ހުރުމުން އެ މަންޒަރު ލައިވް ފީޑަކުން ނުފެނެ އެވެ. މިކަމާ ގުޅޭ ގޮތުން ހައިކޯޓުން އެއްޗެއް ބުނެފައެއް ނުވެއެވެ.