މިގޮތުން ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާނެކަން އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި، ކުރީގެ ރައީސް އަބްދުﷲ ޔާމިން އާއި، ކާނަލް މުހައްމަދު ނާޒިމާއި، ޑރ. މުހައްމަދު މުނައްވަރު އަދި އުމަރު ނަސީރު ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަކީ ވެސް ރިޔާސީ އިންތިހާބުގައި ނަން އޮތުން އެކަށީގެންވާ ބޭފުޅުންނެވެ.
މިއިން އެއްވެސް ބޭފުޅެއްގެ ރިޔާސީ އިންތިހާބަށް މެނިފެޓޯ އަދި އިއުލާނު ނުނެރުއްވި ނަމަވެސް، ތަފާސް ހިސާބު ދައްކާގޮތުން ރިޔާސީ އިންތިހާބުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ މިހާރު ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމިން ނުވަތަ އެމަނިކުފާނުގެ ހިޔަނީގައި ނެރޭ ކެނޑިޑޭޓަކާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހާކަމަށް ބެލެވެއެވެ.
ރިޔާސީ އިންތިހާބަކާ ކުރިމަތިލާން ދާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ، ރައީސް އަބްުދުﷲ ޔާމިންގެ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކާ ކުރިމަތިލައްވައި އެ ކޮރަޕްޝަންގެ މައްސަލަތަކުގައި ހުދު ރައީސް އަބްދުﷲ ޔާމިން ވެސް "ބާނުވާލައްވާފަ" އެވެ.
ކަންމިހެން އޮތްއިރު ސުވާލަކީ ވެރިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ތާއީދެއް މިވަގުތު އޮތީ ކޮން ބޭފުޅަކަށްތޯއެވެ؟
މި ސުވާލުގެ ޖަވާބު ހޯދުމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީއިން އިން ނަގާފައިވާ ހިޔާލު ހޯދުމުގެ ޕޯލް އެއްގެ ބޭނުން ހިފީމެވެ.
ރާއްޖޭގެ ވޯޓުލާ އާބާދީ ރަމްޒުކޮށްދޭ ގޮތަށް ފޯނުގެ ޒަރިއްޔާއިން ހަދާފައިވާ މި ޕޮލްގައި، މާދަމާ ރިޔާސީ އިންތިހާބެއް ބާއްވައިފިނަމަ ވޯޓުލާނީ ކޮން ފަރާތަކަށްތޯ ވަނީ އަހާފައެވެ. ޕޮލްގެ ނަތިޖާއިން ދައްކާގޮތުގައި ދިވެހިންގެ ތެރެއިން 45 އިންސައްތަ މީހުން ކުރިއަށް އޮތް އިންތިހާބުގައި ވޯޓު ލާނެ ގޮތެއް އަދި ނުނިންމައެވެ. އެހެންކަމުން، އެއްވެސް ކެނޑިޑޭޓަކަށް ޔަޤީންކަމާއެކު އިންތިހާބު ކާމިޔާބު ކުރެވޭނެ ވަރުގެ ކުރިއެރުމެއް އަދި ނުލިބިއެވެ. މާނައަކީ، އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ހުރިހާ ކެނޑީޑޭޓުންނަށްވެސް އަދި އެބައޮތްކަމެވެ.