ފިރިހެނަކު އޭނާގެ އަންހެނުން މަރާލަން އުޅުނު މައްސަލައެއް ފެންމަތިވިކަން ހާމަވީ އެކަމާ ގުޅިގެން އަންހެން މީހާގެ ފަރާތުން އެދިގެން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ ގޮތުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ކޯޓަށް ހުށަހަޅާފައިވާ ބަޔާނުން އެނގޭ ގޮތުގައި މި ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތަކާ ގުޅިގެން އެކި ފަހަރު މަތިން ފިރިހެން މީހާވަނީ އަންހެން މީހާއަށް އަނިޔާކޮށްފައެވެ.
ރާއްޖޭގެ އުތުރުގެ ރަށެއްގައި ހިނގި މި ހާދިސާއާ ގުޅިގެން ކޯޓުންވަނީ އެ ފިރިހެން މީހާއާ ދެކޮޅަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް މިދިޔަ އަންގާރަ ދުވަހު ނެރެފައެވެ. މި އަމުރުގައިވާ ގޮތުން، އަންގާރަ ދުވަހުން ފެށިގެން ތިން މަސް ދުވަހަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް އެ ފިރިހެން މިހާއާ ދެކޮޅަށް ނެރެފައެވެ.
މި މައްސަލައާ ގުޅިގެން ފިރިހެން މީހާ ހައްޔަރުކޮށްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރިމީހާ އަނިޔާ ކުރާތީ އަންހެން މީހާ މިހާރު އުޅެނީ އެހެން ރަށެއްގައެވެ.