ads
އެރިޓްރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ބޯޓު 'މާރެހި' - ފޮޓޯ:އެފްއެސްއެމް
އެރިޓްރިއާގައި ހިފެހެއްޓި އެފްއެސްއެމްގެ ބޯޓުތަކުގެ ފަޅުވެެރިން ރާއްޖެ ގެނެސްފި
އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓުގައި ތިބި ދިވެހި ފަޅުވެރިން ރާއްޖެ ގެނެސްފިއެވެ.

އެފްއެސްއެމުން ބުނެފައިވަނީ އެރިޓްރިއާއިން ހިފަހައްޓާފައިވާ އެ ކުންފުނީގެ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ދިވެހި ފަޅުވެރިން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ދެ ބޯޓުގައި ތިބި މިސްރުގެ ފަޅުވެރިން މިސްރަށް ފޮނުވާލާފައިވާ ކަމަށެވެ. ފަޅުވެރިން ރާއްޖެ ގެނެވުނު ނަމަވެސް އެ ގައުމުން އެފްއެސްއެމްގެ ބޯޓުތައް ދޫކޮށްފައިނުވާތީ އެ ބޯޓުތައް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އެރިޓްރިއާގެ ސިފައިން އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެ ދެ ބޯޓު އެރިޓްރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.

މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައުމަށް ކުރި ދަތުރުގައި އެފްއެސްއެމްގެ ދެ ބޯޓު ހިފެހެއްޓިއިރު، ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިއްބެވެ.

އެފްއެސްއެމުން 2019 ވަނަ އަހަރު ތެޔޮ އުފުލުމަށް ހަތަރު ބޯޓެއް ބަންނަން މިސްރުގެ ކުންފުންޏަކާ ހަވާލުކުރިއިރު، މީގެކުރިން އެ ކުންފުނިން ވަނީ އޭގެތެރެއިން ދެ ބޯޓު ރާއްޖެއަށް ގެނެސްފައެވެ.

އެރިޓްރިއާގައި ހިފަހައްޓާފައިވާ ދެ ބޯޓު ގެނައުމުގެ މަސައްކަތް އެފްއެސްއެމް އާއި ފޮރިން މިނިސްޓްރީ ގުޅިގެން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް