ޖުޑިޝަރީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިވަޑައިގެންފައިވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުކަމަށް އަލަށް އައްޔަން ކުރެވުނު ތިން ފަނޑިޔާރަކު ހުވައި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ އެންމެ މަތީ ޒިންމާ ހަވާކޫކުރެވިފައިވާ އެއް ފަރާތްކަމުގައެވެ.
އަދި ފަނޑިޔާރުން އިތުރު ކުރުމަކީ މައްސަލަތައް ނިންމަން އޮތް ހަމަ އެކަނި މަގު ނޫން ކަމަށާއި، އެ ނޫން ނިޒާމަކާމެދު ވިސްނަން ވެއްޖެ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުންނަކީ ރިވެތި އަހުލާގާއިއެކު މުޖުތަމައުގެ އެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭކަމަށެވެ.
ފަނޑިޔާރުންގެ އަހުލާގާއި ސުލޫކަކީ މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެއްވުމުގައި އެންމެ މުހިންމު އިސްކަމެއް ދެއްވަންޖެހޭ އެއްކަންތައްކަން ފާހަގަކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިމަސައްކަތުގައި ކޮންމެ ފަނޑިޔާރަކުވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި ހަމަތައް ބަލައި މުތާލިއާކުރައްވަންޖެހޭކަމަށެވެ.