ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓް އެރުވީ އެކަމަށް ހާއްސަކޮށްގެން އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މިރޭގެ ހަފްލާގައި ގާސިމަށް ޓިކެޓް ހަވާލުކޮށްދެއްވީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފެވެ.
ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ އިތުރުން ޖޭޕީގެ ކެމްޕެއިން "ރަސްމީ ސްލޯގަން" އާއި "ކެމްޕެއިން ލަވަ" ގާސިމް ވަނީ މިރޭގެ ޖަލްސާގައި އިފްތިތާހު ކޮށްދެއްވާފައެވެ.
ޖޭޕީގެ ކެމްޕެއިން ރަސްމީ ސްލޯގަންއަކީ "ހާސްކަނޑާލާ! ހަމަޖެހޭނެ! ކުރިއަށް ދިވެހި ގައުމު" އެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓް ގާސިމަށް ލިބިވަޑައިގެންނެވީ އެކަމަށް ހުޅުވާލި ފުރުސަތުގައި ގާސިމާ އެއްވެސް ބޭފުޅަކު ވާދަ ނުކުރެއްވުމުން ޕްރައިމަރީއަކާއި ނުލައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.