ads
ޖޮބް ފެސްޓިވަލް 2023 ގައި ޖޮބް ސެންޓަރުގެ ފަރާތުން މައުލޫމާތު ފޯރުކޮށްދެނީ - ފޮޓޯ:ޖޮބް ސެންޓަރު
ޖޮބް ސެންޓަރުގެ ހިދުމަތްތައް ފުޅާކުރުމަށް ސީއީއޯއެއް ހޯދަނީ
އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ޖޮބް ސެންޓަރު (އެންޖޭސީ) ވަކި އިިދާރާއެއްގެ ގޮތުގައި ހިންގުމަށް ނިންމައި އެ ތަނަށް ސީއީއޯއެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ނޭޝަނަލް ޖޮބް ސެންޓަރުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. އެ ސެންޓަރު އުފެއްދުމަށްފަހު ހިންގަމުން އައިސްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖޮބް ސެންޓަރަށް ވެރިއަކު ހޯދުމަށް ނިންމާފައިވަނީ އެ ސެންޓަރުގެ ސްޓްރެޓެޖިކް މަގުސަދުތަކާ އެއްގޮތަށް ތަން ހިންގުމަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޖޮބް ސެންޓަރު ހިންގުމަށް ހޯދަނީ ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތެއް ކަމުގައެވެ. ކޮންޓްރެކްޓުގެ ދިގުމިނަކީ އެއް އަހަރު ނަމަވެސް ހިންގަން ހަވާލުވާ ފަރާތުގެ ގާބިލިއްޔަތުކަމަށް ބަލައި ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ ސީއީއޯއެއް ކަނޑައެޅި އެ ފަރާތުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ފެށޭނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

ޖޮބް ސެންޓަރަކީ ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދިނުމަށް އުފެއްދި އިދާރާއެކެވެ. އެ އިދާރާއިން ކުރާ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ހޯދަން ބޭނުންވާ މީހުންނާއި ވަޒީފާ ދޭ މީހުން ގުޅުވައިދޭނެ ގޮތްތައް ރާވައި ހިންގުމާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ މީހުންނަށް އަދާކުރެވިދާނެ ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ އެ ފަރާތްތަކަށް އެހީތެރިކަން ދިނުމުގެ އިތުރުން މަސައްކަތް ކުރާ އުމުރުފުރައިގެ މީހުންނަށް ކުރެވެން ހުރި މަސައްކަތްތަކާއި އަދާކުރެވިދާނެ ވަޒީފާތައް ހިޔާރުކުރުމަށް ލަފަޔާއި އިރުޝާދު ދެވޭނެ ގޮތްތައް ރާވާ ހިންގުން ހިމެނެއެވެ.

ޖޮބް ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެ ސެންޓަރުގެ ގޮފިތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް