ads
މިނިސްޓަރު ނަހުލާ
މަޖިލީހަށް ގެނެސް މިނިސްޓަރު ނަހުލާއާ ސުވާލުނުކޮށް ފޮނުވާލައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ހާޒިރުކުރުމަށްފަހު އެކަމަނާއާ ސުވާލުނުކޮށް ފޮނުވާލައިފިއެވެ.
Advertisement

ނަހުލާއާ ސުވާލުކުރެއްވުމަށް މިއަދު މަޖިލީހަށް ހާޒިރުކުރީ ތިނަދޫ އިތުރު ދާއިރާގެ މެންބަރު އަބްދުﷲ މުގުނީގެ އެދިލެއްވުމަށެވެ. 

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނެވުމުން މުގުނީ ވަނީ އެކަމާ ސުވާލު އުފައްދަވާފައެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ އަމީންއާމް ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތައް ނިމެންދެން މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓެވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާކަމަށް އަންގަވާފައިވާކަމަށް ވިދާޅުވެފަ އެވެ. 

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ޖަލްސާއަށް ހާޒިރުވެ ވަޑައިގެންފައި ނުވާތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ވަޑައިގަތީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. 

ހަސަން އަފީފް ރިޔާސަތުގައި އިންނަވާ މަޖިލިސް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަން ފެއްޓެވުމުން އެމްޑީޕީ މެންބަރުންނާއި ބައެއް އަމިއްލަ މެންބަރުން ވަނީ ރިޔާސަތުގައި އަފީފް އިންނެވީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. 

އެގޮތުން މުގުނީއަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމުން އޭނާ ވަނީ ސުވާލުކުރުމުގެ ބަދަލުގައި މި މައްސަލައާއި ގުޅިގެން ސުވާލުކޮށްފަ އެވެ. އަދި އެކަމަށް ޖަވާބެއް ނުލިބެނީސް މިނިސްޓަރާއި ސުވާލު ނުކުރައްވާނެކަމަށް މުގުނީ ވިދާޅުވި އެވެ.

މުގުނީ ސުވާލުކުރެއްވުމުގެ ކުރިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާފައެވެ. މުގުނީ ވިދާޅުވީ "މަޖިލީހުގެ ރިޔާސަތު ބެއްލެވުމަށް ރައީސް އާއި ނައިބު ރައީސް އުޒުރުވެރިވާކަމަށް އެސްޖީ ވިދާޅުވެފައިވާ" ކަމަށެވެ. 

"އަޅުގަނޑު ދަންނަވާލަން ބޭނުމީ ވިލުފުށީ ދާއިރާގެ މެންބަރު އަފީފަށް ރިޔާސަތު ހަވާލުކުރެވުނީ ކޮންގޮތަކުން ބައްލަވާތޯ؟ 19 ވަނަ މަޖިލިސް ފެށުނުއިރު ފެނުނު މަޖިލީގައި އަފީފު އިންނަވާފަ މަޖިލީހުގެ އެހެން މެންބަރަކަށް ރިޔާސަތު ހަވާލުކުރެވުނުތަން. ކޮންގޮތަކަށް ބައްލަވާފަތޯ މިއަދު އަފީފު މަޖިލީހުގެ ރިޔާސަތާ ހަވާލުކުރެވުނީ؟" މުގުނީ ވިދާޅުވިއެވެ. 

އެ ސުވާލުގެ ޖަވާބެއްގެ ގޮތުން އަފީފު ވިދާޅުވީ "މަޖިލީހުގެ ފުރަތަމަ ޖަލްސާއާއި އަދި މިހާރު ހިނގަމުން ދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމުގަ ގަވާއިދުގަ ތަފާތުތަކެއް ހުންނާނެ. އެހެންވީމަ އެކަން ބައްލަވާލެއްވުން އެދެން" ކަމަށެވެ. 

ނަމަވެސް އަފީފުގެ ޖަވާބަށް ހިތްހަމަ ނުޖެހި ބައެއް އިތުރު މެންބަރުން ވެސް ނިޒާމީ ނުކުތާ ނެންގެވިއެވެ. 

"މަޖިލީހުގެ ރައީސް އާ ނައިބު ރައީސް އުޒުވެރިވެ ވަޑައިގަންވާ ވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ މެންބަރަކު ކަނޑައަޅުއްވާނީ މަޖިލީހުގެ ރައީސް،" އަފީފު ވިދާޅުވިއެވެ. އެއަށްފަހު އަފީފު ވިދާޅުވީ އެޖެންޑާގައި އޮތީ މިނިސްޓަރާއި ސުވާލުކުރުންކަމަށެވެ. އަދި ދެން ނިޒާމީ މައްސަލައެއް ނެގޭނީ ސުވާލަށް ފަހުކަމަށެވެ. 

އޭގެ ފަހުން ދެ ފަހަރެއްގެ މަތިން މުގުނީއަށް ފުރުސަތު ދެއްވުމުން ވެސް މުގުނީ ވަނީ އަފީފު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ކީއްވެތޯ ސުވަލު އުފައްދަވާފައެވެ. 

އެންމެފަހުން އަފީފު ނިންމެވީ މިނިސްޓަރު ނަހުލާއާ ސުވާލުނުކޮށް ފޮނުވާލުމަށެވެ. "އެހެން ދުވަހަކު މިނިސްޓަރަށް ދަންނަވާނަން. މިވަގުތު އިއްޒަތްތެރި މިނިސްޓަރު ވަަޑައިގެންނެވުން އެދެން،" އަފީފު ވިދާޅުވިއެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް