ads
ދެކެނަންފަރާއި ދިގުފަޅު: ގިރާވަރުފަޅު ހިއްކުމުގެ ބަދަލުގައި 99 އަހަރަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައި.
ގިރާވަރުފަޅު ހިއްކުމުގެ ބަދަލުގައި ނ. އަތޮޅުން 99 އަހަރަށް ބޮޑު ފަޅަކާއި ރަށެއް
މާލެ އަތޮޅު ގިރާވަރުފަޅު ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރުމަށް ފައިނޭންސް ކުރާ ފަރާތަށް ބަދަލުގައި ނ. އަތޮޅުން ފަޅު ރަށަކާއި ފަޅެއް 99 އަހަރަށް ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އެހެން ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކުރުމަށް 120 ހެކްޓަރުގެ ބިން ހިއްކުމާ ގުޅޭ މަޝްރޫއުގެ ތަފްސީލު ހޯދަން "މިހާރު" ން ހުށަހެޅި ސުވާލުތަކާ ގުޅިގެން ދިން ޖަވާބުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ދިން ޖަވާބުގައި ބުނެފައިވަނީ ގިރާވަރުފަޅުން މަދުވެގެން 2،000 ގޯތި ދޫކުރުމަށް މިހާރު ހިއްކަމުން އަންނަ ބިމުގެ މަސައްކަތް ޖުލައި މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުން ދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ) އިން އިސްވެ ބޮސްކާލިސް ބައިވެރިވާ ކޮންސޯޓިއަމްއަކުންނެވެ. ސްރީ ލަންކާގެ ސީއެމްސީއަކީ ތިލަފުށިން 20 ހެކްޓަރު ބިން ހިއްކުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ. ނެދަލެންޑްސްގެ ބޮސްކާލިސްއަކީ ގުޅިފަޅު ހިއްކާ ކުންފުންޏެވެ.

ގިރާވަރުފަޅު ކްރޮސް ސަބްސިޑީ އުސޫލުން ތަރައްގީ ކުރުމަށް ފައިނޭންސް ކުރާނެ ބަޔަކު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.    

ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން މި މަޝްރޫއަށް ފައިނޭންސް ކުރުމަށް ހުޅުވާލާފައިވަނީ ގިރާވަރުފަޅުގައި ގެދޮރުވެރިކުރުވުމަށް "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ކްރޮސް ސަބްސިޑީ އުސޫލުން، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލުމުން އެ މަޝްރޫއަށް ފައިނޭންސް ކުރުމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އެއްބަސްވުމަކަށް އައީ ސްވިޒަލޭންޑްގެ ޔަނިކް ރޮބަޓް ލުއީސް ގިއަނާޑާ އާ އެކުގައި ކަމަށެވެ.

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާނުކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ. އެގޮތުން އެއާޕޯޓުތައް އެޅުމަށާއި ފެރީ ހިދުމަތް ދިނުމަށާއި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

your imageގިރާވަރުފަޅު: ފަޅުގައި ގެދޮރުވެރިކުރުވުމަށް "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށް ވަނީ ނިންމާފައި.

ގިރާވަރުފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމަށް ގިރާވަރުފަޅު "ރެސިޑެންޝަލް ސިޓީ" އެއްގެ ގޮތުގައި ތަރައްގީ ކުރަން ރައީސް ސޯލިހު ނެރުއްވި ގަރާރުގައި، އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ދައުލަތުގެ މަންފާއަށް ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގިރާވަރުފަޅު ހިއްކައިގެން ގޯތި ދޫކުރުން ހިމަނާފައިވެއެވެ. މި މަޝްރޫއަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރުފަޅު ހިއްކައިގެން ރެޒިޑެންޝަލް ސިޓީއެއް ތަރައްގީކުރުމަށް ހުޅުވާލާފައިވާ މަޝްރޫއުގެ މުގާބިލުގެ ގޮތުގައި ޔަނިކް ރޮބަޓް ލުއީސް ގިއަނާޑާ ހުށަހަޅާފައި ވަނީ ނ. ދިގުފަޅާއި ނ. ދެކެނަންފަރު ކަމަށާއި އެ ރަށާއި ފަޅުގެ ލީސް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ހުށަހަޅާފައި ވަނީ 22 މިލިއަން އެމެރިކާ ޑޮލަރު ކަމުގައެވެ. އޭގެ އިތުރުން ކުލީގެ މުއްދަތު 99 އަހަރަށް އިތުރުކުރުމަށް ފަސް މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ދިގުފަޅަކީ ދެކެނަންފަރު ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅުގެ ދިގުމިނުގައި ގާތްގަނޑަކަށް ހަ އަކަކިލޯ މީޓަރު ހުރެއެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ދެ ތަން ދޫކޮށްފައިވަނީ ޓޫރިޒަމްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފީތަކާއި ޓެކްސްތައް ދައްކަން ޖެހޭ ގޮތަށް ކަމަށެވެ.

ނިމިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް ސޯލިހު ވަނީ ގިރާވަރުފަޅު ހިއްކައިގެން އެ ބިމުން ގޯތި ދޫކުރުމަށް ނިންމާފައިވާކަން އިއުލާނު ކުރައްވާފައެވެ. އެގޮތުން އެ ފަޅު ހިއްކައިގެން މަދުވެގެން 2،000 ގޯތި މާލެ ރައްޔިތުންނަށް ދޫކުރާނެކަމަށް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް