ads
މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ފުއްގިރި ޑީލްގައި ބޮންޑޭ ބައިވެރިވި: އަދީބް
ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ބައިވެރިވެވަޑައިގެންނެވި ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މިއަދު ކޯޓްގައި ވިދާޅުވެއްޖެ އެވެ.

މިމައްސަލައިގެ ޝަރީއަތުގައި މިއަދު ހެކިބަސް ދެއްވަމުން އަދީބު ވިދާޅުވީ ފުއްގިރި އިންޑިއާގެ ބަޔަކަށް ދޭން ޔާމީން އެންގެވިކަމަށާއި އިންޑިއާގެ ވަރަށް ވަރުގަދަ ބަޔަކު އަންނާނެ ކަމަށާއި އެ މީހުންނަށް 2.5 މިލިއަނަށް ފުއްގިރި ދޭން ރަނގަޅުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

އަދި ރައީސް ޔާމީން ވިދާޅުވެގެން އިންޑިއާ މީހުންނާ ބައްދަލުކުރަން ބޭއްވި ބައްދަލުވުމުގައި ބޮންޑޭ ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި މި ބައްދަލުވުމުގައި 2.5 މިލިއަން ޑޮލަރަށް ފުއްގިރި ޑީލް ނިންމުމަށް އެއްބަސްވެވުނު ކަމަށެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބޮންޑޭ ބައިވެރިވީ ކޮން ހައިސިއްޔަތަކުންކަން އަދީބު ވިދާޅެއް ނުވެއެވެ.

ފުއްގިރި ޑީލްގައި ބޮންޑޭ ބައިވެރިވިކަމަށް އަދީބު ވިދާޅުވި ނަމަވެސް، ފުއްގިރި ކުއްޔަށް ދިނުމުގެ އެއްވެސް މަރުހަލާއެއްގައި ބޮންޑޭ ބައިވެރުވެފައި ނުވާކަމަށް، އަދީބުގެ ކުރިން މިއަދު ހެކިބަސްދެއްވި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުން ތަކުރާރުކޮށް ސުވާލު ކުރެއްވުމުންވެސް ޒިޔަތު ވިދާޅުވީ ފުއްގިރި ޑީލްގައި އިބްރާހީމް ރަޝީދު (ބޮންޑޭ) އާއި އެއްވެސް ހައިސިއްޔަތަކުން އެއްވެސް މުއާމަތާލެއް ކުރެވިފައި ނުވާކަމަށެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް