ads
އެރިޓްރިއާގައި ހިފަހައްޓާފައިވާ އެފްއެސްއެމްގެ ބޯޓު 'މާރެހި' - ފޮޓޯ:އެފްއެސްއެމް
ހިފެހެއްޓި ދެ ބޯޓާ ގުޅިގެން މިނިސްޓަރުގެ ސިޓީއެއް ފޮނުވައިފި: ފޮރިން މިނިސްޓްރީ
އެފްރިކާގެ ގައުމެއް ކަމަށްވާ އެރިޓްރިއާގައި ހިފެހެއްޓި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ދެ ބޯޓު ރާއްޖެއަށް ގެނައުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ސިޓީފުޅެއް އެ ގައުމުގެ ސަރުކާރަށް ފޮނުވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެރިޓްރިއާގެ ސިފައިން އެފްއެސްއެމްގެ ދެ ބޯޓު ހިފަހައްޓާފައިވަނީ ހުއްދަ ނުހޯދާ އެ ގައުމަށް އެތެރެވި ކަމަށް ބުނެއެވެ. މިދިޔަ އެޕްރީލް މަހުގެ 26 ވަނަ ދުވަހު އެ ދެ ބޯޓު އެރިޓްރިއާގައި ބަނދަރުކޮށްފައިވަނީ މިސްރުން ފުރައިގެން ރާއްޖެއަށް ކުރި ދަތުރުގައި މޫސުން ގޯސްވެ ބޯޓެއްގެ ހުންގާނަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.

އެރިޓްރިއާގައި ހިފެހެއްޓި ދެ ބޯޓާ ގުޅޭގޮތުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ސްޓްރެޓީޖިސްޓް، ސަފާތު އަހްމަދު ޒާހިރު "ސީއެންއެމް" އަށް ވިދާޅުވީ ބޯޓުތަކުގެ ކްރޫއިން ރައްކާތެރިކަމާ އެކު މިހާރު ވަނީ ރާއްޖެއަށް އަނބުރާ ގެނެވިފައި ކަމަށެވެ. އެފްއެސްއެމްގެ ބޯޓުތައް ގެނައުމަށް ޑިޕްލޮމެޓިކް ޗެނަލްސް މެދުވެރިކޮށް އެރިޓްރިއާ އާއެކު މަޝްވަރާކުރެވެމުންދާ ކަމަށް ސަފާތު ވިދާޅުވިއެވެ.

"ބޯޓުތަކުގެ ކްރޫއިން ރައްކާތެރިކަމާ އެކު މިހާރު ވަނީ އަނބުރާ ގެނެވިފައި. މީގެ އިތުރުން މިނިސްޓަރުގެ ސިޓީފުޅެއްވެސް ވަނީ އެރިޓްރިއާގެ ސަރުކާރަށް ފޮނުވިފައި. އަދި މިނިސްޓަރުގެ ކޯލްއަކަށްވެސް ވަނީ ރިކުއެސްޓް ކުރެވިފައި. ބޯޓުތައް އަނބުރާ ގެނައުމަށް ޑިޕްލޮމެޓިކް ޗެނަލްސް މެދުވެރިކޮށް މެދުކެނޑުމެއްނެތި މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން،" - ސަފާތު

މިސްރުގައި ބަނދެގެން ރާއްޖެއަށް ގެނައުމަށް ކުރި ދަތުރުގައި އެފްއެސްއެމްގެ ދެ ބޯޓު ހިފެހެއްޓިއިރު، ކޮންމެ ބޯޓެއްގައިވެސް ދެ ދިވެހިންނާއި މިސްރުގެ ހަތަރު ފަޅުވެރިން ތިއްބެވެ.

އެފްއެސްއެމުން މީގެ ކުރިން ބުނެފައިވަނީ އެރިޓްރިއާއިން ހިފަހައްޓާފައިވާ އެ ކުންފުނީގެ ދެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ދިވެހި ފަޅުވެރިން މި މަހުގެ ދެވަނަ ދުވަހު ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ދެ ބޯޓުގައި ތިބި މިސްރުގެ ފަޅުވެރިން މިސްރަށް ފޮނުވާލާފައިވާ ކަމަށެވެ. ފަޅުވެރިން ރާއްޖެ ގެނެވުނު ނަމަވެސް އެ ގައުމުން އެފްއެސްއެމްގެ ބޯޓުތައް ދޫކޮށްފައިނުވާތީ އެ ބޯޓުތައް ގެނައުމުގެ މަސައްކަތް ފޮރިން މިނިސްޓްރީ އާ ގުޅިގެން ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެފްއެސްއެމުން 2019 ވަނަ އަހަރު ތެޔޮ އުފުލުމަށް ހަތަރު ބޯޓެއް ބަންނަން މިސްރުގެ ކުންފުންޏަކާ ހަވާލުކުރިއިރު، މީގެކުރިން އެ ކުންފުނިން ވަނީ އޭގެތެރެއިން ދެ ބޯޓު ރާއްޖެއަށް ގެނެސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް