އާޒިމް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާޒިމް ނިޒާމީ މައްސަލައެއް ނެންގެވި ވަގުތު ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، ކޯޓުތައް އިސްލާހު ނުވާކަމަށް ބުނެ އަޑު ގަދަ ކުރަން ފެށުމުންނެވެ.
ސަރުކާރުން ބަދަލުގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ މައުލޫމާތު ހާމަކުރުމަށް ގޮވާލާ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައިގެ ވަގުތުގައި އިދިކޮޅު މެންބަރުން ވަނީ އަޑު ގަދަ ކުރަން ފަށާފަ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.
މި މައްސަލަ ހުށަހަޅުއްވަނިކޮށް އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފަ އެވެ. އާޒިމްގެ ނިޒާމީ މައްސަލައަށް ފުރުސަތު ދެއްވި އިރު ޝިޔާމް ގެންދެވީ ކޯޓުތައް އިސްލާހު ނުވާކަމަށާއި ރައީސް ޔާމީނަށް އިންސާފު ނުލިބޭކަމަށް ބުނެ އަޑުގަދަ ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ ކޯޓުތަކުގައި މައްސަލަތައް 13 ގަޑި އިރަށް ކުރިއަށް ދާ ކަމަށެވެ. އަދި މި ގޮތަށް ގިނަ އިރުތަކެއް ވަންދެން ރައީސް ޔާމީން ކޯޓުގައި ބޭންދުމަކީ އެމަނިކުފާނަށް ދެވޭ އަނިޔާއެއްކަމަށްވެސް އިދިކޮޅުން ވަނީ ސިފަކޮށްފަ އެވެ.
ޝިޔާމްގެ އެވާހަކަތަކާއި ގުޅުވައިގެން އާޒިމް ވިދާޅުވީ ކޯޓުތައް އިސްލާހު ނުވަނީ އެތަންތަނުގައި އަޅުން ތިބޭތީ ކަމަށެވެ.
އިދިކޮޅުން އަޑުގަދަ ކުރި ނަމަވެސް ސަރުކާރަށް ތާއިދު ކުރާ ހުރިހާ މެންބަރުންވެސް މިއަދުގެ ޖަލްސާގައި ވަރަށް ހަމަޖެހިގެން މަޑުމައިތިރިކޮށް ތިބިކަން ފާހަގަ ކުރެވެ އެވެ.