ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި-
އިސްތިއުނާފް ޝަރީއަތް އަވަހަށް ނިންމައިދޭން ރައީސް ޔާމީން އެދިއްޖެ
ވ އާރަށް މައްސަލާގައި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށުކޯޓުން ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް އަވަސް އަވަހަށް ބާއްވައިދީ އެމައްސަލަ އަވަހަށް ނިންމައިދޭން ރައީސް ޔާމީން މިއަދު ހައިކޯޓްގައި އެދިވަޑައިގެންފި އެވެ.

ދެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފްތާގައިވެސް ބޭއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި މައްސަލަ އަވަސްކޮށްދެއްވުމަށް އެދިވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މިއީ އިސްތިއުނާފް މައްސަލައެއްކަމަށް ވުމުން މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ތަންކޮޅެއް އަވަސް އަވަހަށް ބާއްވައިދީ ވަގުތު ދިގުކޮށް ތަންކޮޅެއް ފްރިކުއެންޓުކޮށް ގެންގޮސް ދެއްވާނަމަ ޝުކުރުވެރިވާނެ ކަމަށެވެ.

މިއީ ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި އެ ފައިސާ ގަބޫލުކުރުމާއި ފައިސާ ލޯންޑާކުރި ކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފެވެ.

ރިޝްވަތުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރި ކަމުގެ ކުށް ޔާމީންގެ މައްޗަށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމަށާއި ޔޫސުފް ނައީމް ތިން އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިދިޔަ ބުދަ ދުވަހު އެވެ.

ރައީސް ޔާމީންގެ އިސްތިއުނާފްގެ އަޑުއެހުންތައް އަވަސް ކޮށްދިނުމަށް އެދިވަޑައިގެންނެވިއިރު މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އަންނަ ޖުލައިމަހު ހުޅުވާލާނެއެވެ. ބެލެވޭ ގޮތުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ އިންތިހާބަށް ހުޅުވާލުމުގެ ކުރިން އަޑުއެހުންތައް ނިންމައި އެ މައްސަލައިގެ ހުކުމަކާއި ހަމައަށް ދިއުމެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް