ads
ރާއްޖޭގެ ރަށެއް (ފޭސްބުކް ފޮޓޯ)
ދަރިއަށް ހަރަދުނުކޮށް ފިލައިގެން އުޅޭ ބައްޕައަށް ކޯޓުގެ އިންޒާރެއް
ދަރިންނަށް ހަރަދު ނުކޮށް ފިލައިގެން އުޅޭ ބައްޕައަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ކޯޓުން ދީފިއެވެ.

އުތުރުގެ ރަށެއްގެ ބައްޕައަކު، އޭނާގެ އަންހެނުން ވަރިކުރުމަށް ފަހު ކައިވެންޏަށް ލިބުނު ދަރިއަށް ހަރަދު ނުކުރާތީ އެ މައްސަލަ ކޯޓަށް ހުށަހެޅީ ކުއްޖާގެ މަންމަގެ ފަރާތުންނެވެ.

ކުއްޖާގެ މަންމަގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުން ފުރަތަމަ ފަހަރު އެ ކުއްޖާއަށް ހަރަދުކުރަން ކޯޓުން އަމުރުކުރިއެވެ. އަދި ނުދީ ހުރި ފައިސާއަކީ ސާބިތު ދަރަންޏެއް ކަމަށް ކަނޑައެޅިއެވެ.

ކޯޓުގެ މި އަމުރާއެކުވެސް ފައިސާ ދަރިއަށް ހަރަދު ނުކުރުމުން، މީގެ ކުރިން މި ބައްޕަވަނީ ގޭ ބަންދުވެސް ކޮށްފައެވެ. ދެވަނަ ފަހަރަށްވެސް ކުއްޖާގެ މަންމަ ކޯޓަށް ދިޔައީ ބައްޕަ ހަރަދު ނުކުރާތީއެވެ.

ދެވަނަ ފަހަރު ކޯޓުންވަނީ ހަރަދު ނުކުރާތީ ބައްޕައަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީފައެވެ. އެކަމަކު ދެވަނަ ފަހަރު މައްސަލަ ނިންމިއިރު ބައްޕަ އުޅެނީ ފިލައިގެންނެވެ. ބައްޕަ އުޅޭ ތަނެއް، ގުޅޭނެ ނަންބަރެއް ކޯޓަށް ލިބިފައިނެތް އިރު، ބައްޕަގެ އާއިލާގެ އެހެން މީހަކަށްވެސް އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ކަމަކަށް ނުވެއެވެ.

ދަރިއަށް ހަރަދު ނުކޮށްގެން، މީގެ ކުރިން އުތުރުގެ ރަށެއްގައި ސަރުކާރުގެ ވަޒީފާގައި އުޅޭ މީހެއްގެ މުސާރަ، ކޯޓުގެ އެކައުންޓަށް ޖަމާކުރަންވެސް އަންގާފައިވެއެވެ. ދަރިންނަށް ހަރަދު ނުކުރުމުގެ މައްސަލައަކީ އާއްމު މައްސަލައަކަށް ވަނީ ވެފައެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ މައިން އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވެސްވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް