ads
މީހަކު ....
އަންހެނުންގެ ހައްގު، ނަމެއްގައި، ކަރުނައަޅާ ވަރުވޭ!
މިންތީގެ ހަމަހަމަކަމަކީ އިންސާނީ ހައްގުތަކުގެ އެންމެ ބޮޑު އެއް އަސާސެވެ. މި އަސާސް ކަށަވަރު ކުރުމުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަން ޖެހޭ ބަޔަކީ އަންހެނުންނެވެ. ނަމަވެސް މިންތީގެ ހަމަހަމަކަމާއި ޖިންސީ އަނިޔާ އާއި ޖިންސީ ފުރައްސާރަ ގިނަވެ، އަސްލު އުސޫލާއި އުސްލޫއުބުތައް ވަނީ އެކި ދިމަދިމާލުން ވީދިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ގައުމުތަކާއި އެއްގޮތަށް ރާއްޖޭގެ ހާލަތަކީ ވެސް ހަމަ މިއީ އެވެ.

ނަމަވެސް މިހާލަތުގައި ދިވެހި ރާއްޖެ އޮންނާކަށް ނުޖެހޭ އެވެ. ސަބަބަކީ މިންތީގެ ހަމަހަމަކަމާއި އިންސާނީ ހައްގުތަކާއި، އަންހެނުންނަށް ލިބޭ އަނިޔާތަކުން ހިމާޔަތް ކުރުމަށް ކެނޑި ނޭޅި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ބުނާތީ އެވެ. 

އެކި ދުވަސްތަކުގައި އެކި ގޮތްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމުންނާއި ފަރުދުން ހޭލުންތެރިކުރުމަށް ޕޮރޮގުރާމްތަކެއް ހިންގެ އެވެ. އަންހެނުން ބާރުވެރި ކުރުމަށެވެ. އަންހެނުން ހިމާޔަތް ކުރުމަށެވެ. 

އަންހެނުންނަށް ދިމާވާ އަނިޔާތަކުން ސަލާމަތް ކުރުމަށެވެ. ނަމަވެސް އެޕްރޮގުރާމްތަކުގެ ބޭނުން ނެތް ކަހަލަ އެވެ. މަންޒަރު ފެންނަނީ "ފޫނެތްފަޔަށް ފެންފުރުން" ކަހަލަ ގޮތަކަށެވެ. ނަތީޖާ އެއް ނެތް ބޭކާރު ކަމެއްގެ ގޮތުގައެ އެވެ. 

ރޭޕް ކޭސްތައް އިންތިހާ އަށް ގިނަ އެވެ. އެފަދަ ކޭސްތަކުގެ ސަބަބުން އެތައްކެއް އަންހެނުން ވަނީ އަނިޔާ ތަކާއި ކުރިމަތިލާން ޖެހިފަ އެވެ. އަނިޔާއިން ސަލާމަތްވެތިބެ ދިރިއުޅުން އާރަސްތުކުރުންވަން މިހާރު ވަނީ އުނދަގޫ ހާލަތަކަށް ގޮސްފަ އެވެ. ސަބަބަކީ ވެށީގެ މާހައުލުން އަންހެނުންނަށް ރައްކާތެރިކަމެއް ނެތީމަ އެވެ. ގޭތެރެ، އޮފީސް މާހައުލު، މަގުމަތި، ނުވިތާކުން ރަހުމަތްތެރިންގެ ނަމުގައި ދައުވަތު ދޭ އެހެންތާކުންވެ.

ނަމަވެސް ހައްގުތައް ކަށަވަރު ކުރުމުގެ ނަމުގައި، އަންހުނުނަށް ދިރިހުރުމުގެ ހައްގާއި، އުނގެނުމުގެ ހައްގާއި، މުދާ މިލްކު ކުރުމުގެ ހައްގުވެސްް ވަނީ ކަށަވަރުކޮށްދީފައިވެ އެވެ. ހަމައެހެންމެ ހަމަހަމަ އުޖޫރައެއް ލިބުމުގެ ހައްގުއި، އެންމެ މަތީ ދަރަޖައިގެ ޖިސްމާނީ އަދި ނަފްސާނީ ޞިއްޙަތުގެ ޙައްޤު ލިބިގަތުމުގެ ފަދަ އެންމެހާ އިންސާނީ ހައްގުތައް ވެސް ވަނި ގާނޫނުގެ ތެރެއިން ލިބިދީފަ އެވެ. އަދި ވަކި ޖިންސަކަށް ބެލުމެއް ނެތި މި ކަންތައްތައް ކަށަވަރުކޮށްދޭންޖެހޭ ކަމަށް ވެސް ހިނމަނާފަ އެވެ.

ނަމަވެސް ފެންނަނީ ހައްގުތައް ފޮތެއްގައި ލިވެފައިވާ ތަނެވެ. އަދި ބޮޑު ހާދިސާއަކާއި ކުރިމަތިވުން އިސްވެރިން އެކަމަށް ބަހެއް ބުނާ ތަނެވެ. ދެން ނިމުނީ އެވެ. ނަމަވެސް އެތަކެއް އަންހެނުންނެއް އަނިޔާ އާއި ވޭނާއި ކެކުޅުމަށް ކެތްނުވެ، އަނިޔާތަކާއި އެކު އުޅެން ޖެހިފައިވާތަން މިހާރު ފެންނަނީ ފިތްކަޑައިގެންދާހާ މިންވަރަށެވެ. އަދި އެފަދަ އަންހެނުން އެ އަނިޔާތަކާ އެކު ދުނިޔެ އާއި އަލްވަދާއު ވެސް ކިޔަން ޖެހިފައިވެސް އެބަހުއްޓެވެ. އޮފީސް މާހައުލުގައި ދިމާވާ މިފަދަ ކަންތައްތަކުން ނަފްސާނީ ހާލަތާއި ކުރިމަތިވެ، ވަޒީފާ އަށް ދާ ހިތްކެޑެއެވެ. ހަޔާތްބަނަވެ، އެކަނިވެރިކަން މިފަދަ މީހުން ތަހައްމަލް ކުރަން ޖެހެ އެވެ.

މި ހާދިސާތައް ތަކުރާރުކޮށް ރާއްޖޭގައި ހިނގާއިރު، މި އަނިޔާ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށްވުރެ ގިނައީ އެ ހާދިސާތަކަކީ ނުހިނގާ ކަމެއް ކަމަށް ހަދާ ފަސް އަޅާ ފޮހެލަން އުޅޭ މަންޒަރެވެ. ދާދިފަހުން ހިނގާފައިވާ ހާދިސާތަކުން ވެސް އެގެން ހުރީ ހަމަ މި ކަންތައްތައްތަކެވެ. އެގޮތުން ދާދިފަހުން ހިނގި ހާދިސާ އަކަށް ބަލާލާއިރު، ގދ. ތިނަދޫ ތޭން ޒިޔާދާ ނައީމް މަރުވީ އޭނަގެ ފިރިމިހާގެ ފަރާތުން ލިބުނު އަނިޔާތަކާއި ޒަހަމްތަކާއެކު އެވޭނަށް ކެތް ނުވެ އެހާލުގަ އެވެ. ހަމަ އެއާއެކު ދާދި މިދާކަށް ދުވަހު، ހދ. ނޮޅިވަރަމުގެ އަންހެނަކު މަރުވެގެންދިޔަ ވާހަކަ ވެސް އަޑުއަހާލަން އެހާ ފަސޭހައެއް ނޫނެވެ.

އިންސާނީ ހައްގުގެ ތެރެއިން އަންހެނުންނަށް ދިމާވާ މިފަދަ ނޭއްގާނީ އަމަލުތަކުން އަންހެނުންނަަށް އަރައިގަނެވޭނީ ކިހިނެތްތޯ ކޮންގޮތަކަށްތޯ މިއީ އުފެދޭ ބޮޑު ސުވާލެކެވެ. މި ސުވާލުގެ ޖަވާބު ނުލިބެނީސް އަނެއްކާ ވެސް ހަމަ އެފަދަ ހާދިސާއެއް އެބަ ހިނގައެވެ. މި އަމަލުކުތައް ތަކުރާރުވަމުން މިދަނީ ކޮންބައެއްގެ އިހުމާލުންތޯ ވެސް އެއީ އުފެދޭ ބޮޑު ސުވާލައެކެވެ.

އަންހެނުންނަށް ލިބޭ އަނިޔާތަކުން އަރައިގަނެވޭނެބާ!

އަންހެނުންނަށް ލިބޭ އަނިޔާތަކުން އަރައިގަނެވޭނެ އެވެ. އެއީ ސަރުކާރާއި އަދި ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެކަމަށް މަސައްކަތްތައް ކުރަމުންދާތީއެވެ. މިއީ މިކަން އޮތްގޮތެވެ. އެކަމަކު އިވޭ އަޑުތައް އަހާލަން އެހާ ފަސޭހަ ނޫނެވެ. އެ އަޑުތަކުން ހިތް ބިރު ގަންނަނީ އެކަންކަމަށް ތާއިދު ދެފައިވާ މިންވަރު ހިތައް އަރާފަ އެވެ. މި ދައްކަން އުޅެނީ ސަރުކާރުގެ އިސް ލެވެލްގައި ގައުމު ތަމްސީލް ކުރަން ތިއްބަވާ ބޭބޭފުޅުންގެ ފަރާތުން ފެންނަ އަމަލު ތަކުގެ ވާހަކައެވެ. ދަންނަވަތޯއެވެ؟ މިއީ ހިތާމަ ހުރި ބިރުވެރި ވާހަކަތަކެކެވެ. ބިރުވެރި ސިގްނަލެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ރޭޕް ކޭސްތަކުގެ ވާހަކަ ވެސް ވަނީ އަޑު އަހާފައެވެ. އެތަކެއް އަންހެނުން އެކަމުގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހުނު ވާހަކަތަކެކެވެ. އެ ބިރުވެރިކަމުން އަރައިނުގަނެވި އެތައް ދުވަހަކު އުޅެންޖެހުނު ގޮތުގެ ވާހަކަ އެވެ. ބިރުވެރި ކަމާއި ކުރިމަތިލާންޖެހުނު އަންހެނުންގެ ލޮލުން އޮހުރުނު ކަރުނައިގެ ވާހަކަ އެވެ. އެ މަންޒަރާއި އެ އަޑު ވެސް އެއީ އަހާލަން އެހާ ފަސޭހަ ވާހަކަ ތަކަކަށް އޭރު ނުވި އެވެ. 

މީގެ ދެ އަހަރު ކުރިން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައި ވެއެވެ. އެކަންތަކުގެ ތެރޭގައި ވަރަށް ގިނަ ވާހަކަތައް އޭރު ތިލަވެގެން އައިސްފައިވެއެވެ. އެ މައްސަލާގައި ކުށުގެ ވެށިން މީހާ ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި ކަމަށް ހަބަރުތައް ފެތުރުނެވެ. ދޫކޮށްލި މީހުންގެ ތެރޭގައި މެންބަރު ޖީހާންގެ ފިރިމީހާ ލ. ގަން، ތުނޑި، ނޫރަންގެ އަބްދުﷲ ޝާން ވެސް ހިމެނެ އެވެ.

އޭރުގެ އެ އަޑުތަކާއި މައުލޫމާތަށް ބަލާއިރު، އާންމުންގެ ޕްރެޝަރު ބޮޑުވުމުގެ ސަބަބުން ޝާންގެ މައްޗަށް ދައުވާ އުފުލުމަށް ހުޅުމާލެ ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ޝާން މައްޗަށް އުފާލި ދައުވާތަކަކީ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި، އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އެވެ. އަދި ގައިގާ އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެކަމަކު ޝާންގެ ޝަރީއަތް ކުރިޔަށް ދިޔަ ގޮތެއްވެސް ނޭނގި އެކަންވެސް ނިމިގެންދިޔަ އެވެ.

އަލީ ވަހީދުގެ ރޭޕް ކޭސް އިން ވެސް ފެނިގެންދަނީ ހަމަ އެއް މަންޒަރެކެވެ. އަލީ ވަހީދަށް 2020 ވަނަ އަހަރު ކުރި ޖިންސީ ގޯނާއި ރޭޕްކުރުމުގެ ހަތް، ދައުވާ މިހާރު އަނބުރާ ގެންގޮސްފި އެވެ. އެއީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ދިނުމާއި، ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި، ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާއެވެ.

ބޭރުން ފެންނަ އަމަލުތަކަށްވުރެ، އެތެރޭގެ ހާލަތު ގޯސް ވެއްޖެ ނަމަ ދެން ކަން ވެގެންދާނެ ގޮތް ނިކަން ވިސްނާލަ ބަލާށެވެ. ފެންނަމުން ތަކުރާރުވަމުން މިދަނީ ދެކެން ބޭނުންވި ދުވަސްތަކެެއް ނޫނެ އެވެ. އަންހެނުންނަށް ތަފާތު އަނިޔާ ކުރާކަމަށް ބުނާ ނުފޫޒު ގަދަ މީހުން ދޫވާ މަންޒަރެވެ. މިއީ ހަމަ އިންސާފުތޯ އެވެ. މިއީ ހޯދުމަށް ވަކާލާތު ކުރަމުންދާ އިންސާފުގެ ތަރާދުން ލިބޭ ހަމަހަމަކަން ތޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް