ads
ރައީސް ނަޝީދު ފައްޔާޒް އާ ބައްދަލުކުރައްވަނީ
އެމްޑީޕީން ރައީސް ނަޝީދު ވަކިވުމުން ޕާޓީތަކަށް ކުރިއަށް ދާން މަގު ހުޅުވިއްޖެ: ފައްޔާޒް
އެމްޑީޕީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަގާމުންވަކިވުމުން މިއަދަކީ ހިތާމަވެރި ދުވަހެއް ނަމަވެސް އެ ނިންމުމުގެ ސަބަބުން ޕާޓީތަކަށް ކުރިއަށް ދާން މަގެއް ކޮށިއްޖެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވުމަށް އެދި ރައީސް ނަޝީދު ފައްޔާޒު އިސްމާއިލް އަށް ސިޓީއެއް ފޮނުއްވީ މިއަދު އެވެ. 

ސިޓީއާއި ގުޅިގެން އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ "ރައީސް ނަޝީދުގެ އެ ނިންމެވުމުގެ ސަބަބުން ކޮންމެ ޕާޓީއަށް ވެސް އެ ޕާޓީއެއް އިހުތިޔާރުކުރި މަގަކުން ކުރިއަށް ދާން މަގު ކޮށިއްޖެ،" ކަމަށެވެ.

ބޮޑަށް ބެލެވޭ ގޮތުގައި ފައްޔާޒު އެ އިޝާރާތް ކުރައްވަނީ އެމްޑީޕީގެ އެތެރޭގައި ވެރިކަމަށް ޝައުގުވެރިވާ ދެ ބޭފުޅުން ތިއްބަވަނިކޮށް އެތަނުން އެއް ބޭފުޅަކު އެ ޕާޓީން ވަކިވިވަކިވުމަށެވެ. އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި އެމްޑީޕީގެ ޓިކެޓު މިވަގުތު ލިބިވަޑައިގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. 

ފައްޔާޒު ވަނީ އެމްޑީޕީއަށް ރައީސް ނަޝީދުގެ ޒައާމަތުގައި ލިބުނު ކުރިއެރުމަށް ޝުކުރު ދަންނަވާފައެވެ. އަދި ރައީސް ނަޝީދަށް ކުރިއެރުން އެދޭކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ ނިންމެވުމުން އެމްޑީޕީއަށް ލިބުނު "ލުޔަށް" ވެސް ފައްޔާޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ. 

ރައީސް ނަޝީދު އެމްޑީން މިއަދު ވަކިވަމުން ވިދާޅުވެފައިވަނީ "ރާއްޖޭގައި މިވަގުތު ކަންކަން ހިނގާ ގޮތަށް ބަލާ އެޕާޓީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައި ނުގަންނަވާތީ ޕާޓީން ވަކިވާ" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދުނު ހަމަނުޖެހުންތަކުގައި ރައީސް ނަޝީދުގެ ސަޕޯޓަރުން ގެންދަވަނީ 'ދަ ޑިމޮކްރޭޓްސް' ނަމުގައި ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް