ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާއެއް މާދަމާއަށް އެޖެންޑާ ކޮށްފި
ހަމަނުޖެހުން ބޮޑުވެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިން ޖަލްސާއެއް ނުބޭއްވޭތާ ދެ ދުވަސް ފަހުން މަޖިލިސް ޖަލްސާއެއް ތާވަލްކޮށްފިއެވެ.

އެޖެންޑާގައި ވާގޮތުގައި މާދަމާ އޮންނާނީ، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުން ތަމްސީލުކުރައްވާނޭ ނިސްބަތައް ގެނެވޭ ބަދަލާމެދު ބަހުސް ކުރުމެވެ.

މަޖިލިސް ހުއްޓިފައިވާ މިދަނޑިވަޅުގައި އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތާއި ހަވާލުވާން އުޒުރުވެރިވާކަމަށް ވިދާޅުވެފައި އޮތް އޮތުން އަނބުރާ ގެންދަވައި މަޖިލީހުގެ ރިޔާސަތާއި ހަވާލުވާން އެދިފައެވެ. 

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ 55 މެންބަރުންގެ ސޮޔާއިއެކު، ހުށަހެޅިފަހުން ރައީސް ނަޝީދު ވަނީ ރިޔާސަތުގައި އިންނެވަން އުޒުރުވެރިވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މަޖިލީހުގެ ގަވާއިދު ބުނާގޮތަށް ތިން ޖަލްސާއެއްގެ ރިޔާސަތު މަޖިލީހުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ މެންބަރުގެ ހައިސިއްޔަތުން ރިޔާސަތު ބެލެހެއްޓެވީ ހަސަން އަފީފެވެ. 

ނަމަވެސް، އެންމެ ފަހުން ބުރާސްފަތި ދުވަހު މަޖިލީހުގެ ޖަލްސާއެއް ތާވަލެއް ނުކުރެއެވެ. 

އިދިކޮޅުން ބުނަނީ މަޖިލީހުގެ ރައީސް އަދި ނައުބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ މަޖިލީހުގައި "ޑެޑްލޮކް" ނުވަތަ މަރުތަޅު އެޅުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ސަރުކާރުގެ މައިޕާޓީ އެމްޑީޕީން އެ ތުހުމަތުތައް ދޮގުކުރެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކެނޑި މަޖިލީން މަރުތަޅު އެޅުވުނުއިރު، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް