ads
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު --
ފުއާދު ގޮވާލެއްވީ ޒިންމާ އަދާނުކުރައްވާ އީސީގެ މެމްބަރުގެ އިސްތިއުފާއަށް
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ ކޮމިޝަނުގެ ޖަލްސާ ތަކަށް ވަޑައި ނުގަންނަވާ އަދި ޒިންމާ އަދާނުކުރައްވާ ނުކުރަށްވާ މެމްބަރުންނަށް އެންމެ ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އެކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
Advertisement

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މައްސަލައިގައި ކޮމިޝަނުގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ، އެ ކޮމިޝަނުގެ ދެމެންބަރުން ކަމަށްވާ މުހައްމަދު އާސިފާއި، އަލީ ނަޝާތު އެކޮމިޝަނުން ބާއްވާ ޖަލްސާތަކުގައި ބައިވެރި ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އަދި އިއްޔެ ބޭއްވި އީސީގެ ޖަލްސާއަށް އެބޭފުޅުން ވަޑައި ނުގެންނެވުމުން ކޯރަމް ހަމަނުވެ ޖަލްސާވަނީ ނުބޭއްވިފައެވެ.

އީސީގެ ރައީސް ފުއާދު މިއަދު ސީއެންއެމްއަށް ވިދާޅުވީ އީސީގެ މެމްބަރުން އެފަދަ ގޮތަކަށް އަމަލު ކުރައްވާ ޒިންމާ އަދާ ކުރައްވަން ބޭނުންނުވާ ކަމަށްވާނަމަ އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވާފައި ގޭގައި ތިއްބެވުން ކަމަށެވެ. 

"ބޮޑާހާކާފަ ކުޑަކުދީން ސްކޫލަށް ނުދާނަމޭ ބުނާ އުސޫލުން އެބޭފުޅުންނަށް އޮފީހަށް ވަޑައިނުގެން ތިއްބެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އިނގޭތޯ. ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގަ އަޅުގަނޑު ދެކެނީ. ދެން އެބޭފުޅުން ޖަލްސާގަ ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅު ނޫނިއްޔާ އެބޭފުޅުން އިސްތިއުފާ ދެއްވާފަ ގޭގަ ތިއްބެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ. - ފުއާދު

ފުއާދު ވިދާޅުވީ ޖަލްސާ ތަކުގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވާ މެންބަރުން އެފަދަ ސުލޫކެއް ދައްކަވާ ކަމަށްވާނަމަ އޭގެ މާނައަކީ އެފަދަ މަގާމަކަށް އެބޭފުޅުން ކުފޫ ހަމަ ނުވާކަން ކަމަށެވެ. 

ދަ ޑިމޮކްރެޓްސް އުފައްދަން ފުރަތަމަ ހުށަހެޅުމާއެކު ފެންމަތިވި މައްސަލައަކީ ޕާޓީ އުފެއްދުމަށް ހުށަހެޅި ފޯމްތައް އެކޮމިޝަން ތެރެއިން ލީކުވި މައްސަލައެވެ. އެ ޕާޓީން ބުނީ އެފޯމްތައް ސަރުކާރުގެ ނުފޫޒުން ލީކުކޮށް ވަކި ވަކި ފަރުދުންނަށް ސަރުކާރުގެ އެކި ފަރާތްތަކުން ގުޅައި ބިރުދެއްކުމުގެ އަމަލު ތައް ކޮށްފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ އެކޮމިޝަނުގެ މެންބަރުންނަކީ ވަރަށް ބޮޑު ޒިންމާއެއް ނަންގަވައި، ހުވައެއް ކުރައްވައި ދައުލަތުން މުސާރަ ދެއްވާފައި ތިބޭ ބަޔަކަށްވާއިރު އެފަދަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އަލީ ނަޝާތު އާއި މުހައްމަދު އާސިފް އިއްޔެ ސީއެންއެމްއާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފުއާދު އިތުރުފުޅު ހައްދަވާފައިވާކަމަަށެވެ. އެކަން ދޮގު ކުރައްވަމުން ފުއާދު ވިދާޅުވީ ކޮމިޝަނުގެ މަސައްކަތް އަވަހަށް، ރަނގަޅަށް ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ކަމަށާއި، އަދި އެމަނިކުފާނު އިތުރުފުޅެއް ނުހައްދަވާ ކަމަށެވެ. 

ނޫން އަޅުގަނޑު ދޮގެއް ނަހަދަން. އަޅުގަނޑު އެކަމެއް އޮންނަގޮތް ވަރަށް ސާފުކޮށް ހަމަ ކޮންމެ ފަރާތެއްގަވެސް މިދަންނަވަނީ. އަޅުގަނޑު ނުޖެހޭ ދޮގު ހަދާކަށްވެސް އިނގޭތޯ. ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަންތައްތައް ދާގޮތުން އަޅުގަނޑު ދައްކާ ވާހަކައާ ކަންވާގޮތާ މީގަ ތަފާތެއް ނެތްކަން. ތިބޭފުޅުން ވިސްނާ ވަޑައިގެންފިއްޔާ އެނގިވަޑައިގަންނަވާނެ އިނގޭތޯ. އަޅުގަނޑަކީ ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަންތައްތައް ގެންދަން ބޭނުންވާ މީހެއް " ފުއާދު

މެންބަރު އާސިފް ވިދާޅުވީ އޮފީހުގެ ތެރޭގައި ދަ ޑިމޮކްރެޓްސްއާ ގުޅޭ ގޮތުން ހިނގާ ބައެއް ކަންކަމުގެ ވާހަކަ އެ ޕާޓީގެ ބައެއް ބޭފުޅުންނާ ފުއާދު ހިއްސާ ކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް ފުއާދު ވިދާޅުވީ އެމައުލޫމާތު ތަކަކީ ކޮންމެހެން ދޭން ޖެހޭ މައުލޫމާތު ތައްކަމަށާއި، އެ މެންބަރުން ބޭނުންވަނީ ކަންކަން ވަންހަނާ ކޮށްފައި ބަހައްޓަން ކަމަށެވެ.

ނަޝާތުއާއި އާސިފް އިއްޔެގެ ޖަލްސާއަށް ވަޑައި ނުގެންނެވީ އެބޭފުޅުން ވިދާޅުވާ ގޮތުގައި، އީސީގެ ރައީސްގެ އަމަލުތައް ހުރިގޮތުން އިތުބާރު ގެއްލުމުންނެވެ. އަދި ފުއާދު ރިޔާސަތު ބަލަހައްޓަވާ ޖަލްސާއަކަށް ވަޑައިނުގަންނަވާނެ ކަމަށްވެސް ދެ ބެފުޅުން ވިދާޅުވިއެވެ.

29%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
57%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް